Advertisement

ނުކުޅެދުންތެރި އާބާދީ- ޙައްޤުތަކަށް "ވެއިޓްލިސްޓު"ގައި

18 ޖުލައި 2023 - 08:06 1

ނަސްމާ އަބްދުލްމުހުސިން

ނަސްމާ އަބްދުލްމުހުސިން


ނުކުޅެދުންތެރި އާބާދީ- ޙައްޤުތަކަށް "ވެއިޓްލިސްޓު"ގައި

18 ޖުލައި 2023 - 08:06 1

މައްސަލައަކީ ގެވެށި އަނިޔާގެ މައްސަލައެކެވެ. ދެމައިންގެ ނަމުގައި މައްސަލަ ރިޕޯޓުކުރީ މަންމައެވެ. އަނިޔާ ލިބުނީ މަންމަ އާއި އޭނާގެ ހަ އަހަރަށް ދާ ދަރިފުޅަށެވެ. އެ ދަރިފުޅަކީ ނަފުސާނީ ނުކުޅެދުންތެރި ކަމެއް ތަހައްމަލުކުރަމުންދާ ކުއްޖެކެވެ. ވާހަކައެއް ނުދެއްކެ އެވެ. ސިކުނޑި މަސައްކަތްކުރަނީ އެގާރަ މަހުގެ ތުއްތު ކުއްޖެއްގެ ސިކުނޑި މަސައްކަތްކުރާ މިންވަރަށެވެ. ކަމާ ބެހޭ އިދާރާގައި މަންމަ ބުނީ އޭނާގެ ފިރިމީހާ ކުއްޖާ ދެކެ ރުޅިއައިސްގެން އެކުއްޖާގެ ގައިގައި ބެލްޓަކުން ޖެހި ވާހަކައެވެ. އަދި އެކަމަށް ހުރަސް އެޅުމުން މަންމަ ގައިގައި ޖެހި ވާހަކައެވެ. ކަމާ ބެހޭ އިދާރާއިން ނިންމީ އެ ކުއްޖާއާ ސުވާލުކުރުމަށެވެ. ހަމުގެ ކުލަ އަނދިރި މި ކުއްޖާގެ ގައިން ލަކުނު ނުފެންނާތީއެވެ. އަދި ލިޔެކިޔުމުގައި "ކުއްޖާގެ ބަސް" ހިމަނަން ޖެހޭތީއެވެ. މަންމަ މަސައްކަތްކުރީ އެއީ ނޮން-ވަރބަލް ކުއްޖެއްކަން އަންގައިދޭށެވެ. އޮފިޝަލް ހަމަ ހުއްޓާނުލާ މަސައްކަތްކުރީ އެ ދަނޑިވަޅުގައި އެކުއްޖާ "މަންމަ ގާތު ނުބުނާ ވާހަކައެއް ތިމަންނާ ގާތު ބުނެފާނެތީ" އެ ކުއްޖާއާ ސުވާލުކުރާށެވެ. މިއީ 2017 ވަނަ އަހަރުގެ ވާހަކައެކެވެ. ނަންތައް ހާމަ ނުކުރިއެއްކަމަކު ޙަޤީޤީ ހާދިސާއެކެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނާ މުއާމަލާތު ކުރާނެ އިންސާނީ އަދި އެ ނޫންވެސް ވަޞީލަތްތައް މުވައްސަސާތަކުގައި ނެތުމުގެ ވާހަކައަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އާބާދީގެ ތެރޭގައި ކެނޑިނޭޅި ދައްކާ ވާހަކައެކެވެ. މިއަހަރު ހިއުމަން ރައިޓްސް ކޮމިޝަނުން މި މަހު ޝާއިޢުކުރި ހިއުމަން ރައިޓްސް ރިޕޯޓު 2022 ގައިވެސް ހަމަ މި މައްސަލަ ފާހަގަކޮށްފައިވެއެވެ.

"ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަނިޔާކޮށްގެން ހުށަހަޅާ މައްސަލަ ބެލުމުގައި ގިނަ ގުނަ ދަތިތަކާއި ކުރިމަތިލާން ޖެހޭކަން ފާހަގަކުރެވުނެވެ. އެގޮތުން، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއެކު މަސައްކަތްކުރަން ތަމްރީން ލިބިފައިވާ މީހުން ތަންފޒީ އިދާރާތަކުގައި ނުތިބޭކަން ފާހަގަކުރެވުނެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުން އަނިޔާގެ މައްސަލަ ރިޕޯޓުކުރާ މިންވަރު މަދުކަމުގައި ފާހަގަކުރެވޭއިރު އޭގެ ސަބަބުތަކުގެ ތެރޭގައި މުއާމަލާތުކުރުމާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މައްސަލަ ހުށަހަޅަން ދަތިވުމާއި ރިޕޯޓުކުރަން ޖެހޭ މަގުތައް ނޭނގުމާއި ގިނަ ފަހަރަށް އަނިޔާ ލިބެނީ ގޭތެރެއިންކަމުގައި ވުމުން ރިޕޯޓު ކުރާނެ މަގު އަނިޔާ ލިބޭ މީހުންނަށް ތަނަވަސްވެފައި ނެތުމުންކަން ފާހަގަކުރެވުނެވެ," ރިޕޯޓުގައި ލިޔެފައިވެއެވެ.

ކުރިން ކުޑަކުދިން ބެލެހެއްޓުމަށް ވިލިމާލޭގައި ހަދާފައި ހުރި ކުޑަކުދިންގެ ހިޔާ.


އަނިޔާގެ މައްސަލަތައް އެކަންޏެއް ނޫނެވެ. ޖިސްމާނީ އަދި ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޤަދަރުވެރި ދިރިއުޅުމެއް ކަށަވަރުކޮށްދިނުމަށްވެސް އަދި މި ޤައުމު ނުކުޅެދޭކަން މި ރިޕޯޓުން ހާމަވެއެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުން ބެލެހެއްޓޭނޭ ޤާބިލިއްޔަތު މިވަގުތު ސަރުކާރުގެ ބެލުމުގެ ދަށުން ޤާއިމުކޮށްފައި ހުރި މަރުކަޒުތަކުގައި އެންމެ ފުރިހަމައަށް ނެތްކަމާއި، އެފަދަ މީހުންގެ ބެލެނިވެރިން ޒިންމާދާރުކުރުވަން ޖެހޭ ޙާލަތްތަކުގައި އެމީހުން ޒިންމާދާރުކުރެވޭނޭ ގޮތްތައް ޤާއިމުކޮށްފައި ނެތްކަން މި ރިޕޯޓުން އެނގެއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބެލެނިވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ، ބެލެނިވެރިން ނެތް ދުނިޔެއެއްގައި ނުވަތަ ބެލެނިވެރިންނަށް ނުކުޅެދޭ އަނބިދަރީން ނުބެލޭ ޙާލަތެއް މެދުވެރިވެއްޖެނަމަ، ގުރައިދޫ ޚާއްޞައެހީއަށް ބޭނުންވާ މަރުކަޒު ނޫން އެހެން މަގެއް ރާއްޖޭގައި ފެންނާން ނެތްކަމެވެ. ކަންބޮޑުވަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. އެ މަރުކަޒުގެ ތޮއްޖެހުމާއި، އެ މަރުކަޒުގައި ތަމްރީނުލިބިފައިވާ މުވައްޒަފުން މަދުކަމުގެ ވާހަކައިގެ އިތުރުން، އެ މަރުކަޒުގެ އެންމެ އަސާސީ ވަޞީލަތްތަކުގެ ޙާލަތުގެ ވާހަކައަކީ އިއްޔެއަކު މިއަދަކު ދައްކާ ވާހަކައެއް ނޫނެވެ. އަދި އެހެން ނޫނަސް، މުޅި ރާއްޖޭގެ ނުކުޅެދުންތެރި އާބާދީއަށް، ޚާއްޞަކޮށް ނަފުސާނީ ނުކުޅެދުންތެރިކަން ހުންނަ އާބާދީއަށް އަމާޒުކޮށްގެން މި ފަދަ އެންމެ މަރުކަޒެއް ހުރުން މިއީ ހިސާބުކިތާބަށް ބެއްޔަސް ތާކުންތާކުޖެހޭ އުސޫލެއް ނޫނެވެ.

އެޗް.އާރް.ސީ.އެމް ގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. "މިހާރު އާމަލުކުރަމުންދާ ޤާނޫނުގައި ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ރެޒިޑެންޝަލް ކެއަރ ދިނުމަށް ޚާއްޞަ މަރުކަޒެއް ޤާއިމްކުރުމާއ، ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ރެޒިޑެންޝަލް ކެއަރ ދިނުމަށް ޚާއްޞަ މަރުކަޒެއް ޤާއިމްކުރުމަށް ލާޒިމްކޮށްފައި ނުވާތީ މިފަދަ މަރުކަޒުތައް މި ޤާނޫނަށް ޢަމަލުކުރަން ފަށާތާ އަހަރު ދުވަހުގެތެރޭގައި ޤާއިމްކުރުމަށް އިޞްލާޙު ހުށަހަޅައި، މި ޤާނޫނު ރިވިއުކުރުމަށްފަހު ޖުމްލަ 50 އިޞްލާޙާއެކު ކޮމިޝަނުގެ ހުށަހެޅުންތައް ކަމާގުޅުންހުރި އިދާރާތަކާ ވަނީ ޙިއްޞާކުރެވިފައެވެ."

މިއީ ހާދަހާ މުހިއްމު ހުށަހެޅުމެކެވެ. ހަމައެކަނި މިފަދަ މަރުކަޒުތަކެއްގެ އެހީގައިވެސް، އަނިޔާލިބޭ މީހުންނާއި އަޅާލުން ނުލިބޭ މީހުންގެ އިތުރުން، ޢާއްމު ޙާލަތުގައި ގެންގުޅެން ދަތި މީހުންނަށް ބޭނުންވާ ރެޒިޑެންޝަލް ތެރަޕީ އާއި އެނޫންވެސް ފަރުވާއަށްވެސް ހާދަ ބޮޑު ކުރިއެރުމެއް ލިބޭނެއެވެ.

މި އިސްލާހުތައް ގެނައުމަށް ކޮމިޝަނުން ހުށަހަޅާފައިވަނީ އިއްޔެއަކު މިއަދަކު ނޫނެވެ. ޤާނޫނު ނަމްބަރު 8/2010 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) އިންސާނީ ޙައްޤުތަކުގެ ނަޒަރުން ރިވިއުކުރުމަށްފަހު ޖުމުލަ 50 އިޞްލާޙަކާއެކު ކޮމިޝަނުގެ ހުށަހެޅުންތައް ކަމާގުޅުންހުރި އިދާރާތަކާ ޙިއްޞާކުރެވިފައިވަނީ 25 މާރިޗު 2021 ގައިކަމަށް ކޮމިޝަނުގެ ރިޕޯޓުގައި ފާހަގަކޮށްފައި އެބައޮތެވެ. އެހެންނަމަވެސް، 2 އަހަރު ފަހުންވެސް، ކަމާ ބެހޭ އިދާރާތަކުން އެ ޤާނޫނަށް އިސްލާހު ހުށަހަޅައި، އެ މައްސަލަ މަޖިލީހުގެ ދޮރޯއްޓާ ހަމައަކަށްވެސް ފޮނުވާފައެއް ނުވެއެވެ.

މީހުން ދައްކާ ވާހަކައަކީ މިއީއެވެ. އަދި 2000 ރުފިޔާ އާއި 5000 ރުފިޔާގެ ޑިސްއެބިލިޓީ އެލަވަންސްތަކޭ ކިޔާ ވަޢުދުތަކެއް ވުމަކުން ފުދުނީކީ ނޫނެވެ. މާލީ އެހީއާ ހަމަ އެއްވަރަށް، އަދި ބައެއް ޙާލަތްތަކުގައި އެއަށްވުރެންވެސް ބޮޑަށް މުހިއްމުވާ އަސާސީ ޙައްޤުތައް އެބަހުއްޓެވެ. މިއީ ބެލެނިވެރިން ދައްކާ ތޯތޯ ވާހަކައެއް ނޫންކަން މިއަދު މިއޮތީ ހާމަވާށެވެ. 2021 ވަނަ އަހަރުއްސުރެ ރާއްޖޭގެ ހިއުމަންރައިޓްސް ކޮމިޝަނުން ހުށަހަޅާފައިވާ ހުށަހެޅުންތަކަށް ކަމާބެހޭ އިދާރާތަކުން ބީރުކަންފަތެއް ދީފައިވާކަން އެނގުމުން، އެ ހާމަވަނީ ކޮން ޙަޤީޤަތެއް ހެއްޔެވެ؟ ޕޯޑިއަމް ދޮށުގައި އިސްވާރުން ދައްކާ ވާހަކައިގައި އެއްވެސް ބުރަދަނެއް ނެތްކަން ނޫންހެއްޔެވެ؟

ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޢިމާރާތްތަކަށް ވަދެ ނިކުމެ އުޅުމުގައި ހުރި ދަތިތަކުގެ ވާހަކަވެސް ދައްކާތާ، އަދި ކަމާ ބެހޭ ޤާނޫނުތަކުގައި އެ ހިމަނާފައިވާތާވެސް އެތައް އަހަރެއް ފާއިތުވެ ހިނގައްޖެއެވެ. އެހެންނަމަވެސް މިކަންކަމަށް ޢަމަލީ ސިފަ އައުމުގައި ފާހަގަކުރެވިފައި މިވަނީ އެކަށީގެން ނުވާ މިންވަރަކަށް ނުކުޅެދުންތެރި މީހުންގެ މަސްލަޙަތައް އިހުމާލުވަމުންދާ މަންޒަރުކަމަށް ދަންނަވާނޭ ޖާގަ، ރިޕޯޓުގެ ހޯދުންތަކުން އެބަދެއެވެ.

ޤާނޫނަކުން ލާޒިމުކުރުމަކުން ފުދުނީކީ ނޫންކަން މިކަމުން އެކަނިވެސް އެބަ ހާމަވެއެވެ. ޕްރެޝަރ ގްރޫޕްތަކާއި މަދަނީ ޖަމިއްޔާތަކުންވެސް މި ފަދަ ކަންކަމަށް ޢަމަލީ ސިފަ ގެނައުމަށް މިހާރަށްވުރެ ބޮޑަށް ޕްރެޝަރކުރަން އެބަޖެހޭކަން ހާމަވެގެންދެއެވެ. އަދި މި ފަދަ މަސައްކަތްތަކުގައި ނުކުޅެދުންތެރިކަން ހުންނަ މީހުން ބައިވެރިވެ، އެމީހުންގެ އަޑު އިއްވަން އެބަޖެހެއެވެ. އަދި މި ފުރުޞަތު ހޯދައިދޭންވެސް އެބަޖެހެއެވެ.

މިއީ އަޅުގަނޑުގެ ހިތާ ގުޅިފައިވާ މައްސަލައެކެވެ. މިއަދު އަޅުގަނޑު ލޯމަރާލަން ޖެހުނަސް، ނަފްސާނީ ނުކުޅެދުންތެރިކަން ތަހައްމަލުކުރަމުންދާ އަޅުގަނޑުގެ ދަރިފުޅަށް ޢާއިލާގެ ބޭރުން އޮތް ފުރުޞަތުތަކާއި ވަޞީލަތްތަކާމެދު ކަންބޮޑުވާހާވެއެވެ. ސިފަވަނީ މާ ރީތި މަންޒަރެއް ނޫނެވެ. ގުރައިދޫ ޙާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ކުރި ޒިޔާރަތެއްގައި، ޚުދު އަހަރެންގެ ދަރިފުޅު ފަދަ ޙާލަތެއް މެދުވެރިވެފައިވާ މީހަކު ހުރި ނިކަމެތި ގޮތުގެ މަންޒަރެވެ. މޫނުމަތީގައި ހުރީ ކަރުނަ އާއި ކުޅާއި އަރުދަފުސް ރޮނގު ރޮނގަށް ހިކިފައެވެ. ލައްވާފައިހުރި ބާ، އަތްދިގު ޓީޝާޓުގެ ދެ އަތުކުރި އެއްކޮށް ގޮށެއް ޖަހާފައި ހުރީ އަތް ގުޑުވާ ނުލެވޭ ގޮތަށެވެ. އެއީ ކީއްވެގެން ހަދާފައި ހުރި ގޮތެއްތޯ އެހުމުން ބުނީ، އެއީ އަމިއްލަ ގައިގައި ތަޅާ އަނިޔާކުރާތީ ހަދާފައިވާ ގޮތެއް ކަމަށެވެ. ނިދާ ވޯޑުބަލާލިއިރު، ސިފަވަނީ ޖަލެކެވެ. އެކި ވައްތަރުގެ ނަފުސާނީ ބަލިތައް ތަހައްމަލުކުރާ މީހުން އެއްތަނެއްގައި ތިބޭއިރު، ކަންކަން ހިނގާނޭ ގޮތް އޮތީ އަންދާޒާކޮށްލުމެވެ. އެ ދުވަހު އަޅުގަނޑުގެ ލޮލުން ކަރުނަ ހިލުނެވެ. އަޅުގަނޑުގެ މި ރާއްޖޭގައި އަޅުގަނޑުގެ ދަރިފުޅަށް އޮތް މުސްތަޤުބަލަކީ މިއީ ބާވައެވެ؟ މި ގޮތެއް ބޭނުމެއް ނޫނެވެ.

ކަމާ ބެހޭ އިދާރާތަކުން ދިރާސާތައް ކޮށް މި ހުށަހަޅާ ހުށަހެޅުންތަކެއް ބީރު ކަންފަތެއް ނުދޭށެވެ. އެ އަޑުއުފުލަނީ އަޅުގަނޑުމެން ފަދަ އެތައް ބައެއްގެ ޙައްޤުޤައެވެ. މިފަދަ ރިޕޯޓުތަކުގައިވާ ކޮންމެ ޢަދަދަކީ އިންސާނެކެވެ. އޭނާގެ ޙައްޤުތައް ނަގަހައްޓައިދޭށެވެ. ސިޔާސީ ކޯޅުންތަކާއި އިދާރީ ކާރޫބާރޫގެ ތެރޭ، ނުކުޅެދުންތެރި އާބާދީގެ ޙައްޤުތައް ވަޅުޖަހާނުލާށެވެ.