Advertisement

ތްރެޑްސް އިން 100 މިލިއަން ޔޫޒަރުން ހަމަކޮށް ރިކޯޑް މުގުރާލައިފި

11 ޖުލައި 2023 - 19:00 0

ރައްޔާން މުހައްމަދު

ރައްޔާން މުހައްމަދު

ތްރެޑްސް އަށް ބޮޑު ތަރުހީބެއް ލިބެމުންދާކަމުން، މި އެޕްގެ ވާދަވެރި ޓްވިޓާގެ 350 މިލިއަން ޔޫޒަރުން ފަހަނައަޅާ ދިޔުން ވަރަށް ގާތް


ތްރެޑްސް އިން 100 މިލިއަން ޔޫޒަރުން ހަމަކޮށް ރިކޯޑް މުގުރާލައިފި

11 ޖުލައި 2023 - 19:00 0

މެޓާ ކުންފުނީގެ އައު އެޕްލިކޭޝަން ތްރެޑްސް އިން ފަސް ދުވަސް ތެރޭ 100 މިލިއަން ޔޫޒަރުން ހަމަކޮށް އެންމެ އަވަހަށް މި އަދަދު ހަމަކުރި ޕްލެޓްފޯމްގެ ޝަރަފު ހޯދައިފި އެވެ. މީގެ ކުރިން، ތިން މަސް ދުވަސްތެރޭ 100 މިލިއަން ޔޫޒަރުން ހަމަކޮށްގެން މި ރިކޯޑް ހޯދާފައިވަނީ އޯޕެން އޭއައިގެ ޗެޓްޖީޕީޓީ އެވެ.

އިނގިރޭސިވިލާތް ހިމެނޭ ގޮތަށް 100 ގައުމެއްގެ އެޕަލް އަދި އެންޑްރޮއިޑް އެޕް ސްޓޯރުތަކުން ވެސް ލިބެން ހުރި ތްރެޑްސް އަށް ވަނީ ވަރަށް ހަލުވި މަގުބޫލުކަމެއް ލިބިފަ އެވެ. މެޓާގެ ސީއީއޯ މާކް ޒުކަބާގް ވަނީ މި ހަލުވި ކުރިއެރުމާ މެދު ހައިރާންކަން ފާޅުކޮށް، އެހާ އަވަހަށް އެފަދަ މައިލްސްޓޯނަކަށް ވާސިލްވި ކަން ގަބޫލުކުރަން ދަތި ކަމަށް ބުނެފަ އެވެ.

ތްރެޑްސްގެ މަގުބޫލުކަން އިތުރުވަމުންދާ ނަމަވެސް ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ގައުމުތަކަށް މި އެޕްލިކޭޝަން ލިބޭ ގޮތެއް އަދި ނުވެ އެވެ. މީގެ މައިގަނޑު ސަބަބަކީ އީޔޫގެ ޑޭޓާ ޕްރައިވެސީގެ ގާނޫނުތަކަށް ތްރެޑްސް ފެތޭތޯ ބަލާ ގޮތެއް ނިންމާފައި ނުވާތީ އެވެ. އީޔޫގެ އިންޑަސްޓްރީ ކޮމިޝަނަރު ތިއަރީ ބްރެޓަން މިކަމާ ގުޅޭ ގޮތުން ބުނެފައިވަނީ ގާނޫނުތަކަށް ފެތޭކަން ކަށަވަރު ކުރުމަށް ބޭނުންވާ ވަގުތު ނެގުމަކީ ވިސްނުންތެރި ގޮތެއް ކަމަށެވެ.

އީޔޫގައި ހުރި ގޮންޖެހުންތަކާ އެކު ވެސް ތްރެޑްސް އަށް ވަނީ ބޮޑު ކުރިއެރުމެއް ލިބިފަ އެވެ. މެޓާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެޕް ލޯންޗުކުރިތާ ފުރަތަމަ ހަތް ގަޑިއިރުގެ ތެރޭގައި 10 މިލިއަން ޔޫޒަރުން ވަނީ އެޕް އަޅައިފަ އެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނުގެ ނިޔަލަށް އެ އަދަދު ވަނީ 30 މިލިއަނަށް ވުރެ މައްޗަށް ގޮސްފަ އެވެ.

ތްރެޑްސް އަށް ބޮޑު ތަރުހީބެއް ލިބެމުންދާކަމުން، މި އެޕްގެ ވާދަވެރި ޓްވިޓާގެ 350 މިލިއަން ޔޫޒަރުން ފަހަނައަޅާ ދިޔުން ވަރަށް ގާތެވެ. ބިލިއަނަރު އެލޮން މަސްކް ޓްވިޓާއާ ހަވާލުވެ ގެންނަމުންދާ ގިނަ ބަދަލުތަކުގެ ސަބަބުން ބައެއް ޓްވިޓާ ޔޫޒަރުން ވަނީ މާޔޫސްވެފަ އެވެ.

އެގޮތުން ޓްވިޓާގެ މުހިންމު މުވައްޒަފުން ވަޒީފާއިން ވަކިކުރުމާއި އާމްދަނީ ހޯދުމަށް ތަފާތު ސްޓްރެޓެޖީތައް އެކުލަވާލާ ޓްވިޓާގެ ފީޗާސްތަކަސް އެލޮން މަސްކް ވަނީ ބަދަލު ގެނެއްސަ އެވެ. ތްރެޑްސް ވުޖޫދުވީ މިކަންކަމާ ނުރުހިފާ ތިބި އެތައް ބަޔަކު އެފަދަ އެހެން ޕްލެޓްފޯމްއަކަށް އެދިފައިވާ ވަގުތެއްގަ އެވެ.

ތްރެޑްސް އަށް ލިބޭ އެންމެ ބޮޑު އެއް ފައިދާއަކީ އެއް ބިލިއަނަށް ވުރެ ގިނަ ޔޫޒަރުން ތިބި އިންސްޓަގްރާމް އާއި ގުޅިފައިވުމެވެ. ތްރެޑްސް އަށް ސައިންއަޕްވެވެނީ އިންސްޓަގްރާމް މެދުވެރިކޮށް ކަމުން އިންސްޓަގްރާމް ޕްރޮފައިލްގައި އެމީހެއްގެ ތްރެޑްސް ލިންކް ދައްކާލެވޭނެ އެވެ.

އެ ލިންކް ފޮރުވުމުގެ އިހްތިޔާރު ވެސް ޔޫޒަރުންނަށް ލިބިގެންވެ އެވެ. ނަމަވެސް ތްރެޑްސް ޕްރޮފައިލް ޑިލީޓް ކޮށްލާނަމަ އެ އެކައުންޓާއި ގުޅިފައިވާ އިންސްޓަގްރާމް އެކައުންޓްވެސް ޑިލިޓްވާނެ އެވެ.

ތްރެޑްސް ލޯންޗުކުރި ފަހުން ޓްވިޓާއިން ވަނީ ތްރެޑްސް އުފެއްދުމަށް ޓްވިޓާގެ ވިޔަފާރީގެ ސިއްރުތަކާއި އެހެނިހެން ފިކުރީ މުދާ ގާނޫނާ ހިލާފަށް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ ކަމުގެ ތުހުމަތުކޮށް، ގާނޫނީ ފިޔަވަޅު އެޅުމުގެ އިންޒާރު ދީފަ އެވެ. ޓްވިޓާއިން ތުހުމަތުކުރާ ގޮތުގައި މެޓާއިން ވަޒީފާއަށް ނެގީ ޓްވިޓާގެ ވިޔަފާރީގެ ސިއްރުތަކާއި ސިއްރު މައުލޫމާތުތައް ލިބިފައިވާ ކުރީގެ މުވައްޒަފުންނެވެ. މި ވާހަކަތައް މެޓާއިން ވަނީ ދޮގުކޮށްފައެވެ.

ތްރެޑްސް އާއި ޓްވިޓާ އިން ވެސް ޓެކްސްޓާއި ލިންކްތަކާއި ފޮޓޯ އަދި ވީޑިއޯތައް ޕޯސްޓް ކުރުމުގެ ފުރުސަތު ލިބޭއިރު، ކޮންޓެންޓް ބެލެހެއްޓޭ ގަވާއިދުތަކުގައި ތަފާތުތަކެއް އެބަހުއްޓެވެ. ތްރެޑްސް އިން ބަރަހަނާ އަދި އެންއެސްއެފްޑަބްލިއު (މަސައްކަތަށް ރައްކާތެރި ނޫން) ކޮންޓެންޓް މަނާކޮށްފަ އެވެ.

މީގެ އިތުރުން ޓްވިޓާއާ ހިލާފަށް މިވަގުތު ތްރެޑްސްގައި ޑެސްކްޓޮޕް ވާޝަނެއް ނެތެވެ. އަދި ތްރެޑްސްގެ ހޯމް ފީޑް އެކި މީހުންގެ ކޮންޓެންޓްތަކުން މަސްހުނިވެފައިވުމަކީ ޔޫޒަރުން އެންމެ ބޮޑު ޝަކުވާ އެވެ. އިންސްޓަގްރާމްގެ ސީއީއޯ އޭޑަމް މޮސެރީ ބުނެފައިވަނީ ތްރެޑްސް އިން ދަނީ ކޮންމެ ޔޫޒަރަކު ފޮލޯކުރާ މީހުންގެ ޕޯސްޓްތައް ތާރީހީ ތަރުތީބުން ދައްކާ އަލްޓަނޭޓިވް ހޯމް ފީޑެއް އިތުރުކުރުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.

ތްރެޑްސް ލޯންޗް ކުރީ "އިނިޝިއަލް ވާޝަން" އެއްގެ ގޮތުގައި ކަމަށާއި، އިތުރު ފީޗާސްތަކެއް އިތުރު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މެޓާ އިން ވަނީ އިޝާރާތްކޮށްފަ އެވެ. މިވަގުތު ތްރެޑްސް އިން ޕްލެޓްފޯމްގައި އިޝްތިހާރު ކުރުން ހިމަނާފައި ނުވި ނަމަވެސް ކުރިއަށް އޮތްތަނުގައި މިކަން ބަދަލުވެދާނެ އެވެ.