Advertisement

ދުނިޔޭގެ ކްރިކެޓް ޖަމިއްޔާ އިން ރާއްޖޭގެ ނާބެގެ އަގުވަޒަންކޮށްފި

18 ޖުލައި 2023 - 12:25 0

ރާއްޖޭގެ ކްރިކެޓަށް ދިގު މުއްދަތަކަށް ހިދުމަތްކުރެއްވި، މުހައްމަދު ނާސިރު (ރިނބުދޫ ނާބެ).


ދުނިޔޭގެ ކްރިކެޓް ޖަމިއްޔާ އިން ރާއްޖޭގެ ނާބެގެ އަގުވަޒަންކޮށްފި

18 ޖުލައި 2023 - 12:25 0

ދުނިޔޭގެ ކްރިކެޓް ޖަމިއްޔާ، އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) އިން ރާއްޖޭގެ ކްރިކެޓަށް ދިގު މުއްދަތަކަށް ހިދުމަތްކުރެއްވި، މުހައްމަދު ނާސިރު (ރިނބުދޫ ނާބެ)ގެ ހިދުމަތުގެ އަގުވަޒަންކޮށް އެވޯޑެއް ދީފި އެވެ.

ނާބެ އަށް އައިީސީސީން ދިން އެވޯޑާ ހަވާލުވެވަޑައިގެންނެވީ، ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)ގެ ރައީސް މުހައްމަދު ފައިސަލް އެވެ. އެއީ ދާދި ފަހުން، ދެކުނު އެފްރިކާގެ ޑާބަންގައި ބޭއްވި އައިސީސީ އެނުއަލް ކޮންފަރެންސްގެ ތެރެއިންނެވެ.

ކްރިކެޓް ބޯޑުން ވަނީ ނާބެ އަށް މި އެވޯޑް ދިނުމަށް ހާއްސަ ހަފްލާއެއް ރޭވުމަށް ނިންމައިފަ އެވެ.

ރާއްޖޭގެ ކުޅިވަރަށް 50 އަށް ވުރެ ގިނަ އަހަރު އެކި ގޮތްގޮތުން ހިދުމަތްކުރެއްވި ނާބެ ވަނީ އެންމެ މަތީ ފަންތީގައި ގިނަ އަހަރުތަކެއް ވަންދެން ކްރިކެޓް ކުޅުއްވައިފަ އެވެ. އެ ގޮތުން، ކުޅިވަރަށް ނާބެ ހިދުމަތްކުރައްވަން 1960ގެ އަހަރުތަކުގެ ތެރޭގައި ފެއްޓެވިއިރު، އޭނާ ވަނީ ކްރިކެޓްގެ އިތުރުން ފުޓްބޯޅަ އާއި ހޮކީގެ އިތުރުން އެހެން ކުޅިވަރުތަކުގައި ވެސް ގައުމީ ލެވަލްގައި ބައިވެރިވެފަ އެވެ.


ނާބެގެ ހިދުމަތްތަކުގެ ތެރެއިން ވުޖޫދުވި ކްލަބްތަކުގެ އެހީގައި ރާއްޖޭގެ އެންމެ މަތީ ފަންތި އަށް ގިނަ ކުޅިވަރު ތަރިންނެއް ވަނީ ގެނެސްދީފަ އެވެ.

އެ ގޮތުން، ނާބެ މަޝްހޫރުވެފައިވަނީ ވެސް ކުޅިވަރު ކުޅުންތެރިން ކުރިއަރައިގެން ދިއުމަށް ނުހަނު ގިނަ އެހީތަަކެއް ވެދެއްވި ފަރާތެއްގެ ގޮތުގަ އެވެ. މީގެ އިތުރުން، ނާބެ އާއި ނާބެގެ އާއިލާ އިން އަންނަނީ ކެނޑިނޭޅި ރާއްޖޭގެ ކްރިކެޓްގެ ޑިވެލޮޕްމަންޓަށް މުހިންމު ގިނަ މަސައްކަތްތަކެއް ކޮށްދެމުންނެވެ.

ކްރިކެޓަށް ހާއްސަ ޝައުގުވެރިކަމެއް ހުންނަ ނާބެގެ މަސައްކަތް ކްރިކެޓަށް ބަލާނަމަަ އެންމެ ބޮޑަށް ފެންނަން އޮތީ މާލެ ސްޕޯޓްސް ކްލަބުންނެވެ. އެ ގޮތުން، އެ ކްލަބް ވުޖޫދުކުރުމުގެ އިސް މޭސްތިރިޔެއްގެ ގޮތުގައި ހުރި ނާބެ އެ ޓީމާ އެކު އެ މަސައްކަތުގައި ދެމިހުންނަތާ މި ވަނީ 25 އަށް ވުރެ ގިނަ އަހަރުވެފަ އެވެ.

ޖުމްލަކޮށް، ރާއްޖޭގެ ކުޅިވަރަށް ނާބެ ކޮށްދެއްވި ހިދުމަތްތަކުގެ އަގުވަޒަންކޮށް ސަރުކާރުން ވަނީ 2006 ވަނަ އަހަރު ނާބެ އަށް އާންމު ހިދުމަތުގެ ގައުމީ އިނާމު ދެއްވައިފަ އެވެ. އޭގެ އިތުރުން، ރާއްޖޭގެ ފުޓްބޯޅަ އަށް ނާބެ ކޮށްދިން ހިދުމަތުގެ އަގުވަޒަންކޮށް، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވަނީ 2017 ވަނަ އަހަރު ނާބެ އަށް ލައިފް ޓައިމް އެޗީވްމެންޓް އެވޯޑް އަރުވައިފަ އެވެ.