ރާއްޖޭން މިސްރަށް ދަތުރުކުރާ ދިވެހިންނަށް ވިސާ އޮން އެރައިވަލް ނުވަތަ އިމަޖެންސީ އެންޓްރީ ވިސާގެ ދަށުން ދަތުރު ކުރެވޭނެ އިންތިޒާމް ހަމަޖެހިއްޖެ އެވެ.
ދިވެހި ޕާސްޕޯޓު އޮންނަ ފަރާތްތަކުން މިސްރަށް ދަތުރުކޮށް އެ ގައުމަށް އެތެރެވާ ދުވަހުން ފެށިގެން ގިނަވެގެން 30 ދުވަހުގެ މުއްދަތަށް އެ ގައުމުގައި ދެން ތިބެވޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
އެއަށް ވުރެ ދިގު މުއްދަތަކަށް މިސްރަށް ޒިޔާރަތްކުރާ ނުވަތަ ވަޒީފާ އަދާކުރުމަށް ނުވަތަ ތައުލީމު ހާސިލް ކުރުމަށް ނުވަތަ ވިޔަފާރި ކުރުމަށް ބޭނުންވާ ދިވެހިން މިސްރަށް ދަތުރު ކުރުމުގެ ކުރިން އެކަމަކާ ގުޅޭ ވިސާއެއް ނަގަން ޖެހޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
މިހާރު މިސްރުން ދޫކުރާ އޮން އެރައިވަލް ވިސާއަކީ ޓޫރިސްޓް ވިސާއެކެވެ. އަދި އެ ވިސާގެ ފީއަކީ 25 ޑޮލަރެވެ.
ފޮރިން މިނިސްޓްރީން ބުނީ މިސްރު ސަރުކާރުން ނިންމި އެ މުހިންމު ނިންމުން ދިވެހި ސަރުކާރުން ދެކެނީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ރަހުމަތްތެރި ގުޅުމާއި މިސްރުން ރާއްޖެއަށްދޭ ހާއްސަ އަހައްމިއްޔަތުގެ ރަމްޒެއް ގޮތުގައި ކަމަށެވެ.
Comment