Advertisement

ޝާހިދު މިފަހަރު ވިދާޅުވީ "ބަލި ހިބަރެއް"ގެ ވާހަކައެއް ނޫން

20 ޖުލައި 2023 - 23:24 1

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ހއ. ދިއްދޫގައި މިރޭ ވާހަކަދައްކަވަނީ. ފޮޓޯ: އެމްޑީޕީ


ޝާހިދު މިފަހަރު ވިދާޅުވީ "ބަލި ހިބަރެއް"ގެ ވާހަކައެއް ނޫން

20 ޖުލައި 2023 - 23:24 1

ގުޅިފައިވާ ޕާޓީތަކުން 2018 ވަނަ އަހަރު ކުރި ވަރުގަދަ ރިޔާސީ ކެމްޕޭނުގެ ތެރެއިން ށ.ފޯކައިދޫގައި ބޭއްވި ޖަލްސާގައި މިހާރުގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ދެއްވި "ހިބަރު ވަދު" ސްޕީޗަކީ ވަރަށް މަޝްހޫރު ސްޕީޗެކެވެ. އޭރުގެ ރައީސް އަބްދުﷲ ޔާމީނަށް ސިޔާސީ ގޮތުން ހެއްދެވުނު ގޯސްތައް ޝާހިދު އޭރު ސިފަކުރެއްވީ "ހިބަރު ވަދެއްގައި ޖެހުން" ކަމަށެވެ. ސިޔާސީ ގޮތުން ޔާމީނު ހުންނެވީ "ބަލިވެ، ލޮޑުވެފައިވާ ހިބަރެއް" ފަދައިން ކަމަށް އެ ސްޕީޗްގައި ސިފަކުރެއްވި އެވެ.

"ހިބަރު އެއޮތީ ބޭނިފައި ، އެ ސޮރު އޮތީ ލޮޑުވެފައި،" ރިޔާސީ އިންތިހާބު ޔާމީނަށް ނާކާމިޔާބުވެވަޑައިގަންނަވާނެ ގޮތް ސިފަކުރައްވަމުން ޝާހިދު އޭރު ވިދާޅުވި އެވެ.

އެހެން ނަމަވެސް މިފަހަރުގެ ރިޔާސީ އިންތިހާބަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކުރައްވާ ކެމްޕޭނުގައި މިހާރުގެ އިދިކޮޅު ފަރާތްތައް އޭނާ ސިފަކުރެއްވީ ބަލިވެފައިވާ ހިބަރެއްގެ ގޮތުގައެއް ނޫނެވެ. އޭގެ ބަދަލުގައި އޭނާ ވިދާޅުވީ "މަސް އައިން އޮޑިއަށް ކަހައިލުން ލަސްކުރެވޭކަށް ނެތް" ކަމަށާއި އަޑީގާއި "ހިބަރާއި ފެމުނު" އެބަތިބި ކަމަށެވެ.

ރައީސް ސޯލިހުގެ އެޖެންޑާއަކީ "ތަރައްގީގެ ރަސްއައިނެއް" ގެ ގޮތުގައި ސިފަކުރައްވައި އޭނާ އެދިވަޑައިގެންނެވީ އެ އައިން އޮޑިއަށް ކަހައިލުން އަވަސްކުރުމަށެވެ.

"އަޅުގަނޑުމެން ފަޅުވެރިން މިވަގުތު ކުރަން އޮތް ކަމަކީ ، ކުރުދޮށީގައި ހައްސަ ބޭނޭތޯ ނަގައި އޮޑިއަށް މަސްއައިން ކަހާލުން. އެކަމަށް ތައްޔާރުވެވަޑައިގަންނަވާ ތިޔައިން ކޮންމެ ބޭފުޅަކު ވެސް ކުރުދޮށި ހިފައިގެން ނުކުމުވެޑައިގެން މަސް އައިން އޮޑިއަށް ކަހާލަދެއްވާ. އަވަސް ކުރަން އެބަ ޖެހޭ އެއީ އަޑީގައި ހިބަރާ ފެމުނު އެބަ އުޅޭ،" ޝާހިދު ވިދާޅުވި އެވެ.

އޭނާ އެ ވިދާޅުވީ ސީދާ ކޮންކޮން ބޭފުޅުންނެއްގެ ވާހަކަ ކަމެއް ވިދާޅު ނުވިޔަސް އެއީ އިދިކޮޅު ފަރާތްތައް ކަން ސާފު ވެ އެވެ. އިދިކޮޅު އެގޮތަށް ސިފަކުރައްވައި ޝާހިދު ދެއްވީ ނުރައްކަލުގެ އިންޒާރެކެވެ. އެއީ އެ ބޭފުޅުންނަށް އިންތިހާބު ކާމިޔާބު ވެއްޖެ ނަމަ "އައިން ފިލާނެކަމުގެ [ތަރައްގީ ހުއްޓޭނެ ކަމުގެ] އިންޒާރެވެ.

"އެހެންވީމާ އަޅުގަނޑުމެންނަށް މާގިނަ ފުރުސަތެއް ވަގުތެއް ނޯންނާނެ. ހިބަރާއި ފެމުނު ތިލަވިޔަ ދީގެން ނުވާނެ. އޭގެ ކުރިން މި ބޮޑު ތިލަދުންމަތީގައި އޮތް ބޮޑު ތަރައްގީ އަޅުގަނޑުމެން ނަގައި ކޮޅަށް ޖަހަން ޖެހޭނެ. އެ ދުވަސް މިއަންނަނީ ނުވައެއް ސެޕްޓެމްބަރު ދުވަހަކީ އަޅުގަނޑުމެން ހިބަރާއި ފެމުނަށް ނޫނެކޭ ބުނާ ދުވަސް،" ޝާހިދު ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކަށް މިފަދަ މަޖާޒީ ގޮތަކަށް ޝާހިދު ހަމަލާ ދެއްވީ ރައީސް ސޯލިހަށް ވަރަށް ބޮޑަށް ތައުރީފު ކުރެއްވުމަށް ފަހުގަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ރައީސަކީ ވަރަށް ހީވާގި އަދި ކަންކަމުގައި އަޒުމް ވަރުގަދަ ބޭފުޅެކެވެ.