Advertisement

ގިނަ ޝަކުވާތައް ހުއްޓިއްޖެ، ދަށީ ސިއްހީ ދާއިރާ: ރައީސް

20 ޖުލައި 2023 - 22:09 1

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހއ. ދިއްދުއަށް ވަޑައިގެންނެވުމުން މަރުހަބާ ދަންނަވަން ނުކުތް މީހަކާ ސަލާމްކުރައްވަނީ. ފޮޓޯ: އެމްޑީޕީ


ގިނަ ޝަކުވާތައް ހުއްޓިއްޖެ، ދަށީ ސިއްހީ ދާއިރާ: ރައީސް

20 ޖުލައި 2023 - 22:09 1

ގިނަ ކަންތައްތަކެއް ނުކުރެވި ހުރެގެން 2018 ވަނަ އަހަރު އިވުނު ޝަކުވާތައް މިހާރު ނެތް ކަމަށާއި މި ސަރުކާރުގެ މަސައްކަތްތަކުގެ ތެރެއިން ތަންކޮޅެއް ލަހީ ސިއްހީ ދާއިރާގެ މަސައްކަތްތައް ކަަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބަށް، އެމްޑީޕީގެ ކެންޑިޑޭޓްގެ ހައިސިއްޔަތުން ކުރައްވާ ކެމްޕޭނުގައި ހއ. ދިއްދޫގައި މިރޭ ބޭއްވެވި ޖަލްސާގައި ރައީސް ވިދާޅުވީ 2018 ވަނަ އަހަރު ރަށްރަށަށް ކުރެއްވި ދަތުރުތަކުގައި ގިނަ ޝަކުވާތަކެއް އިވިވަޑައިގެންނެވި ކަމަށެވެ. އޭރު ރައްޔިތުން ޝަކުވާ ކުރި ގިނަ ކަންތައްތަކެއްގެ މަސައްކަތްތަކުގެ ބޮޑު ބައެއް ނިމި އަނެއްބައި މަސައްކަތްތައް ކުރިއަށްދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. ސަރުކާރުން ކޮށްފައިވާ ގިނަ މަސައްކަތްތަކެއްގެ ލިސްޓެއް އެއާ އެކު އެމަނިމކުފާނު ވިދާޅުވެދެއްވި އެވެ.

"ދަރީންނަށް މަތީ ތައުލީމު ދެވޭނެ ގޮތެއް ނެތިގެން އެ ދުވަހު އެކުރި ޝަކުވާގެ އަޑެއް މިއަދަކު އެއްވެސް ރަށަކުން ނީވޭ، އެއްވެސް ރަށަަކުން ނީވޭ،" ރައީސް ވިދާޅުވި އެވެ.

ދައުރުގެ މިހާ ހިސާބަށް އައި އިރު އެމަނިކުފާނު ވިދާޅުވި ގޮތުގައި ހިލޭ ޑިގްރީ ޕްރޮގްރާމްގައި ކިޔަވާ ދަރިވަރުންގެ އަދަކީ 18،000 އެވެ. ލަފައިފުރުމުގެ ދަތިކަމުގެ ވާހަކަ މިއަދު ދައްކަނީ މަދު ރަށަކުން ކަމަށާއި ކަރަންޓްގެ މައްސަލަ ހައްލުނުވުމުގެ ޝަކުވާއެއް ނެތް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން، ކުޑަކޮށް، ތަންކޮޅެއް ފަހަތުގައި އުޅޭ އެއް ދާއިރާއަކީ ސިއްހީ ދާއިރާ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެ ދާއިރާއިން ފެށި މަސައްކަތްތައް ތަންކޮޅެއް ލަސްކަން ގަބޫލުކުރައްވާ ކަމަށް ވިދާޅުވުމާ އެކުގައި ވެސް އެ ދާއިރާއިން ކުރެއްވި މަސައްކަތްތަކުގެ ތަފާސް ހިސާބުތައް ދެއްވި އެވެ. ކުރިން މާލޭން ނޫނީ ނުލިބޭ ހިދުމަތެއް ކަމަށްވާ އެމްއާރްއައިގެ ހިދުމަތް މިހާރު އުތުރާއި ދެކުނުން ލިބުން، އެމަނިކުފާނު އެ ލިސްޓްގައި ހިމެނުއްވި އެވެ.

ރައީސް މިމޭރުމުން ވާހަކަ ދެއްކެވި އިރު 2018 ވަނަ އަހަރުގެ ރިޔާސީ ކެމްޕޭނުގައި އެމަނިކުފާނު ރާއްޖޭގެ 90 އަށް ވުރެ ގިނަ ރަށްރަށަށް ދަތުރުކުރައްވައި ، އޭރު ހުރި ޝަކުވާތައް އަޑު އެއްސެވި އެވެ. ރަށްރަށަށް ވައުދުތައް ވެވަޑައިގެންނެވީ އެ ޝަކުވާތައް އައްސަވައިގެންނެވެ.

އަންނަ ސެޕްޓެމްބަރުމަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކެންޑިޑޭޓުން މިހައިތަނަށް ކަނޑައެޅީ އެމްޑީޕީ އާއި އިދިކޮޅު ޕީޕީއެމް އާއި ޖުމްހޫރީ ޕާޓީ އަދި އެމްއެންޕީންނެވެ. އަލަށް އުފެއްދި ދަ ޑިމޮކްރެޓްސް އިން މިހާރު ވަނީ ރިޔާސީ ޕްރައިމަރީއަށް ހުޅުވާލައިފަ އެވެ.