Advertisement

ސުނާމީން އަރައިގަތުމުގެ އިހުސާސް ކޮޅުފުއްޓަށް ކޮށްދެއްވީ ރައީސް

15 ޖުލައި 2023 - 15:16 0

ނިމާ ހަސަން

ނިމާ ހަސަން

ހޯމް މިނިސްޓަރު އިމްރާން; ރައީސް ސޯލިހުގެ ކެމްޕޭނުގައި ކޮޅުފުއްޓަށް ވަޑައިގެން އެރަށު ރައްޔިތުންނާ ވާހަކަދައްކަވަނީ -- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު


ސުނާމީން އަރައިގަތުމުގެ އިހުސާސް ކޮޅުފުއްޓަށް ކޮށްދެއްވީ ރައީސް

15 ޖުލައި 2023 - 15:16 0

ސުނާމީން އަރައިގަތުމުގެ އިހުސާސް މ. ކޮޅުފުށީ ރައްޔިތުންނަށް ކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށް އަދާލަތު ޕާޓީގެ ރައީސް އަބްދުالله އިމްރާން ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހުގެ ކެމްޕޭނުގައި ކޮޅުފުއްޓަށް ވަޑައިގެން އިމްރާން ވަނީ, މީގެ 19 އަހަރު ކުރިން ރާއްޖެއަށް އެރި ސުނާމީގައި ކޮޅުފުށީ ރައްޔިތުންނަށް ޖެހުނު ހާލު ހަނދާން ކުރައްވާފަ އެވެ. އެ ހާލަތުން އަރައިގަނެވުނީ ރައީސް ސޯލިހުގެ ވެރިކަމުގައި ކުރި މަސައްކަތުން ކަމަށް ވިދާޅުވެ, އިމްރާން ވަނީ ރައީސް ސޯލިހަށް ތައުރީފު ކުރައްވައިފަ އެވެ.

"ކޮޅުފުށީ ރައްޔިތުންނަށް 2004 ވަނަ އަހަރުން މިއަދާ ހަމައަށް ކަން ހިނގާ އައި ގޮތް ހަނދާން ހުންނާނެ. 2004ގެ ޑިސެމްބަރު 26 ގައި ސުނާމީ އެރުމަށް ފަހު އެ ދުވަހުގެ ހަވީރު ވީއިރު ރަށުގެ ހުރިހާ ރައްޔިތުން ތިބީ މި ފަސްކޮޅު މަތީގައި. ރަށުގެ ތެރޭގައި ދިރިއުޅޭނެ އެއްވެސް ގޮތެއް ނެތް." ސުނާމީގައި އެންމެ ބޮޑަށް ގެއްލުންވި އެއް ރަށަކީ ކޮޅުފުށިކަން ފާހަގަކުރައްވާ އޭނާ ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ ސުނާމީން ލިބުނު ގެއްލުމުން އަރައިގަތުމަށް މަސައްކަތެއް ފެށުނީ ސުނާމީ އެރިތާ ފަސް އަހަރު ފަހުން އައި އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ކަމަށެވެ. އެކަމުގެ ނަތީޖާއެއް ރައްޔިތުންނަށް އިހުސާސް ކުރެވޭ ވަރަށް މަސައްކަތް ކުރެވުނީ މި ސަރުކާރުގައި ކަމަށެވެ.

"ގާތްގަނޑަކަށް 20 އަހަރު މިވަނީ. މިއަދު މި ރަށުގައި ތިބި ރައްޔިތުންނަށް އިހުސާސް ކުރެވޭނެ ސުނާމީ ކާރިސާގައި ލިބުނު ގެއްލުމުން މިރަށް އަރައިގެންފިކަން. އެ އިހުސާސްކޮށްދެއްވީ, އެކަން ހަގީގަތަކަށް ހަދައިދެއްވީ ރައީސް ސޯލިހް" އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ މީގެ ކުރިން ކުޅުފުށީ ރައްޔިތުން ދިޔައީ ހިތްދަތިކަމާއެކު ކަރުނައަޅާ ރޮމުން, ސަރުކާރުތައް ފަހާ, އާދޭސް ކުރަމުން ކަމަށެވެ. ނަމަވެސް އޭރު އެ އަޑު އަހާނެ ރައީސަކު ނޫނީ ވަޒީރަކު ވެސް ނެތްކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ ބައެއް ވެރިންނަށް އެ އަޑު ނީވުނީ ކޮޅުފުއްޓަކީ އާބާދީ މަދު, ކުޑަ ރަށަަކަށް ވީމުން ކަމަށެވެ.

"ފެންނާނެ އެކަކު ނެތް. އަޑެއް އަހާލާނެ ރައީސަކު, ވަޒީރަކު ނެތް. އެ ބޭފުޅުން ވިދާޅުވީ ބަލި ރަށެއް, ކުޑަ ރަށެއް, އާބާދީއެއް ނެތް ރަށެއް, ތަރައްގީގެ ކަންފުޅެއް ނެތް ރަށެއް, ބައެއް ބޭފުޅުންނަށް ވޯޓުގައި މުހިންމު ނޫން ރަށެއް." ސުނާމީ އެރީއްސުރެ ކޮޅުފުށީ ރައްޔިތުން, ސަރުކާރުތަކުގައި އާދޭސްކުރަމުން ދިޔަކަން ފާހަގަކުރައްވާ އިމްރާން ވިދާޅުވި އެވެ.

ފަސް އަހަރު ތެރޭގައި އެހާ ގިނަ މަޝްރޫއު ހިންގި ހަނދާން ރައްޔިތުންން ނުހުންނާނެކަން ފާހަގަކުރައްވާ އިމްރާން ވިދާޅުވީ, ރައީސް ސޯލިހުގެ ސަރުކާރުގައި ކޮޅުފުށީގައި 13 މަޝްރޫއު ހިންގި ކަމަށެވެ. އިމްރަން ވިދާޅުވި ގޮތުގައި ރައީސް ގެންދަވަނީ ވައުދު ނުވާ ކަންކަން ވެސް ކޮށްދެއްވަމުންނެވެ.

އެ މޭރުމުން ވާހަކަދައްކަވަމުން އިމްރާން ވަނީ ކޮޅުފުށިން ރައީސް ސޯލިހަށް މަދުވެގެން 65 ޕަސުންޓު ވޯޓު ހޯދަން ރައްޔިތުން ނިކުތުމަށް ގޮވާލައްވާފަ އެވެ.

ސުނާމީގައި ކޮޅުފުށިން ގެއްލުނު މީހުންނާއެކު ޖުމުލަ 16 މީހުން މަރުވި އެވެ.