Advertisement

ސިކުނޑިއަށް ލޭ އެޅިގެން ވެން ޑަ ސާ އަށް ކުއްލިފަރުވާދެނީ

8 ޖުލައި 2023 - 00:54 0


ސިކުނޑިއަށް ލޭ އެޅިގެން ވެން ޑަ ސާ އަށް ކުއްލިފަރުވާދެނީ

8 ޖުލައި 2023 - 00:54 0

އަމްސްޓެޑަމް، ނެދަލެންޑްސް (ޖުލައި 8) - މެންޗެސްޓާ ޔުނައިޓެޑަށް ކުރިން ކުޅުނު ނެދަލެންޑްސްގެ ލެޖެންޑަރީ ގޯލްކީޕަރު، އެޑްވިން ވެން ޑަ ސާގެ ސިކުނޑި އަށް ލޭ އެޅިގެން އޭނާ އަށް ކުއްލި ފަރުވާދޭން ފަށައިފި އެވެ.

އުމުރުން 52 އަހަރުގެ ވެން ޑަ ސާގެ ސިއްހީ ހާލަތު ގޯސްވީ އޭނާ ކްރޮއޭޝިއާގެ ރަށެއްގައި ޗުއްޓީ ހޭދަކުރަމުން ދަނިކޮށެވެ.

އަޔަކްސްގެ ޗީފް އެގްޒެކްޓިވްގެ މަގާމުގައި 10 އަކަށް ވުރެ ގިނަ އަހަަރު ހޭދަކުރުމަށް ފަހު ވެން ޑަ ސާ ދާދި ފަހުން ވަނީ އެ މަގާމުން އިސްތިއުފާ ދޭން ނިންމާފައިވާކަން އިއުލާނުކޮށްފަ އެވެ. އެ އަށް ފަހު، ޗުއްޓީ ދަތުރަކަށް ދިޔަ ވެން ޑަ ސާ އަށް މި ވަނީ ސިއްހީ ގޮތުން ޗެލެންޖިން ވަގުތަކާ ކުރިމަތިލާން ޖެހިފަ އެވެ.

"ވެން ޑަ ސާގެ ސިކުނޑި އަށް ވަނީ ވަށައިގެން ލޭއެޅިފައި. މި ވަގުތު އޭނާ އަށް ދަނީ އިންޓެންސިވް ކެއާ ޔުނިޓް (އައިސީޔޫ)ގައި ފަރުވާ ދެމުން. އޭނާގެ ފުރާނަ އަށް ނުރައްކާ ވަރުގެ ހާލަތެއް އަދި ކުރިމަތިވެފައެއް ނުވޭ،" އަޔަކްސް އިން ޓްވިޓާ މެދުވެރިކޮށް ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

އަޔަކްސްގެ މަގާމުން ވެން ޑަ ސާ އިސްތިއުފާ ދޭން ނިންމީ މި ވޭތުވެދިޔަ 14 އަހަރު ތެރޭ އެ ޓީމުގެ އެންމެ ނަތީޖާ ދަށް ސީޒަނަށް ފަހު އެވެ. އަަޔަކްސް އިން މި ފަހަރު ނެދަލެންޑްސްގެ ލީގު ނިންމާލީ ތިން ވަނައިގަ އެވެ.

ދުނިޔޭގެ ތާރީހު ދުށް އެންމެ މޮޅު ގޯލްކީޕަރުގެ ތެރޭގައި ހިމެނޭ ވެން ޑަ ސާގެ ކުޅުމުގެ ކެރިއަރަށް ބަލާއިރު، އޭނާ ވަނީ އަޔަކްސް އަށް 1990-1999 އަށް ކުޅުނުއިރު، 1995 ވަނަ އަހަރު އެ ޓީމާ އެކު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ. ވެން ޑަ ސާ، އަލުން އަނބުރާ އަޔަކްސް އަށް އައީ 2012 ވަނަ އަހަރު ޑިރެކްޓާ އޮފް މާކެޓިންގެ މަގާމަށެވެ. ހަތަރު އަހަރު ފަހުން، އޭނާ ވަނީ ޗީފް އެގްޒެކްޓިވް އޮފިސަރުގެ މަގާމަށް ޕްރޮމޯޓްވެފަ އެވެ.

ވެން ޑަ ސާ އަކީ ނެދަލެންޑްސް ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާ އެވެ. ގައުމީ ޖޯޒީގައި ވެން ޑަ ސާ ވަނީ 130 މެޗު ކުޅެފަ އެވެ.