Advertisement

ޖޮކޮވިޗް ދެކޭގޮތުގައި ކާފިއު އަށް ނިންމާނަމަ ހައްލަކީ އަވަހަށް މެޗުތައް ފެށުން

11 ޖުލައި 2023 - 11:22 0


ޖޮކޮވިޗް ދެކޭގޮތުގައި ކާފިއު އަށް ނިންމާނަމަ ހައްލަކީ އަވަހަށް މެޗުތައް ފެށުން

11 ޖުލައި 2023 - 11:22 0

ލަންޑަން (ޖުލައި 11) - އިނގިރޭސިިވިލާތުގައި ރޭގަނޑު މިހާރު އޮތް ކާފިއު އަށް ބަލައިގެން، ވިމްބަލްޑަން ޓެނިސް މުބާރާތް ރަނގަޅަށް ގެންދާނަމަ މީގެ އޮތް ހައްލަކީ އަވަހަށް މެޗުތައް ފެށުން ކަމަށް ދުނިޔޭގެ އެއް ވަނަ ޓެނިސް ކުޅުންތެރިޔާ، ސާބިއާގެ ނޮވަކް ޖޮކޮވިޗް ބުނެފި އެވެ.

ވިމްބަލްޑަންގެ ގަދަ 16 ބުރުގައި ޖޮކޮވިޗް ނުކުތީ ޕޮލެންޑްގެ ހިއުބާޓް ހުކާޒްއާ ދެކޮޅަށެވެ. އެ މެޗު ފުރިހަމަ ކުރެވުނީ ދެ ދުވަހުންނެވެ. އެއީ ފުރަތަމަ ދުވަހު، ކާފިއު ވަގުތަށް މެޗު މެދުކަނޑާލަން ޖެހުމުންނެވެ. ދެ ވަނަ ދުވަހު، މެޗު ފަށައިގެން ޖޮކޮވިޗް ވަނީ ޕްރެޝަރު ހާލަތަކަށް ގޮސްފަ އެވެ. އެކަމަކު، އޭނާ ވަނީ ރޭ މެޗުން މޮޅުވެ، ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފަ އެވެ.

ވިމްބަލްޑަން ކުއާޓާ ފައިނަލުގައި މިރޭ ޖޮކޮވިޗް ކުޅޭނީ ރަޝިއާގެ އެންޑީ ރުބްލޭވް އެވެ. މިއީ، ޖޮކޮވިޗް، 36، ގެ ކެރިއަރުގައި ވެސް ގްރޭންޑްސްލޭމް އިވެންޓެއްގައި ޖެހިޖެހިގެން ތިން ދުވަހު ކުޅޭނެ ފުރަތަމަ ފަހަރެވެ. އެކަމަށް އިޝާރާތްކޮށް ޖޮކޮވިޗް ބުނީ މިއީ ޕްރޮފެޝަނަލް މުބާރާތެއްގައި ފަސޭހަ ގޮތެއް ނޫން ކަމަށެވެ.

"މެޗުތައް 13:30 ގައި ފެށުމުގެ ބަދަލުގައި 12:00 ގައި ފަށަންވީ، އޭރުން ވެސް މީގެ ހައްލެއް އަތުވެދާނެ. މިހާރު ކާފިއުއާ ހެދި ޝެޑިއުލަށް މި އަންނަ ބަދަލުތަކުގެ ތެރެއިން ކުޅުންތެރިންނަށް ފަސޭހައެއް ނޫން. ހައްލަކީ އަވަހަށް މެޗުތައް ފެށުން،" މެޗެއް ޝެޑިއުލްކޮށްފައިވާ ވަގުތުގައި ނުފެށި ހަތް ވަރަަކަށް ގަޑިއިރު މަޑުކުރަން ޖެހުނު ކަަމަށް އިޝާރާތްކޮށް ޖޮކޮވިޗް ބުންޏެވެ.

ތޭވީސް ގްރޭންޑް ސްލޭމް ތަށި ހޯދައި، ރެކޯޑް ހޯލްޑަރެއްގެ ގޮތުގައި މި ވަގުތު ހުރި ޖޮކޮވިޗްގެ ގްރޭންޑް ސްލޭމް ކާމިޔާބީގެ ތަފްސީލަށް ބަލާއިރު، އޭނާ ވަނީ 10 ފަހަރު އޮސްޓްރޭލިއަން އޯޕަން، ވިމްބަލްޑަން ހަތް ފަހަރު، ޔޫއެސް އޯޕަން ތިން ފަހަރު އަދި ފްރެންޗް އޯޕަންގެ ތިން ތަށްޓެވެ. މި ފަހަރުގެ ވިމްބަލްޑަން ކާމިޔާބުކޮށް ޖޮކޮވިޗަށް ރެކޯޑަކާ ހަމަކުރުމުގެ ފުރުސަތެއް އެބައޮތެވެ. ވިމްބަލްޑަން އަށް ފަހަރު ކާމިޔާބުކޮށް ރެކޯޑް ހަދާފައިވަނީ ސްވިޒަލެންޑްގެ ލެޖެންޑަރީ ކުޅުންތެރިޔާ، ރޮޖާ ފެޑެރާ އެެވެ.