12 ޖުލައި 2023 - 09:07 0
12 ޖުލައި 2023 - 09:07 0
ކ.ތުލުސްދޫގައި މިހާރު ކުރިއަށްދާ އޭއެސްއެފް އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގެ ޖޫނިއާ ކެޓެގަރީގެ ފުރަތަމަ ބުރުގައި ރާއްޖޭގެ ޒުވާން ދެ ސާފަރުން ކަމަށްވާ މުހައްމަދު އިނާން އަބްދުލް ހަންނާން އާއި ޔޫސުފް ކަޔާން ހަމްދާން ޒަކީ ތަފާތު ދައްކައިފި އެވެ.
ފުރަތަމަ ފަހަރަށް ބައިނަލްއަގްވާމީ ސާފިން މުބާރާތެއްގައި ވާދަކުރަމުން އަންނަ ރާއްޖޭގެ ޖޫނިއާ ސާފަރުން އަންނަނީ ރަނގަޅު ހުނަރުތަކެއް ދައްކަމުންނެވެ. އެ ގޮތުން 18 އަހަރުން ދަށުގެ ބައިކަމަށްވާ ޖޫނިއާ ފިރިހެން ކުދިންގެ ބައިގައި ވާދަކޮށް ފުރަތަމަ ބުރުގައި ރާއްޖޭގެ އިނާން އާއި ކަޔާން ވަނީ ވާދަކުރި ހީޓުތަކުން އެއް ވަނަ ހޯދާފަ އެވެ.
އިނާން ވާދަކުރީ ފުރަތަމަ ބުރުގެ ހީޓު ފަހެއްގަ އެވެ. އިނާން ހީޓު ކާމިޔާބުކުރީ 6.67 ސްކޯއަކުންނެވެ. 3.87ގެ ސްކޯއަކުން ދެ ވަނަ ތައިލެންޑްގެ މާސްޓާ ނަޓްރީ ޖަރިޔަވަޓަނަވިޖިތު ހޯދިއިރު ހީޓުގެ ތިން ވަނަ ލިބުނީ ދެކުނު ކޮރެއާގެ ދޮހޫން ޔުން އަށެވެ. އޭނާގެ ސްކޯއަކީ 3.03 އެވެ.
ކަޔާން ވަނީ ފުރަތަމަ ބުރުގެ ހީޓު ހަޔެއްގައި ވާދަކޮށް 9.93ގެ ސްކޯއަކުން މި ހީޓު ކާމިޔާބުކޮށް ދެ ވަނަ ބުރުން ޖާގަ ހޯދައިފަ އެވެ. މި ހީޓުން ދެ ވަނަ ހޯދީ ކޮރެއާގެ ހަނޯއާ ހީޖާއޭ ޕަލްމިއާނޯ އޭނާ އަށް ލިބުނީ 9.67 ސްކޯ އެކެވެ. އަދި 4.60ގެ ސްކޯ އަކާ އެކު ތިން ވަނަ ހޯދީ ތައިލެންޑްގެ މާސްޓާ ޓިން ޖޯންސަން އެވެ.
މެއިން އިވެންޓުގެ ދެ ވަނަ ބުރުގައި ވާދަވެރި ހުނަރުތަކަކަށް ފަހު އިނާން އާއި ކަޔާން އަށް ހީޓު ކާމިޔާބުވާ ގޮތެއް ނުވި އެވެ. ދެ ވަނަ ބުރުގެ ދެ ވަނަ ހީޓުގައި ވާދަކޮށް 7.47ގެ ސްކޯ އަކުން އިނާން ދިޔައީ ހީޓުގެ ފުލަށެވެ. މި ހީޓު ކާމިޔާބުކުރީ 9.50ގެ ސްކޯއަކުން ޗައިނީސް ޓައިޕޭގެ ޖޯން ޖޯން ޗޭން އެވެ. އަދި 8.40ގެ ސްކޯއަކުން ސްރީ ލަންކާގެ ކަނަޕަތީ ރަމޭޝް ދެ ވަނަ ހޯދިއިރު ތިން ވަނަ ހޯދި ސްރީ ލަންކާގެ ކައިލާޝް ލިންޑަން މޭސަން އަށް ލިބުނީ 8.34ގެ ސްކޯ އެކެވެ.
މެއިން އިވެންޓުގެ ދެ ވަނަ ބުރުގެ ހީޓު ތިނެއްގައި ވާދަކޮށް ކަޔާން ވެސް ދިޔައީ ހީޓުގެ ފުލަށެވެ. އޭނާ އަށް ލިބުނީ 7.07 ގެ ސްކޯއެކެވެ. ހީޓުގެ އެއް ވަނަ ހޯދި ޖަޕާނުގެ ޓާރޯ ޓަކާއީ 13.66ގެ ސްކޯ އެއް ހޯދިއިރު، ދެެ ވަނަ އަށް ދިޔައީ 10.37ގެ ސްކޯ އަކާ އެކު އިންޑިއާގެ ސްރީކާންތު އެވެ. ތިން ވަނަ އަށް ދިޔައ ޖަޕާނުގެ ކައިސޭ އަޑާޗީ އަށް ލިބުނީ 10.20ގެ ސްކޯ އެކެވެ.
މެއިން އިވެންޓުގެ ދެ ވަނަ ބުރުން ބަލިވުމުން އިނާން އާއި ކަޔާން ވާދަކުރަން ޖެހޭނީ ރެޕެޗާޖްގެ ދެ ވަނަ ބުރުގަ އެވެ. މި ބުރުގެ ގަދަ ދެ ސާފަރުންގެ ތެރޭގައި ހިމެނި މުބާރާތުގައި ކުރިއަށްދިޔުމުގެ ފުރުސަތު ރާއްޖޭގެ އުއްމީދީ ދެ ސާފަރުންނަށް ވެސް އޮންނާނެ އެވެ.
ރާއްޖޭގެ އިނާން އާއި ކަޔާން ޒަކީގެ އިތުރުން ރާއްޖޭގެ ހަ ސާފަރަކު ޖޫނިއާ ބައިގެ ފުރަތަމަ ބުރުގައި ވާދަކުރި އެވެ. ފުރަތަމަ ހީޓުގައި ވާދަކޮށް ކަޔާން އަބްދުﷲ އަރީފް ދިޔައީ ހީޓުގެ ފުލަށެވެ. ދެ ވަނަ ހީޓުގައި ރާއްޖޭގެ ޔަސީން އަހުމަދު ނާޝިދު، މުހައްމަދު ޒަޔާން ވާދަކުރި އެވެ. މި ހީޓުން ޔަސީން ތިން ވަނަ ހޯދިއިރު ޒަޔާން ދިޔައީ ހަތަރަކަށެވެ.
ފުރަތަމަ ބުރުގެ ތިން ވަނަ ހީޓުގައި ވާދަކޮށް ސައްޔިދު ސަލާހުއްދީން ދިޔައީ ތިން ވަނަ އަށެވެ. މި ހީޓުގައި ވާޑަކުރި އިސްމާއިލް މަދޫހު އަހުމަދު ތިޔައި ހަތަރު ވަނަ އަށެވެ. ހީޓު ހަތަރެއްގައި ވާދަކުރިި ޝާނިފް ޝަފީގް ދިޔައީ ހީޓުގެ ފުލަށެވެ.
ފުރަތަމަ ބުރުގައި ވާދަކުރި ހީޓުތަކުގެ ގަދަ ދެ ސާފަރުންގެ ތެރޭގައި ނުހިމެނުމުން ކަޔާން އަރީފް، ޔަސީން، ޒަޔާން، ސައްޔިދު، މަދޫހު އަދި ޝާނިފް ވާދަކުރަން ޖެހޭނީ ރެޕެޗާޖް ބައިގަ އެވެ. މިބައިގައި ވާދަކުރާ ހީޓުތަކުން މި ސާފަރުން ގަދަ ދޭއްގައި ނުހިމެނިއްޖެ ނަމަ މުބާރާތުން ކަޓާނެ އެވެ.
Comment