Advertisement

ޖޮކޮވިޗް ބަލިކޮށް އަލްކަރާޒް ވިމްބަލްޑަން ކާމިޔާބުކޮށްފި

17 ޖުލައި 2023 - 09:41 0


ޖޮކޮވިޗް ބަލިކޮށް އަލްކަރާޒް ވިމްބަލްޑަން ކާމިޔާބުކޮށްފި

17 ޖުލައި 2023 - 09:41 0

ލަންޑަން (ޖުލައި 17) - ދާދި ފަހުން އެންމެ ގިނަ ގްރޭންޑްސްލޭމް ޓެނިސް މުބާރާތް ކާމިޔާބު ކުރުމުގެ ރެކޯޑް ހެދި، ސާބިއާގެ ނޮވަކް ޖޮކޮވިޗް ބަލިކޮށް، ސްޕެއިނުގެ އަރަމުން އަންނަ ތަރި، ކާލޯސް އަލްކަރާޒް، ވިމްބަލްޑަން ޗެމްޕިއަންކަން ހޯދައިފި އެވެ.

ރޭގެ ފައިނަލް ފަށައިގެން ކޮންމެ ވެސް ވަރަކަށް ޕްރެޝަރުގައި ކުޅެން ޖެހުނު ނަަމަަވެސް މެޗު ޕްރެޝަރަށް ހޭނި، އަލްކަރާޒް ވަނީ ކުޅުން ރަނގަޅުކޮށްފަ އެވެ. އަދި ފަހުން ހިތްވަރުގަދަ ކުޅުމެއް ދައްކައި، ޖޮކޮވިޗް އަށް ހެދުނު ގޯސްތަކުގެ ފައިދާަނަގައި މެޗުން މޮޅުވީ އެވެ.

ފައިނަލް މެޗުގެ ސެޓުތައް ދިޔައީ، 1-6 7-6 (8-6) 6-1 3-6 6-4 އިންނެވެ.

އެންމެ ގިނަ ގްރޭންޑް ސްލޭމް ޓެނިސް މުބާރާތް ކާމިޔާބުކުރި ޖޮކޮވިޗް މި ފަހަރުގެ ވިމްބަލްޑަން ކާމިޔާބުކުރި ނަމަ ރޮޖާ ފެޑެރާގެ ވިމްބަލްޑަން ރެކޯޑާ ހަމަވާނެ އެވެ. ފެޑެރާ އަށް ފަހަރު ވިމްބަލްޑަން ހޯދިއިރު، ޖޮކޮވިޗަށް ކާމިޔާބުކުރެވުނީ ހަތް ފަހަރު އެވެ.

ޖޮކޮވިޗް، މި ފަހަރުގެ ވިމްބަލްޑަން ފައިނަލަށް ނުކުތީ ޖެހިޖެހިގެން ފަސް ފަހަރު މި މުބާރާތް ކާމިޔާބު ކުރާށެވެ. އެކަމަކު، އަލްކަރާޒް މި ވަނީ ޖޮކޮވިޗް ހުއްޓުވައި، ތާރީހީ ދެ ވަނަ ގްރޭންޑް ސްލޭމް ތަށި ހޯދައިފަ އެވެ.

އަލްކަރާޒް، 20، ބުނީ މިއީ ކެރިއަރުގައި މިހާތަނަށް ލިބުނު އެންމެ ބޮޑު މޮޅު ކަމަށެވެ.

"ޖޮކޮވިޗް ބަލިކޮށް ވިމްބަލްޑަން ކާމިޔާބުކުރުމަކީ އަހަރެން ޓެނިސް ކުޅެން ފެށިއިރު ވެސް ދެކުނު ހުވަފެނެއް. މިއީ އަހަރެންގެ ހަޔާތުގައި ވަރަށް އުފާވެރި ވަގުތެއް، މި ކަން ބަދަލުވާން، ނޫނީ މިއަށް ވުރެ އެެހެން ބޮޑު އުފަލެއް ލިބެން ވަރަށް ގިނަ އަހަރުތަކެއް ނަގާނެކަން ކަށަވަރު،" އަލްކަރާޒް ބުންޏެވެ.

އެންމެ ފުރަތަމަ އަލްކަރާޒަށް ގްރޭންޑް ސްލޭމް ޓެނިސް މުބާރާތެއް ކާމިޔާބު ކުރެވުނީ މިދިޔަ އަހަރު ޔޫއެސް އޯޕަން މުބާރާތުގަ އެވެ.