Advertisement

ރިޔާސީ އިންތިހާބުގައި ޔާމީނަށް ވާދަނުކުރެއްވޭނެ ކަމަށް ފުއާދު ވިދާޅުވަނީ ސަރުކާރުގެ ޕްރެޝަރާހެދި: ޕީޕީއެމް

8 ޖުލައި 2023 - 22:13 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް : ވިދާޅުވީ ރިޔާސީ އިންތިހާބުގައި ޔާމީނަށް ވާދަނުކުރެވޭނެ ކަމަށް ފުއާދު ބުނަނީ ސަރުކާރުގެ ޕްރެޝަރާހެދި ކަމަށް - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


ރިޔާސީ އިންތިހާބުގައި ޔާމީނަށް ވާދަނުކުރެއްވޭނެ ކަމަށް ފުއާދު ވިދާޅުވަނީ ސަރުކާރުގެ ޕްރެޝަރާހެދި: ޕީޕީއެމް

8 ޖުލައި 2023 - 22:13 1

އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެ މައްޗަށް ޖަލު ހުކުމެއް އޮތްހާ ހިނދަކު، ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ވާދަނުކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވަނީ ސަރުކާރުގެ ޕްރެޝަރާ ހެދިކަމަށް ޕީޕީއެމުން ބުނެފި އެވެ.

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ ތެރޭގައި ހިމެނޭ ވ.އާރަށުގެ މައްސަލާގައި ޔާމީނުގެ މައްޗަށް ކޮށްފައިވާ 11 އަހަރުގެ ޖަލު ހުކުމަށް ބަދަލެއް ނާންނަނީސް އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވޭނެކަމަށް ފުއާދު ވިދާޅުވީ "އަދަދު"ގެ "އެތެރެފުށް" ޝޯގައި ވާހަކަދައްކަވަމުންނެވެ.

"[ޖަލުހުކުމް] ބާތިލުނުކުރާހާ ހިނދަގު ވާދައެއް ނުކުރެއްވޭނެ. ކެންޑިޑެސީ ބަލައެެއް ނުގަންނާނެ. [ފޯމު] ސަބްމިޓް ކުރެއްވިދާނެ އެކަމަކު އަޅުގަނޑުމެން [އެ ކެންޑިޑޭސީ] ބަލައެއް ނުގަންނާނެ،" ފުުއާދު ވިދާޅުވި އެވެ.

ފުއާދުގެ އެ ވާހަކައަށް ރައްދު ދެއްވަމުން ޕީޕީއެމްގެ ނައިބުރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ޝިޔާމް "އަދަދު" އަށް ވިދާޅުވީ ފުއާދު ކުރިން ވިދާޅުވި ބަސް ބަދަލުކުރައްވައި ޔާމީނުގެ ކެންޑިޑެސީ ބަލައިނުގަނެވޭނެ ކަމަށް އެ ވިދާޅުވަނީ އެބޭފުޅާއަށް ސަރުކާރުން ކުރިމަތިކުރަމުންދާ ޕްރެޝަރުގެ ސަބަބުން ކަމަށެވެ.

"ކުރިން ފުއާދު ވިދާޅުވި މި ހާލަތުގައި ރައީސް ޔާމީނަށް ވާދަކުރައްވަން ހުރަހެއް ނެތް ކަމަށް، އަސްލު ބަލަންވީ ފުއާދުގެ ބަސްމަގު ބަދަލުވި ސަބަބު ހެން ހީވަނީ، އަޅުގަނޑުމެންނަށް މިހާރު މައުލޫމާތު ލިބެނީ ފުއާދު ހުންނެވީ ސަރުކާރުގެ ޕްރެޝަރުގަ ކަމަށް" ޝިޔާމް ވިދާޅުވި އެވެ.

އަދި، މި ހާލަތުގައި ޔާމީނަށް ވާދަނުކުރެވޭނެ އެއްވެސް ގާނޫނީ އުޒުރެއް އީސީގެ ރައީސަށް ނުދެއްކެވޭނެ ކަމަށް ވިދާޅުވެ ކެންޑިޑެސީ ބަލައިގަތުން އެއީ ކޮމިޝަނުގެ ރައީސްގެ އެކަނި ނިންމެވުމެއް ނޫންކަންވެސް ޝިޔާމް ފާހަގަކުރެއްވި އެވެ.

"މިހާރު މިއޮތް ހާލަތަކީ އެއްގޮތަކަށްވެސް ފޯމު ބަލައިނުގަނެވޭނެ ހާލަތެއް ނޫން. ވަކީން ހާއްސަކޮށް އިސްތިއުނާފުކޮށްފައިވާ ހުކުމެއް [ޔާމީނުގެ މައްޗަށް ކޮށްފަވާ ހުކުމަކީ]"

މީގެ ކުރިންވެސް އިދިކޮޅުން ތަކުރާރުކޮށް ބުނަމުން ގެންދަނީ ދަށު ކޯޓުގެ ހުކުމް އޮތަސް ޔާމީނަށް ވާދަކުރެއްވޭނެ ކަމަށެވެ. އެއާއެކު މިހާރު އިދިކޮޅުން ވަނީ ޔާމީނުގެ ރިޔާސީ ކެމްޕޭނުވެސް ފަށައިފަ އެވެ.

ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕުން ގަބޫލުކުރާ ގޮތުގައި ރައީސް ޔާމީނަށް އިއްވާފައިވާ ޖަލުހުކުމް ހައިކޯޓުން ބާތިލުކުރާނެ އެވެ. ރިޔާސީ އިންތިހާބަށް ކުރިމަތިލެވޭހާ މޫސުމުގައި އިސްތިއުނާފުގެ ޝަރީއަތް ނިމޭނެ ކަމަށް ވެސް އެ ބޭފުޅުން ގަބޫލުކުރައްވަ އެވެ.