Advertisement

ޖަޕާނުން ދިން އެމްބިއުލާންސްތައް ހަވާލުކޮށްފި

13 ޖުލައި 2023 - 14:06 0

ނިމާ ހަސަން

ނިމާ ހަސަން

ޖަޕާނުން ރާއްޖެއަށް ހަދިޔާކުރި އެމްބިއުލާންސްތައް އަތުރާލައިފައި - ފޮޓޯ: އިޔާން/ އަދަދު


ޖަޕާނުން ދިން އެމްބިއުލާންސްތައް ހަވާލުކޮށްފި

13 ޖުލައި 2023 - 14:06 0

ސިއްހީ އާލާތްތައް ހިމެނޭހެން ޖަޕާނު ސަރުކާރުގެ ހިލޭ އެހީގައި ރާއްޖެއަށް ހަދިޔާކުރި އެމްބިއުލާންސްތައް ސިއްހީ ހިދުމަތްދޭ ތަންތަނާ ހަވާލުކޮށްފި އެވެ.

މި އެމްބިއުލާންސްތައް ހަވާލުކުރީ, ހއ. ހޯރަފުއްޓާއި, ކެލާގެ އިތުރުން ހދ ކުޅުދުއްފުށީ, ލ. ގަން, ޏ. ފުވައްމުލައް އަދި އައްޑުއަށެވެ. މިއިން ކޮންމެ ރަށަކަށް އެމްބިއުލާންސެއް ހަވާލުކުރުމަށްފަހު ބާކީވި ދެ އެމްބިއުލާންސް ހަވާލުކުރީ ހުޅުމާލޭގައި ގާއިމުކޮށްފައިވާ ނެޝަނަލް އެމްބިއުލާންސް ސާވިސަސްއަށެވެ.

ހެލްތު މިނިސްޓްރީން ބުނީ މި އެމްބިއުލާންސްތަކުުގައި އަށް ސެޓުގެ 12 މެޑިކަލް އިކުއިޕްމަންޓްތައް ހުންނާނެ ކަމަށެވެ. މެޑިކަލް އިކުއިޕްމަންޓުތަކުގެ ތެރޭގައި އެޑްވާންސް ލައިޕް ސަޕޯޓް (އޭއެލްއެސް) އިކުއިޕްމަންޓް ބޭގްސް، އޮކްސިޖަން ސިލިންޑާ، ބޭގް ވޯލްވް މާސްކް އަދި ސްޕައިނަލް ބޯޑު ހިމެނެ އެވެ.

ހެލްތު މިނިސްޓްރީން ބުނީ މިއަދު ހަވާލުކުރި އެމްބިއުލާންސްތަކާއެކު ކާރިސާގެ ވަގުތުތަކުގައާއި، އެމަޖެންސީ އަދި އެކްސިޑެންޓްތަކުގައި ބަލިމީހުންނަށް ފޯރުކޮށްދެންޖެހޭ ސިއްހީ ކުއްލިފަރުވާ އަވަހަށް ފޯރުކޮށްދިނުމަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށެވެ.

ޖަޕާނުން ރާއްޖެއަށް ހަދިޔާކުރި އެމްބިއުލާންސެއް. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


މިއަދު ހަވާލުކުރި އެމްބިއުލާންސްތަކަކީ "ޖަޕާން ގްރާންޓް އެސިސްޓެންސް ފޯ ގްރާސްރޫޓްސް ހިއުމަން ސެކިއުރިޓީ ޕްރޮޖެކްޓް (ޖީޖީޕީ)" ގެ ދަށުން ހަދިޔާކުރި އެމްބިއުލާންސްތަކެކެވެ. އެ މަޝްރޫއުގެ ދަށުން ރާއްޖެއަށް އެމްބިއުލާންސްތައް ހަދިޔާ ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ ނިމިދިޔަ 2022 ވަނަ އަހަރުގެ ފެބްރުއަރީ ހަތެއްގަ އެވެ.

ޖަޕާނުން ރާއްޖެއަށް އެމްބިއުލާންސް ހަދިޔާ ކުރަން ނިންމީ ކޮވިޑާ ދެކޮޅަށް ކުރަމުންގެންދާ މަސައްކަތްތަކަށް އެހީތެރިވެ ދިނުމުގެ ގޮތުންނާއި ސިއްހީ ދާއިރާގެ އެމަޖެންސީ ހިދުމަތް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުންނެވެ.