Advertisement

ބްރެޒިލްގެ ރައީސް އަށް އަންޗެލޮޓީ ކަމަަކުނުދިޔަ

8 ޖުލައި 2023 - 11:33 0

ބްރެޒިލްގެ ރައީސް ލުއިޒް އިނާސިއޯ ލުލާ ޑަ ސިލްވާ.--- ފޮޓޯ: އޭއެފްޕީ


ބްރެޒިލްގެ ރައީސް އަށް އަންޗެލޮޓީ ކަމަަކުނުދިޔަ

8 ޖުލައި 2023 - 11:33 0

ރިއޯ ޑި ޖަނެއިރޯ، ބްރެޒިލް (ޖުލައި 8) - ރެއާލް މެޑްރިޑްގެ ކޯޗެއްގެ ގޮތުގައި ހުރި، އިޓަލީގެ ތަޖުރިބާކާރު ކާލޯ އަންޗެލޮޓީ، އަންނަ އަހަރު ބްރެޒިލް ގައުމީ ޓީމާ ހަވާލުވާން ނިންމާފައިވާއިރު، އެކަމާ މެދު ހިތްހަމަނުޖެހުން ހުރި މޭރުމަކުން ބްރެޒިލްގެ ރައީސް ލުއިޒް އިނާސިއޯ ލުލާ ޑަ ސިލްވާ ވާހަކަ ދައްކަވައިފި އެވެ.

އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އަންޗެލޮޓީ، ރެއާލާ އެކު ހުރި ކޮންޓްރެކްޓް ހަމަވުމުން އޭނާ ބްރެޒިލާ ހަވާލުވާ ގޮތަށް ކުރިމަތިލާނެ ފުރަތަމަ މުބާރާތަކީ އެމެރިކާގައި ކުޅޭ ކޮޕަ އެމެރިކާ އެވެ. އަންޗެލޮޓީ ހަވާލުވުމާ ހަމައަށް ވަގުތީ ގޮތުން ބްރެޒިލް ޓީމަށް އިރުޝާދުދޭނީ ފްލުމިނެންސޭގެ ކޯޗު، ފެނާންޑޯ ޑިނީޒް އެވެ. ޑިނީޒްގެ ކޯޗުކަމުގައި ބްރެޒިލުން ވޯލްޑް ކަޕް ކޮލިފައިން މެޗުތަކުގައި ކުޅޭނެ އެވެ.

ބްރެޒިލްގެ ޓީވީ، އެސްބީޓީ އަށް ދެއްވި އިންޓަވިއުއެއްގައި ލުލާ ވިދާޅުވީ އަންޗެލޮޓީ އަކީ މޮޅު ކޯޗެއް ނަމަވެސް އިޓަލީ ގައުމީ ޓީމުގައި އޭނާ މަސައްކަތް ކޮށްފައިނުވާތީ، ގައުމީ ޓީމަކާ އެކު އޭނާގެ މަސައްކަތް ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެެވެ.

"ޔޫރަޕްގެ ކްލަބެއްގައި ކޯޗުކޮށްލުން އެއީ ވަރަށް ފަސޭހަކަމެއް. އެއީ އިންޓަނޭޝަނަލް 11 ކުޅުންތެރިން މި ތިބެނީ. މީގެ ވަރަށް އުނދަގޫ ކަމެއް، މި ތަނަށް އައިސް ކޮރިންތިއަންސް ކަހަލަ ޓީމެއްގައި މަސައްކަތްކޮށް އެ ޓީމެއް ރެލިގޭޝަނުން ސަލާމަތްކުރުމަކީ، އަހަންނަށް ވަރަށް އަންޗެލޮޓީ ކަމުދާނެ، އޭނަ އައިސް ކޮރިންތިއަންސްގައި މޮޅު މަސައްކަތެއް ކޮށްފިއްޔާ،" ލުލާ ވިދާޅުވި އެވެ.

"އަންޗެލޮޓީ އަކީ މޮޅު ކޯޗެއްވިއްޔާ އޭނަ ކީއްވެ އިޓަލީ އަށް ނުދަނީ، އެ މީހުން 2022 އަހަރުގެ ވޯލްޑް ކަޕަށް ވެސް ކޮލިފައިނުވޭ،"

ލުލާ ވަނީ ބްރެޒިލްގެ ވަގުތީ ކޯޗު ޑިނީޒް އަށް ތައުރީފުކޮށް ވާހަކަ ދައްކަވައިފަ އެވެ. އެ ގޮތުން، ލުލާ ވިދާޅުވީ ޑިނީޒް އަކީ ބްރެޒިލް ލީޑުކުރެވޭނެ ފަދަ ގާބިލު ކޯޗެއް ކަަމަށާއި އޭނަގެ ކިބައިގައި ބްރެޒިލް ބޭނުންވާ މިސްރާބަށް ގެންދެވޭނެ ކޮލިޓީ އެބަހުރި ކަމަށެވެ.

އަންޗެލޮޓީ ވެގެންދާނީ ބްރެޒިލްގެ ފުޓްބޯޅަ ތާރީހުގައި ވެސް އެ ޓީމަށް އިރުޝާދު ދޭނެ ބްރެޒިލަށް އުފަން ނޫން ހަތަރު ވަނަ ކޯޗަށެވެ. އެންމެ ފަހުން ބްރެޒިލަށް އުފަން ނޫން ކޯޗެއް، ބްރެޒިލް ގައުމީ ޓީމަށް ކޯޗުކޮށްދިނީ 1965 ވަނަ އަހަރު އެވެ. އެ ފަހަރު އާޖެންޓީނާގެ ފިލްޕޯ ނުނޭޒް، ބްރެޒިލަށް އިރުޝާދުދިނީ އެންމެ މެޗެއްގަ އެވެ.