Advertisement

ބޭރުން ފަރުވާ ހޯދުމުގެ މުއްދަތު އިތުރުކޮށްދޭން އަދީބު އެދިއްޖެ

22 ޖުލައި 2023 - 11:11 1

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު؛ ބޭރުން ފަރުވާ ހޯދުމަށް އޭނާއަށް ދީފައިވާ މުއްދަތު އިތުރުކޮށްދޭން އެދިއްޖެ


ބޭރުން ފަރުވާ ހޯދުމުގެ މުއްދަތު އިތުރުކޮށްދޭން އަދީބު އެދިއްޖެ

22 ޖުލައި 2023 - 11:11 1

ބޭސްފަރުވާއަކަށް ރާއްޖޭން ބޭރަށް ވަޑައިގަންނަވަން ސަރުކާރުން ދިން 10 ދުވަހުގެ މުއްދަތު މިއަދަށް ހަމަވެފައިވާއިރު އެ މުއްދަތު އިތުރުކޮށްދޭން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އެދިވަޑައިގެންފި އެވެ.

ކަރެކްޝަނަލް ސާވިސަސްގެ އޮފިޝަލަކު "އަދަދު" އަށް ވިދާޅުވި ގޮތުގައި އެ ހިދުމަތުން ހުއްދަ ދެވޭ މުއްދަތަށް ބޭސްފަރުވާގެ ކަންކަން ނުނިމޭނަމަ އެ ކަމަށް އެދުމުން، އޮންނަ އުސޫލުގެ ތެރެއިން އެ ކަމަށް ޕްރޮސެސްކޮށްދޭން އެދޭން އޮންނަ އުސޫލުން އަދީބު ވެސް އެދިފައިވާ ކަމަށެވެ.

އިމިގްރޭޝަންގެ އޮފިޝަލަކު ވެސް ވިދާޅުވީ ކަރެކްޝަންސްގެ ފަރާތުން އަދީބު އެދިފައިވާ ކަން ލިބިފައިވާތީ، އެ ކަން ބަލަމުން އަންނަ ކަމަށެވެ.

އެ ސާވިސް އިން ބުނި ގޮތުގައި އަދީބު ރާއްޖޭން ބޭރަށް ފޮނުވީ އޭނާ އަނބުރާ ރާއްޖެއަށް ގެނެވޭނެކަން ކަށަވަރުކޮށްފައި ކަމަށެވެ. އަދީބު ބޭސްފަރުވާއަށް ސިންގަޕޫރަށް ފޮނުވާ އިރު އޭނާގެ އަރިހުގައި ސެކިއުރިޓީ އޮފިސަރުން ވެސް ދާނެ ކަމަށް ބުންޏެވެ.

އަދީބު ރާއްޖޭން ބޭރަށް ފޮނުވީ ރާއްޖޭގައި ހެދެން ނެތް ޓެސްޓްތަކެއް ހެދުމަށް ބޭނުންވާ ކަމަށް ޑޮކްޓަރުން ލިޔުމުން ދިނުމުން، ކަރެކްޝަންގެ މެޑިކަލް ބޯޑުން އެ ގޮތަށް ލަފާ ދިނުމުންނެވެ. އޭނާ ފަރުވާ ހޯދަމުން ދަނީ ނާރުގެ ބައްޔަކަށް ކަމަށް އޭނާ ނިސްބަތްވާ ސިޔާސީ ޕާޓީ، އެމްޓީޑީން ބުނެފައިވެ އެވެ.

ކޮންޓްރޯލާ އޮފް އިމިގްރޭޝަން މުހައްމަދު އަހުމަދު (ހަނަފީ) މީގެ ކުރިން "އަދަދު" އަށް ވިދާޅުވި ގޮތުގައި އަދީބު ސިންގަޕޫރަށް ދަތުރުކުރެއްވީ އޭނާގެ ދާއިމީ ޕާސްޕޯޓާ އެކުގައެއް ނޫނެވެ. އޭގެ ބަދަލުގައި އޭނާއަށް ދޫކޮށްފައި ވަނީ ވަގުތީ ޓްރެވެލް ޑޮކިއުމެންޓެއް ކަމަށް ހަނަފީ ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީއަށް ލިބެންޖެހޭ ފައިސާގެ ތެރެއިން އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ވަގަށް ނެގިކަމުގެ ކުށް ސާބިތުވެ 20 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފައިވާ އަދީބު ޖަލުން ގެއަށް ބަދަލުކުރީ ވެސް އޭނާގެ ސިއްހީ ހާލަތާ ގުޅުވައިގެންނެވެ. އޭނާގެ ޖަލުހުކުމް ގޭބަންދުގައި ފުރިހަމަ ކުރަން ދޫކޮށްފައި ބަހައްޓާތީ ސަރުކާރަށް އަމާޒުވި ފާޑުކިއުންތަކާ ގުޅިގެން ހޯމް މިނިސްޓްރީން ކުރިން ބުނެފައި އޮތީ އޭނާ ގެއަށް ބަދަލުކުރީ ނިދާ އިރު މެޝިނެއް ބޭނުންކުރަން ޖެހޭތީ ކަމަށެވެ.

އަދީބު ފުރަތަމަ ގެއަށް ބަދަލުކުރަން ހައިކޯޓުން 2018 ވަނަ އަހަރު އަމުރުކުރީ އޭނާއަށް އެކަށީގެންވާ ސިއްހީ ފަރުވާ ނުލިބޭ ކަމަށް ބުނެ އޭނާގެ ފަރާތުން އެކޯޓަށް މައްސަލައެއް ހުށަހެޅުމުންނެވެ.