13 ޖުލައި 2023 - 18:21 0
ނިމާ ހަސަން
ކ. ގުރައިދޫގައި ރައީސް ވާހަކަދައްކަވަނީ; އެރަށު ހިއްކި ބިމުން ގޯތި ނުދޭ ކަމުގެ ކަންބޮޑުވުން ފާޅުކުރެއްވި -- ފޮޓޯ:މިރާޝް ނާސިމް/އަދަދު
13 ޖުލައި 2023 - 18:21 0
ކ. ގުރައިދޫގެ ބިން ހިއްކާ ނިމުނުތާ ދެ އަހަރާ ގާތްވިއިރު, އެ ބިމުން ރައްޔިތުންނަށް ގޯތި ދީފައި ނުވާތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ނުރުހުން އެރަށު ކައުންސިލަށް އަމާޒުވެއްޖެ އެވެ.
އަންނަ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ގުރައިދުއަށް ވަޑައިގެން ރައީސް ވަނީ, ގުރައިދޫ ހިއްކި ބިމުން ގޯތި ނުދޭ ކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އެގޮތުން, އެއީ ކައުންސިލަށް ނުކުރެވޭވަރު ކަމެއް ނަމަ, ގެންނަން ޖެހޭ ބަދަލެއް ގެންނަވައިގެން ވެސް އެކަން ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
ގުރައިދޫގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ 2018 ވަނަ އަހަރުގެ އިންތިހާބުގައި ވީ ވައުދުތަކުގެ ތެރެއިން ގިނަ ވައުދުތައް ނިމިފައިވާ ކަމަށެވެ. އަދި އޭގެ ތެރޭގައި ހިމެނޭ އެ ރަށުގެ ބިން ހިއްކުމުގެ މަސައްކަތް ވެސް ނިމިފައިވާކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ, ހިއްކި ބިމުން ގޯތި ދިނުމަކީ ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލަށް ދީފައިވާ ބާރެއް ކަމަށެވެ.
"މިހާތަނަށް އައި އިރުވެސް އެކަން ނުކޮށް [ގޯތި ދިނުން] ކައުންސިލުން އޮތް އޮތުމަކީ އަޅުގަނޑު ހިތާމަކުރާ ކަމެއް," ހިއްކި ބިމުން ގޯތި ދީފައި ނުވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ގުރައިދޫ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ބޮޑު ބިމެއް ހިއްކާ ދީފައިވާނެ ކަމަށެވެ. އަދި ގުރައިދޫ ރައްޔިތުންނަށް ބޯހިޔާވަހިކަން ބޭނުންވާއިރު, އެރަށުން ގޯތި ނުދެވެންވީ ސަބަބެއް ނެތް ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު ދަންނަވާނީ އެކަން [ގޯތި ދިނުން] ކައުންސިލަށް ނުކުރެވޭ ކަމަށްވަންޏާ, ގާނޫނަށް ގެންނަން ޖެހޭ ބަދަލެއް ގެނެސްގެން ނަމަވެސް, މިރަށުގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭނަން," ރައީސް ވިދާޅުވި އެވެ.
ގުރައިދޫ ބިން ހިއްކާ ނިންމިތާ ދެ އަހަރާ ގާތްވާއިރު, ގޯތި ދީފައި ނުވާކަމުގެ ކަންބޮޑުވުން ފާޅުކުރައްވަމުން ރައީސް ވިދާޅުވީ ރައްޔިތުން ބޭނުންވާ ކަންކަމަށް ހުރަސް އަޅާ ބަޔަކަށް ރައްޔިތުން ޖާގަ ނުދެއްވާނެ ކަމަށެވެ. އަދި ކުރިއަށް އޮތް އިންތިހާބުތަކުގައި ރައްޔިތުން އެކަން ދަނެ, ރައްޔިތުންނަށް ހެޔޮ އެދޭ ބަޔަކު ނޫނީ ނުހޮވާނެ ކަމަށެވެ.
އިތުރަށް ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ގުރައިދޫ ހިއްކި ބިމުން ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހައުސިން ޔުނިޓު އެޅުމަށް މެނިފެސްޓޯގައި ހިމަނާނެ ކަމަށެވެ.
ގާތްގަނޑަކަށް 85 މިލިއަން ރުފިޔާގެ ބޮޑު މަޝްރޫއެއް ހިންގައި, ގުރައިދޫ ބިން ހިއްކުމުގެ މަސައްކަތް ނިންމާލީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. އެ ބިމާއެކު މީގެ ކުރިން ގުރައިދޫގައި އޮތް 21.8 ހެކްޓަރުގެ ބިމަށް 15 ހެކްޓަރު ވަނީ އިތުރު ކުރެވިފަ އެވެ.
އޭރު ގުރައިދޫ ކައުންސިލުން ހާމަކުރި ގޮތުގައި ހިއްކި ބިމުގެ ބޮޑު ބައެއް ދޫކުރާނީ ރައްޔިތުންނަށް ގޯތި ދިނުމަށެވެ. އަދި އިތުރު ހައުސިން މަޝްރޫއުތައް ވެސް އެ ބިމުގައި ހިންގުމަށް ކައުންސިލުން ރާވައި, ލޭންޑް ޔޫޒް ޕްލޭން ހެދުމުގެ މަސައްކަތް ވެސް ކުރި އެވެ. ނަމަވެސް އަދި މިހާތަނަށް ގުރައިދޫއިން ގޯތި ކަނޑާ, ރައްޔިތުންނަށް ދީފައެއް ނުވެ އެވެ.
ބޯހިޔާވަހިކަމުގެ އިތުރުން ރައީސް ވަނީ, ގުރައިދޫ ޒުވާނުންނަށް ބޭނުންވާ އިޖުތިމާއީ މަރުޒަކު ވަސީލަތްތަކާއެކު ފުރިހަމަކޮށްދޭނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. ހަމައެއާއެކު, ގުރައިދޫގެ ބަނދަރަށް ވަދެވޭ ގޮތަށް ނެރެއް ކަނޑާ, ބޭރުތޮށި މިހާރަށްވުރެ ރަނގަޅަށް ބޭނުން ކުރެވޭ ގޮތް ހަދަން މެނިފެސްޓޯގައި ހިމަނާނެ ކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment