Advertisement

އޭޝިއަން އިންޑޯ އެންޑް މާޝަލް އާޓްސް ގޭމްސް އަންނަ އަހަރަށް ފަސްކޮށްފި

10 ޖުލައި 2023 - 13:01 0

މިދިޔަ އަހަރު ކުރިއަށްދިޔަ އޭއެފްސީ ފުޓްސަލް ކޮލިފައިންގެ ތެރެއިން ގައުމީ ޓީމާ އިރާނާ ބައްދަލުކުރި މެޗުގެ ތެރެއިން.


އޭޝިއަން އިންޑޯ އެންޑް މާޝަލް އާޓްސް ގޭމްސް އަންނަ އަހަރަށް ފަސްކޮށްފި

10 ޖުލައި 2023 - 13:01 0

މި އަހަރުގެ ފަހުކޮޅު ބާއްވަން ހަމަޖެހިފައި އޮތް ހަ ވަނަ އޭޝިއަން އިންޑޯ އެންޑް މާޝަލް އާޓްސް ގޭމްސް އަންނަ އަހަރަށް ފަސްކުރަން ނިންމައިފި އެވެ.

އަންނަ ނޮވެމްބަރު މަހުގެ 17-26 އަށް ތައިލެންޑުގެ ބެންކޮކް އަދި ޗޮމްބުރީގައި ބޭއްވުމަށް ހަމަޖެހިފައި އޮތް އޭޝިއަން އިންޑޯ އަދި މާޝަލް އާޓްސް ގޭމްސް އަންނަ އަހަރު ބާއްވަން ނިންމާފައިވަނީ މިދިޔަ ހަފްތާގައި ކުރިއަށްދިޔަ އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާ (އޯސީއޭ)ގެ އަހަރީ އާންމު ޖަލްސާގަ އެވެ.

ތައިލެންޑުގައި މި އަހަރު އޮތް އެގައުމުގެ އާންމު އިންތިހާބުގެ ސަބަބުން ގޭމްސް ބޭއްވުމަށް ބޭނުންވާ ފައިސާ ހަމަޖެހުމުގައި ލަސްތަކެއް ހުރުމާ އެކު އޭޝިއަން އިންޑޯ އެންޑް މާޝަލް އާޓްސް ގޭމްސް ލަސްކޮށްފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ އަށެވެ. މި ގޭމްސް ބާއްވާ އާ ތާރީހަކީ ފެބްރުއަރީ 24 އިން މާޗް ހަޔަކަށެވެ.

އެންމެ ފަހުން ބޭއްވި އޭޝިއަން އިންޑޯ ގޭމްސްގައި ވެސް ރާއްޖެއިން ވާދަކުރި އެވެ. އެ ގޮތުން، 2017 ވަނަ އަހަރު ތުރުކްމިނިސްތާންގެ އަޝްބަގަތުގައި އޮތް ގޭމްސްގައި ރާއްޖެ އިން ފަސް ކުޅިވަރެއްގައި 37 އެތުލީޓުން ވާދަކުރި އެވެ.

ރާއްޖެއިން ވާދަކުރި ކުޅިވަރުތަކަކީ ފުޓްސަލް، ބިލިއާޑް، ފެތުން، ޗެސް އަދި އިންޑޯ އެތުލެޓިކްސް އެވެ. މީގެ ތެރެއިން އެތުލެޓިކްސް އާއި ފުޓްސަލް ފިޔަވައި ބާކީ ތިން ކުޅިވަރުގައި އަންހެން އަދި ފިރިހެން ކުޅުންތެރިންވެސް ވާދަކުރި އެވެ.

އެ ގޭމްސްގެ ސްވިމިން ޓީމުން މި މުބާރާތުގައި ގައުމީ ހަ ރެކޯޑެއް ހެދި އެވެ. އޭގެ ތެރެއިން މުބާލް އައްޒާމް ހެދި ދެ ރެކޯޑަކީ ފިރިހެންނުންގެ 200 މީޓަރު އިންޑިވިޖުއަލް މެޑްލޭ ރެކޯޑާއި، ފިރިހެންނުންގެ 100 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓްގެ ގައުމީ ރެކޯޑެވެ. އައިޝަތު ސާޖިނާ ވަނީ އަންހެނުންގެ 100 މީޓަރު ބްރެސްޓް ސްޓްރޯކް އިވެންޓްގެ ގައުމީ ރެކޯޑާއި، އަންހެނުންގެ 50 މީޓަރު ބްރެސްޓް ސްޓްރޯކް އިވެންޓްގެ ގައުމީ ރެކޯޑެވެ. އަންހެނުންގެ 50 މީޓަރު ބްރެސްޓް ސްޓްރޯކް އިވެންޓްގެ ގައުމީ ރެކޯޑް އައިޝަތު ޝައުޝަން އާކުރިއިރު، ފިރިހެނުންގެ 50 މީޓަރު ބެކް ސްޓްރޯކް އިވެންޓްގެ ގައުމީ ރެކޯޑް އަލީ އިމްއާން ވަނީ މުގުރާލާފަ އެވެ.

އެ މުބާރާތުގެ ފުޓްސަލްގައި ރާއްޖެ ގްރޫޕް ސްޓޭޖުގައި ކުޅުނު ހަތަރު މެޗުންވެސް ބަލިވީ އެވެ. މިގޮތުން އޫއޭއީ އަތުން 3-1 އިން ބަލިވިއިރު، އަފްގާނިސްތާން އަތުން ބަލިވީ 6-1 އިންނެވެ. އުޒްބަކިސްތާން އަތުން 9-1 އިން ބަލިވިއިރު، ޗައިނާ އަތުން ބަލިވީ 9-3 އިންނެވެ.

ބިލިއާޑަށް ބަލާއިރު ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެއިން ބިިލިއާޑުގައި ހޯދި ފުރަތަމަ މޮޅު ލިބުނީ އެ މުބާރާތުންނެވެ. ބިލިއާޑުގެ ނައިން-ބޯލް ސިންގަލްސްގެ ގަދަ 32ގައި ވާދަކޮށް ރާއްޖޭގެ އަލީ ފަޔާޒު ވަނީ ކިރިގިސްތާންގެ ކުޅުންތެރިއެއް ބަލިކޮށްފަ އެވެ.

ޗެސް އަށް ބަލާއިރު ފިރިހެން ބައިގައި ރާއްޖޭގެ މުހައްމަދު ޝުއާއު ކުޅުނު ތިން މެޗަކުން މޮޅުވި އެވެ. އަދި އަހުމަދު އަޝްރަފް ދެ މެޗަކުން މޮޅުވި އެވެ. ޝުއާއު މޮޅުވީ، މަކާއޯ، ނޭޕާލް އަދި ތައިލެންޑު ކުޅުންތެރިއެއް އަތުންނެވެ. އަޝްރަފް މޮޅުވީ މަކާއޯ އަދި ޖޯޑަން ކުޅުންތެރިއެއް އަތުންނެވެ. އަންހެން ކުޅުންތެރިންގެ ތެރެއިން ޝަހުދާ ވަނީ އަފްގާނިސްތާން ކުޅުންތެރިއެއް ބަލިކޮށްފަ އެވެ. ނިހާޔާ ވެސް އަފްގާނިސްތާން ކުޅުންތެރިއެއް ބަލިކުރި އެވެ.

އެތުލެޓިކްސްގައި ރާއްޖެއިން ވާދަކުރީ 60 މީޓަރު ފިރިހެން އަދި 400 މީޓަރު ދުވުމުގެ ފިރިހެން އިވެންޓުގަ އެވެ. 60 މީޓަރު ގައި ބައިވެރިވީ އިބްރާހިމް އަޝްފާން އަލީ އާއި އަހުމަދު އަނޫފް މުހައްމަދު އެވެ. 400 މީޓަރު ދުވުމުގައި ވާދަކުރީ މުހައްމަދު ނާއިލް އާއި އަލީ ޝާމް އެވެ.