Advertisement

އިތުރު ފަސް އަހަރުން, ކަނޑާއި ވައިގެ މަގުން މުޅި ރާއްޖެ ގުޅާލާއި ދަތުރުފަތުރުގެ ނިޒާމު ފުރިހަމަ ކުރެވޭނެ: ރައީސް

9 ޖުލައި 2023 - 16:53 1

ށ. ނޫމަރާ

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ނޫމަރާގައި ބޭއްވި ކެމްޕެއިނު ޖަލްސާގައި ރައީސް ވާހަކަ ދައްކަވަނީ-- ފޮޓޯ: އެމްޑީޕީ


އިތުރު ފަސް އަހަރުން, ކަނޑާއި ވައިގެ މަގުން މުޅި ރާއްޖެ ގުޅާލާއި ދަތުރުފަތުރުގެ ނިޒާމު ފުރިހަމަ ކުރެވޭނެ: ރައީސް

9 ޖުލައި 2023 - 16:53 1

ށ. ނޫމަރާ

އިތުރު ފަސް އަހަރުގެ ދައުރެއް ދީފިނަމަ، މުޅި ރާއްޖެ ދަތުރުފަތުރުގެ ނިޒާމުން ގުޅާލާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރިޔާސީ ކެމްޕެއިނު ށ. އަތޮޅުން ފައްޓަވައި މިއަދު ނޫމަރާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ނޫމަރާ ފަދަ އެކަހެރިކޮށް އޮންނަ ރަށަކަށް އެންމެ ބޭނުން ކަމަކީ ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލުން ކަމަށެވެ.

"ބޮޑުތިލަދުންމަތީގެ ރަށްތަކުގައި މިވަނީ އާރްޓީއެލް ފެރީގެ ހިދުމަތް ގާއިމް ކުރެވިފައި، އޭގެ ފަސޭހަތައް އަޅުގަނޑު ހިތުން މި ރަށުގެ ރައްޔިތުންނަށް ވެސް ލިބެމުން ދާނެ، މިއަދު އެ މަސައްކަތް މި ފަށަނީ ހުވަދޫ އަތޮޅުން،" ރައީސް ވިދާޅުވި އެވެ.

އަމާޒަކީ މުޅި ރާއްޖެ އާރްޓީއެލްގެ ނިޒާމުން ގުޅުވާލައި، ވައިގެ މަގުން އަތޮޅުތައް ގުޅުވާލުން ކަމަށް އެ މަނިކުފާނު ފާހަގަ ކުރެއްވި އެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ކުރިއަށް އޮތް ފަސް އަހަރުގެ ދައުރު ނިންމާނީ މި ދެންނެވި ހުރިހާ ކަމެއް ކޮށް ނިންމާފައި،" ރައީސް ވިދާޅުވި އެވެ.

އާރްޓީއެލްއަކީ މުޅި ރާއްޖެއަށް އަމާޒުކޮށް ފަސިންޖަރުން އަދި މުދާ އުފުލާ ފެރީ ހިމެނޭ ގޮތުން، ނޭޝަނަލް ސްޕެޝަލް ޕްލޭންގައި ހިމެނޭ ތިން ޒޯން އާއި ހަ ރީޖަނެއް ގުޅުވައި ދިނުމަށް ފަރުމާ ކޮށްފައިވާ ވިއުގައެކެވެ. އެ ފެރީ ނެޓްވޯކުން ހަ ސަރަހައްދުގައިވާ ހުރިހާ ރަށްތަކެއް ގުޅުވައިލާއިރު، އެއް ސަރަހައްދު އަނެއް ސަރަހައްދާ ވެސް ގުޅުވައިލާނެ އެވެ.

މިހާތަނަށް މި ހިދުމަތް ފަށާފައިވަނީ ހއ، ހދ، ށ. ޅ. ގަ އެވެ. އަދި އަންނަ ހަފުތާގައި ގއ. ގދ. ގައި ހިދުމަތް ފަށަން ތައްޔާރުވެފައި ވާއިރު، މުޅި ރާއްޖެ ގުޅާލުމަށް ބޭނުންވާ ފެރީތައް ބަނުމަށް އެމްޓީސީސީން ވަނީ އަލްޝާލީ މެރިންސްއާ ހަވާލުކޮށްފަ އެވެ.

އާރްޓީއެލްގެ އިތުރުން ކޮންމެ ރަށަކުން ވެސް 20 މިނެޓުން ދުއްވާފައި ދެވޭ އެއާޕޯޓެއް އޮތުމަކީ ވެސް މި ސަރުކާރުގެ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ މިހާތަނަށް ފުރިހަމަވެފައި ނުވާ ކަމެކެވެ.

ނޫމަރާއަށް ވެސް ގިނަ ވައުދުތަކެއް

ނޫމަރާއަކީ އުތުރުގައި އެންމެ އެކަހެރިކޮށް ބާކީކޮށްފައި އޮތް ރަށްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މި ރަށު ރައްޔިތުން އެދުނު ގޮތަށް ބަނދަރުގެ މަސައްކަތް ކުރުމަށް މިހާރު ބަޔަކާ ހަވާލުކުރެވިފައިވާ ކަމަށެވެ.

ރައީސް ސޯލިހުގެ ކޯލިޝަން ޕާޓުނަރުންނަކީ "ރައްޔިތުންނަށް ހެޔޮ އެދޭ" ބައެއްކަން ފާހަގަ ކުރައްވައި އެ މަނިކުފާނު ވިދާޅުވީ ""އެ ބޭފުޅުންގެ ވިސްނުމަކީ ހަމަ އަޅުގަނޑުމެންގެ ވިސްނުން" ކަމަށެވެ.

"ގައުމު ކުރިއެރުވުން، ރައްޔިތުން ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުން، މި ކެމްޕެއިނުގައި ވާ ވައުދުތައް މި ބޭފުޅުންނާއެކީ ފުއްދަދީ ނިންމަދޭނަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ މި ރަށުގައި ރައްޔިތުން އެދިފައިވާ ގޮތަށް ފުލުހުންގެ ހިދުމަތް ގާއިމްކޮށް، ޒަމާނީ ބޮޑު މިސްކިތެއް އިމާރާތް ކުރުމުގެ އިތުރުން ކަނދުފައްޗަކާއި އޮޑި އެހެލާ ތަނެއް ގާއިމު ކޮށްދިނުމަށް ވައުދުވެވަޑައިގެންފަ އެވެ.

ބޮޑު ފުޓު ބޯޅަދަނޑުގައި ޓާފް އެޅުމާއި ވޮލީ ކޯޓެއް ގާއިމް ކުރުމަކީ ވެސް ނޫމަރާއަށް އޮތް ވައުދެއް ކަމަށް ރައީސް ވިދާޅުވި އެވެ.

މި ރަށަކީ ރައީސް ސޯލިހު ކެމްޕެއިނު ދަތުރުފުޅެއްގައި ށ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތިން ވަނަ މަންޒިލެވެ. މި ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ ށ. ކޮމަންޑޫ އަށެވެ. އެއަށް ފަހު މަރޮށްޓަށެވެ. ރައީސް މި ދަތުރުފުޅު ނިންމަވާލައްވާނީ މިރޭ މި އަތޮޅު ފޯކައިދޫންނެވެ.