Advertisement

ނ. ހޮޅުދޫގައި މަގު ހެދުމުގެ މަސައްކަތުގައި އުޅެނިކޮށް ފާރެއް ވެއްޓި، އާރުޑީސީގެ ތިން މުވައްޒަފަކު ޒަހަމްވެއްޖެ

11 ޖުލައި 2023 - 22:38 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

އާރްޑީސީގެ މުވައްޒަފުން ނ. ހޮޅުދޫގެ މަގުތައް ހެދުމުގެ މަސައްކަތުގައި. ފޮޓޯ: އާރްޑީސީ


ނ. ހޮޅުދޫގައި މަގު ހެދުމުގެ މަސައްކަތުގައި އުޅެނިކޮށް ފާރެއް ވެއްޓި، އާރުޑީސީގެ ތިން މުވައްޒަފަކު ޒަހަމްވެއްޖެ

11 ޖުލައި 2023 - 22:38 0

ނ.ހޮޅުދޫގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް ކުރަނިކޮށް ފާރެއް ވެއްޓި، ތިން މީހަކު ޒަހަމްވެއްޖެ އެވެ.

ހޮޅުދޫގެ މަގުތައް ހެދުމުގެ މަސައްކަތްކުރާ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން މައުލޫމާތު ދިން ގޮތުގައި މިއަދު ހިނގި އެ ހާދިސާގައި އެކުންފުނީގެ ތިން މުވައްޒަފަކަށް ބޮޑެތި ގެއްލުންތައް ލިބުނެވެ. އެ ތިން މުވައްޒަފުންނަށް ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށް ވެސް އެކުންފުނިން ބުންޏެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ޑޮކްޓަރުންނާ ހަވާލާދީ އާރްޑީސީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެންމެ ބޮޑަށް ޒަހަމްވި މީހާގެ ޅިނދުކަށިގަނޑުގެ ހަތަރު ތަނަކުން ރެނދުލާފައި ވާތީ ސާޖަރީ ހަދަން ޖެހެ އެވެ. އެ ސާޖަރީ ހެދޭނީ މާލޭން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދެވަނަ އަށް އެންމެ ބޮޑަށް ޒަހަމްވި މީހާގެ ވައަތުގެ ކަށިގަނޑެއްގައި ރެނދުލާފައި ވާތީ އޭނާގެ ވެސް ސާޖަރީ ހަދަން ޖެހޭ ކަމަށާއި އެ ސާޖަރީ ހެދޭނީ ވެސް މާލޭން ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އޮފިޝަލް ވިދާޅުވި އެވެ.

ފާރުގެ ދަށުވި ތިން ވަނަ މީހާގެ ބޯ ފަޅައިގެން ގޮސްފައި ވާތީ ފަހަން ޖެހުނެވެ. އޭނާގެ ބޮލަށް ގެއްލުން ވެފައިވާ ވަރެއް އިތުރަށް ބަލަން ސީޓީ ސްކޭން ހަދަން ޖެހެ އެވެ.