14 ޖުލައި 2023 - 11:55 0
މިހާރު ކުރިއަށްދާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގެ އިވެންޓެއްގެ ތެރެއިން.--- ފޮޓޯ: މޯލްޑިވްސް ސާފިން އެސޯސިއޭޝަން
14 ޖުލައި 2023 - 11:55 0
މިހާރު ރާއްޖޭގައި ކުރިއަށްދާ، އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގެ މިކްސް ޓީމު އިވެންޓު ބައި ކަމަށްވާ އަލޯހާ ކަޕުން ރާއްޖޭގެ ސާފިން ޓީމުން ތިން ވަނަ ހޯދައިފި އެވެ.
ކ.ތުލުސްދޫގައި މިހާރު ކުރިއަށްދާ މުބާރާތުގައި އިއްޔެ ވެސް ވަނީ ގިނަ އިވެންޓުތަކެއް ކުރިއަށް ގޮސްފަ އެވެ. އެންމެ މުހިންމު ބައެއްގެ ގޮތުގައި އިއްޔެ ކުރިއަށްދިޔައީ ހަތަރު ޓީމަކުން ވާދަކުރި މިކްސް ޓީމު އިވެންޓެވެ.
މި އިވެންޓުގައި ކޮންމެ ޓީމަކުން ތިން ފިރިހެން ރާޅާ އެޅުންތެރިންނާއި އަންހެން ރާޅާ އެޅުންތެރިއަކު ވާދަކުރާނެ އެވެ. ކޮންމެ ބައިވެރިއަކަށް ވެސް ލިބޭނީ ތިން ރާޅާ އަޅާށެވެ. ތިން ރާޅުގެ ސްކޯ އަށް ބަލާއިރު، އެންމެ މަތިން ހޯދާ ދެ ރާޅުގެ ސްކޯ ޓީމްގެ ސްކޯ އަށް އެއް ކުރާނެ އެވެ.
އަލޯހާ ކަޕްގައި ވާދަކުރީ ޖަޕާން، ޗައިނާ ރާއްޖެ އަދި ލެބަނަން އެވެ. ރާއްޖޭގެ ޓީމުން ވާދަކުރި ހަތަރު ބައިވެރިންނަކީ ހުސައިން އަރީފް (އިބޫ)، އަހުމަދު އާގިލް (އަންމަޑޭ)، ހޫދު އަހުމަދު އަދި އަންހެން ސާފަރު މަރިޔަމް ރާހިލް ނަސީމް (އާޔާ) އެވެ.
ރާއްޖޭގެ ހަތަރު ބައިވެރިންގެ ޖުމްލަ ސްކޯ އަށް ބަލާއިރު ހޯދުނު 26.63 ގެ ސްކޯ އެކެވެ. ފުރަތަމަ ރާޅަށް ފޭބީ އިބޫ އެވެ. އިބޫ އެންމެ މަތިން ސްކޯކުރި ދެ ރާޅުގެ ސްކޯ އަކީ 1.50 އަދި 5.50 އެވެ. އޭގެ ފަހުން، އައްމަޑޭ ވަނީ 4.73 އަކާއި 2.53 ގެ ސްކޯއެއް ހޯދައިފަ އެވެ. ތިން ވަނަ އަށް އެރުނު އާޔާ ވަނީ 0.50 އަދި 0.60ގެ ސްކޯއެއް ހޯދައިފަ އެވެ. ރާއްޖޭގެ ފަހު ސާފަރު ހޫދު، ވަނީ 5.27ގެ ސްކޯ އަކާއި 6.00 ގެ ސްކޯއެއް ހޯދައި ރާއްޖޭގެ ޖުމްލަ ސްކޯ 26.63 އަށް އަރުވައިފަ އެވެ.
އަލޯހާ ކަޕުން އެއް ވަނަ ހޯދީ 38.70 ގެ ސްކޯއެއް ހޯދި ޗައިނާ އެވެ. އަދި، 30.77 ގެ ސްކޯ އަކުން ޖަޕާނަށް ދެ ވަަނަ ލިބުނުއިރު، ހަތަރު ވަނަ އަށް ދިޔަ ލެބަނަން އަށް ލިބުނީ 9.56ގެ ސްކޯ އެކެވެ.
އޭޝިއަން ސާފިން ޗެމްޕިއަންޝިޕްސްގައި މިއަދު ވެސް ގިނަ ހީޓުތަކެއް ކުރިއަށްދާނެ އެވެ. މިހާތަނަށް މުބާރާތުގައި ރާއްޖޭގެ ރާޅާ އެޅުންތެރިންގެ ނަތީޖާތަކަށް ބަލާއިރު، އެންމެ ރަނގަޅަށް ޕާފޯމްކުރަމުން އަންނަނީ އިބޫ އެވެ. އޭނާ ވަނީ ފިރިހެން ޑިވިޝަންގެ މެއިން އިވެންޓުގެ ހަތަރު ވަނަ ބުރަށް ދަތުރުކޮށްފަ އެވެ. ރާއްޖޭގެ އެހެން ސާފަރުންނަށް ބަލާއިރު، ހޫދު، އައްމަޑޭ، އިސްމާއިލް މިގްލާލް، އާދަމް މުއީން އިބްރާހިމް އަދި ހަސަން ނާސިހު ވާދަކުރާނީ ރެޕެޗާޖު ރައުންޑްގެ ހަތަރު ވަނަ ބުރުގަ އެވެ.
Comment