Advertisement

ވާގޮތް: ޒަރޫރަތަކަށްވި ކަރަންޓުގެ ދިގު ތާރީހު

8 ޖުލައި 2023 - 08:26 0

ރައްޔާން މުހައްމަދު

ރައްޔާން މުހައްމަދު


ވާގޮތް: ޒަރޫރަތަކަށްވި ކަރަންޓުގެ ދިގު ތާރީހު

8 ޖުލައި 2023 - 08:26 0

ކަރަންޓަކީ މިއަދު އަހަރުމެންގެ ދިރިއުޅުމުގައި އެޔާ ނުލާ ނޫޅެވޭނެ ނުވަތަ ނެތް ނަމަ އެތައް ދަތިތަކެއް ދިމާވާނެ އެއްޗަކަށް މިވަނީ ވެގެން ގޮސްފަ އެވެ. މިއީ އަހަރުމެން މުއާމަލާތްކުރާ ގޮތާއި، މަސައްކަތްކުރާ ގޮތުގެ އިތުރުން ދިރިއުޅުމުގެ ވައްޓަފާޅިއަށް ބޮޑު އިންގިލާބެއް ގެނެސްދިން އަޖައިބުކުރުނަވި ބާރެކެވެ. ފަށުވި ފޮއްޗާއި އަނގުރު ޖަވާހިރުން ފެށިގެން ހޮނުއެޅުމުގެ ބިރުވެރި މަންޒަރާއި, ބޮކީގެ އައްޔާއި ހަމައަށް، ކަރަންޓުގެ ދިގު ތާރީހަކީ ސައިންޓިފިކް ހޯދުންތަކާއި، ޓެކްނޮލޮޖީގެ ކުރިއެރުންތަކާއި، އިންސާނީ ފަންނުވެރިކަމުގެ މުތްތަކުން ޖަރީވެފައިވާ ޝައުގުވެރި ވާހަކައެކެވެ. އެހެން ކަމުން އަހަރުމެންގެ މިއަދުގެ ދިރިއުޅުން ބައްޓަންކުރާ ކަރަންޓު، ފުރާ ފުރިހަމަވުމަށް ބާރުއެޅި މުހިންމު ހޯދުންތަކަށް ބަލާލުމަށް މާޒީގެ ތެރަށް ފީނާލަމާ ހެއްޔެވެ.

ގަދީމީ ކަނި: ކަރަންޓާއި ފުރަތަމަ ބައްދަލުވުން

600 ބީސީ - ފާހަގަކޮށްލަންޖެހޭ އެންމެ މުހިންމު އެއް ކަމަކީ ކަރަންޓަކީ އިންސާނުން އީޖާދުކުރި އެއްޗެއް ނޫން ކަމެވެ. މިއީ ގުދުރަތުގެ ތެރޭގައި އަބަދުވެސް ވާ ހަކަތަ އެކެވެ. އިންސާނުން ހޯދި ހޯދުންތަކަކީ މި ހަކަތައިގެ ބޭނުންކޮށްގެން އަމިއްލަ ދިރިއުޅުމަށް ބަދަލުގެނެވޭނެ ގޮތްތަކެވެ. މި ހަކަތަ އެންމެ ފުރަތަމަ ފާހަގަކުރި ފަރާތެއްގެ ގޮތުގައި ތާރީހުން ފެންނަން އޮތީ ޔޫނާނީގެ ފަލްސަފާވެރިއެއްކަމަށްވާ ތޭލީޒް އެވެ. ތޭލީޒްގެ ހޯދުމަކީ އަނގުރު (އެމްބާ) ގައި ފަށުވި (ސިލްކް) ފޮތި އުނގުޅުމުން އޭގައި ދަމާބާރެއް އުފެދޭ ކަމެވެ. އެގޮތުން ދޫނި ފަތާއި އެ ނޫންވެސް ލުއި ބައެއް ތަކެތި އެޔަށް ދަމައިގަންނަކަން އޭނާއަށް ފާހަގަވި އެވެ. މިއަކީ އެކަތި އަނެކެތީގެ އިލެކްޓްރޯންތައް މަސްހުނިވެގެން އުފެދޭ "ސްޓްޓިކް" ކަރަންޓެވެ. ޔޫނާނީ ބަހުން އަނގުރަށް ކިޔާ ނަމަކީ "އެއިލެކްޓްރޮން" އެވެ. ކަރަންޓަށް ކިޔާ އިނގެރޭސި ބަސް "އިލެކްޓްރިސިޓީ" ގެ އަސްލަކީ މިއީ އެވެ.

ޒަމާނީ ހުޅުކޮޅު: ސައިންސްގެ އުފަންކުރުންތައް

1700 ގެ އަހަރުތަކުގައި ސްޓެޓިކް ކަރަންޓް އުފައްދާދޭ އެންމެ ފުރަތަމަ މެޝިންތައް ތައާރަފް ކުރެވުނެވެ. ފުރަތަމަ ކޮޅުގެ އުފެއްދުންތަކަކީ މުނިފޫހިފިލުވާލުން ހާސިލްކޮށްދޭ އާދައިގެ މެޝިންތަކެކެވެ. ނަމަވެސް ޒަމާނާއެކު މެޝިންތަކުގެ ފެންވަރު ރަނގަޅުވެ ދިރިއުޅުމުގެ ބޭނުންތަކަށް ތަސައްރަފު ފުދޭ އުފެއްދުންތަކަކަށް ވި އެވެ. މި ގަރުނުގެ ކުރީ ކޮޅުގެ އެންމެ މަގުބޫލު އެއް އުފެއްދުމަކީ އަދިވެސް ދުނިޔޭގައި ބޭނުންކުރާ "ނިއޯން" ބޮތްކެވެ. މިއީ 1705 ގައި އިނގެރޭސި ސައިންވެރިއެއްކަމަށްވާ ފްރާންސިސް ހޯކްސްބީގެ އުފެއްދުމެކެވެ. ވަށް ބިއްލޫރިއެއް ތެރެއަށް ދިރޭރަހަ އަޅާ، އޭގެތެރެއިން ވައި ބޭރުކުރުމަށް ފަހު ބުރަފައްޗެއް ފަދައިން އެ ބިއްލޫރި އޭނާ އެނބުރި އެވެ. އަނދިރީގައި މިހެން ހެދުމަށް ފަހު އޭނާގެ އަތް ބިއްލޫރީގައި އުނގުޅުމުން ދިލެން ފެށި އެވެ. ނަމަވެސް މި ގަރުނުގެ އެންމެ ފާހަގަކޮށްލެވޭ އަދި އެންމެ މަގުބޫލު ހޯދުމަކީ އެމެރިކާގެ ބެންޖަމިން ފްރޭންކްލިންގެ ގުޑި ތަހުލީލުގެ ހޯދުމެވެ. އެތައް ހައިސިއްޔަތެއް ލިބިގެންވާ މި ޝަހުސިއްޔަތުން 1752 ގައި ގުގުރުމާއި ވިއްސާރަތެރޭގައި، ދަގަނޑު ތަޅުދަނޑިއެއް ހަރުކޮށްފައި ހުރި ގުޑިއެއް އަރުވާލި އެވެ. މި ތަޖުރިބާގެ ތެރެއިން އޭނާ ދައްކާލީ ހޮނަކީ ކަރަންޓުގެ ބާވަތެއްކަމެވެ. އަދި އެއީ ދަގަނޑު އެއްޗެއްގެ ތެރެއިން ގެންދެވޭނެ އެއްޗެއްކަން މި ތަހުލީލުން ހާމަވި އެވެ. ގަރުނުގެ ފަހުކޮޅު، އިޓަލީގެ ފިސިޝަނެއްކަމަށްވާ ލުއިޖީ ގަލްވާނީ، މަރުވެފައިވާ ބޮކެއްގެ ފައިގައި ވަޅިއެއް ޖެއްސުމުން އޭގެ ފައި ވަރަށް ބޮޑަށް ތެޅިގަތެވެ. ފަހުން އެގައުމުގެ ފިޒިސިސްޓް އެލެސަންޑްރޯ ވޯލްޓާގެ ހޯދުމުން ވަނީ މިއީ ބޮކީގެ ފައިގަ ހުރި ތެއްކަމާއި ވަޅީގެ ސްޓީލްއާއި ޓިން ޕްލޭޓް ޖެހުމުން އެފެދުނު ކަރަންޓުގެ ސަބަބުން ވީ ކަމެއްކަން ހޯދައިފަ އެވެ.

ހޯކްސްބީގެ އިލެކްޓްރިކް ޖެނެރޭޓާ. ފޮޓޯ: ލިންޑާ ހޯލް ލައިބްރަރީ


ހުޅުހިފާ ރޯވުން: ހޯދުންތަކުގެ ރަން ޒަމާން

17 ވަނަ ގަރުނު ނުވަތަ 1800 ގެ އަހަރުތަކަކީ އަހަރުމެންނަށް މިހާރު މި ލިބޭ ކަރަންޓުގެ ފޮނި މޭވާ ދޮންވެ ފައްކާވި ގަރުނެވެ. މި ގަރުނުގެ ތެރޭގައި އެތައް ބަޔަކު ވަނީ އެތައް ހޯދުމެއް ހޯދާ ކަރަންޓު ބޭނުންކުރެވޭ އިންގިލާބީ އުފެއްދުންތައް އީޖާދުކޮށްފަ އެވެ. މި ގަރުނުގެ އެންމެ ފުރަތަމަ އިންގިލާބީ އުފެއްދުމުގެ ލަގަބު ވެސް ހޯދާފައިވަނީ އިސްވެ ދެންނެވުނު އިޓަލީގެ ފިޒިސިސްޓް އެލެސަންޑްރޯ ވޯލްޓާ އެވެ. ބޮކީގެ ތަހުލީލުގެ ބޭނުންހިފައި 1800 ގައި އޭނާ ވަނީ އެންމެ ފުރަތަމަ ބެޓެރި އުފައްދާފަ އެވެ. އެއީ ލޮނު ސޮލިއުޝަނަކުން ތެއްމާފައިވާ "މުސްލިން" ފޮތީގެ ދެކޮޅުގައި ސާފު ރިހި އަދި ޒިންކް ޑިސްކް ހަރުކޮށްގެނެވެ. ކަރަންޓުގައި ބޭނުންކުރާ މިނެއް ކަމަށްވާ "ވޮލްޓް" އަށް ނަން ދީފައިވަނީ އޭނައާއި ގުޅުވައިގެންނެވެ. ހަމަ އެ އަހަރު ސާ ހަމްފްރީ ޑޭވީ ވަނީ އިލެކްޓްރޯލައިސިސް ހޯދައިފަ އެވެ.

ފުރަތަމަ ބެޓެރި. ފޮޓޯ: ވިކިމީޑިއާ


ޑެންމާކްގެ ހާންސް ކްރިސްޝަން 1820 ގައި ވަނީ ކަރަންޓުގެ ސަބަބުން މެގްނެޓިކް ފީލްޑެއް އުފެދޭކަން ހޯދައިފަ އެވެ. އެގޮތުން ނަރެއްގެ ތެރެއިން ކަރަންޓު ދަތުރުކުރާ އިރު އޭގެ ވަށައިގައިން މެގްނެޓިކް ފީލްޑެއް އުފެދި، ކައިރީގައިވާ ސަމުގަލެއްގެ ކަށްޓަށް އޭގެން އަސަރުކުރާކަން ހާމަވި އެވެ. ޖެހިގެން އައި 1821 ގައި އިނގެރޭސި ސައިންޓިސްޓް މައިކަލް ފަރަޑޭ ވަނީ އިންގިލާބީ ހޯދުމެއް ހޯދައިފަ އެވެ. ރަތުލޯ (ކޮޕާ) ނަރުގެ ކޮއިލެއް ތެރޭގައި ދަގަތްފާނެއް ދެކޮޅަށް ހަރަކާތްތެރިކުރުމުން، ނަރުގެ ތެރޭގައި ކަރަންޓު ދަތުރުކުރާކަން ފަރަޑޭގެ ތަހުލީތަކުން ހާމަވި އެވެ. މެކޭނިކަލް ހަކަތަ ކަރަންޓު ހަކަތައަށް ބަދަލުކުރުމުގެ ދޮރު ހުޅުވާދިން ހޯދުމަކީ މިއީ އެވެ. މި ހޯދުމުގެ ސަބަބުން ޖަނަރޭޓަރުތަކާއި މޮޓޯ އުޅަނދުތައް އުފައްދަން މަގުފަހިވި އެވެ.

1826 ގައި އަންޑްރޭ އަމްޕަޔާ ކަރަންޓާއި މެގްނީސިއަމްއާ ގުޅޭ ގޮތުން އޭނާގެ ހޯދުންތައް އާންމުކުރި އެވެ. އެގޮތުން އިލެކްޓްރޯ ޑައިނަމިކް ތިއަރީ ފުރަތަމަ ފަހަރަށް އޭނާ ތަފްސީކޮށްފައިވެ އެވެ. އިލެކްޓްރިކަލް ކަރަންޓްސް މިންކުރާ ޔުނިޓް އެމްޕަޔާ ނުވަތަ އެމްޕަށް ނަންދީފައިވަނީ އޭނާއާއި ގުޅުވައިގެންނެވެ. 1827 ގައި ޖަރުމަނުގެ ކޮލެޖް ޓީޗަރެއް ކަމަށްވާ ޖޯޖް އޯމް، އޭނާގެ މެތަމެޓިކަލް ތިއަރީ އޮފް އިލެކްޓްރްސިޓީ ޝާއިއުކުރި އެވެ. އިލެކްޓްރިކަލް ރެސިސްޓްންސްގެ ޔުނިޓް އޯމް އަށް ނަންދީފައިވަނީ އޭނައާއި ގުޅުވައިގެންނެވެ.

އެމެރިކާގެ ސައިންޓިސްޓް ޖޯސެފް ހެންރީ 1829 ގައި، ސީދާ ނަރަކަށް ވުރެ ކޮއިލެއް ފަދައިން އޮޅާފައި ހުންނަ ނަރުގެ އިލެކްޓްރޯ މެގްނެޓިޒިމް ވަރުގަދަކަން ހޯދި އެވެ. އަދި ޖެހިގެން އައި އަހަރު ކަރަންޓު ޖެނެރޭޓަރެއް ނުވަތަ ޕްރިންސިޕަލްސް އޮފް ޑައިނަމޯ އޭނާ ހޯދި އެވެ. 1831 ގައި އެންމެ ފުރަތަމަ ޓެލެގްރާފް މެޝިނު އިނގެރޭސި ދެ ސައިންޓިސްޓުން ކަމަށްވާ ޗާލްސް ވީޓްސްޓޯން އަދި ވިލިއަމް ފޮތާޖިލް ކުކް ތައާރަފުކުރި އެވެ. އޭގެ ހަތް އަހަރުފަހުން 1838 ގައި އެމެރިކާގެ އިންވެންޓަރު ސެމުއެލް މޯސް، މޯސް ކޯޑް އުފައްދާ ނިއު ޔޯކްގެ އެގްޒިބިޝަނެއްގައި ދައްކާލި އެވެ. އެގޮތުން ޓެލެގްރާފް މެދުވެރިކޮށް މިނަޓަކު 10 ބަސް ފޮނުވޭނެކަން އޭނާ ދައްކާދިނެވެ.

ޓެލެގްރާފް މެޝިނެއް


މިފަދަ އެތައް ހޯދުންތަކަކާއި ކުރި އެރުންތަކަކަށް ފަހު ދެން އިންގިލާބީ ބަދަލުތަކެއް އަންނަންފެށީ 1800ގެ ފަހު ކޮޅު އެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް އުފެއްދުމަކީ ތޯމަސް އެޑިސަންގެ ޑައިރެކްޓް ކަރެންޓް (ޑީސީ) ކަރަންޓު ޖަނަރޭޓަރެވެ. އެ އުފެއްދުމަށް ފަހު އެމެރިކާގެ ނިއުޔޯކަށް ކަރަންޓު ފޯރުކޮށްދިނުން އޭނާއާ ހަވާލުކުރެވުނެވެ. ކަރަންޓުގެ ބޭނުންހިފައި އެލެކްސެންޑާ ގްރަހާމް ފުރަތަމަ ޓެލެފޯން އުފެއްދީ 1876ގަ އެވެ. 1878 ގައި އިނގެރޭސި ސައިންޓިސްޓް ޖޯސެފް ސްވާން ފުރަތަމަ ބޮކި އީޖާދުކުރި އެވެ. ތޯމަސް އެޑިސަން ވެސް ހަމަ އެ އުފެއްދުން އޭގެ މަސްތަކެއް ފަހުން އުފެއްދި އެވެ.

އެޑިސަންއާ ޓެސްލާގެ އަރައިރުން

19 ވަނަ ގަރުނުގެ ފަހުކޮޅު ތޯމަސް އެޑިސަން އާއި ނިކޮލާ ޓެސްލާގެ ހޯދުންތަކުގެ ތަފާތުގެ ސަބަބުން ކަރަންޓުގެ ދާއިރާގައި ވަރުގަދަ ވާދަވެރިކަމެއް އުފެދުނެވެ. އެޑިސަން ޑައިރެކްޓް ކަރަންޓް (ޑީސީ) ސިސްޓަމްތަކަށް ތާއީދު ހޯދަން މަސައްކަތް ކުރިއިރު، ޓެސްލާ ވަކާލާތު ކުރީ އެލްޓަނޭޓިން ކަރަންޓް (އޭސީ) ސިސްޓަމްތަކަށެވެ. އެޑިސަން ކަރަންޓު ދިނުމަށް ލޯކަލް ޕަވަ ސްޓޭޝަންތަކާއި ބިމުގެ އަޑީގެ ކޭބަލްތަކުގެ ނެޓްވޯކެއް ބޭނުންކުރި އެވެ. ނަމަވެސް ޓެސްލާގެ އޭސީ ސިސްޓަމްގެ ސަބަބުން ދުރު ރާސްތާއަށް ޓްރާންސްމިޝަން ކުރެވޭތީ، ފުޅާދާއިރާއެއްގައި ކަރަންޓު ދިނުމަށް މިއީ މާ އެކަށީގެންވާ ގޮތެއް ކަމަށް އޭނާ ދެކުނެވެ.

ގިނަ ބަޔަކަށް ކަރަންޓު ފޯރުކޮށްދެމުން ދިޔަ އެޑިސަންއަށް މިއީ ވިޔަފާރިއަށް ހުރި ނުރައްކަލެއްގެ ގޮތުގައި ސިފަވި އެވެ. އެހެންކަމުން އޭސީ ކަރަންޓުގެ އަގު ވައްޓާލުމަށް އެއީ ނުރައްކާތެރި އެއްޗެއް ކަމަށް ބުނެ ވާހަކަތައް ފެތުރި އެވެ. ނަމަވެސް 1893 ގައި އޮތް ޗިކާގޯސް ވޯލްޑް ފެއާ ޓްރޭޑްގެ އެއް ލައްކަ ބޮތްކަށް ކަރަންޓު ދިނުމަށް ޓެސްލާގެ ސިސްޓަމް ބޭނުންކުރުމަށް ފަހު، އެމެރިކާގެ ރަސްމީ ކަރަންޓު ސިސްޓަމަކީ އޭސީއަށް ހެދުނެވެ.

މުޅިން އައު ދުނިޔެއެއް

1900 ގެ އަހަރުތައް ފެށުނު އިރު ކަރަންޓު ދިނުމަށް ގައުމަކަށް ފަހު ގައުމެއް އިންޖީނުގެތައް ތަރައްގީކޮށް، ދިރިއުޅުމުގެ މުޅިން އައު ތަޖުރިބާއެއް މީހުންނަށް ލިބެން ފެށި އެވެ. ކަރަންޓާއި ގުޅޭ އިތުރު ހޯދުންތައް ހޯދާ ހިދުމަތުގެ ފެންވަރު ރަނގަޅުވަމުން ދިޔަ އެވެ. ދެން ފެށުނީ ކަރަންޓު ބޭނުންކޮށްގެން ދިރިއުޅުން ފަސޭހަކުރުވެނޭ އުފެއްދުންތައް އީޖާދުކުރުމެވެ. އެގޮތުން 1800ގެ ފަހުކޮޅު ވަނީ އޮޑި ދޯނިފަހަރަށް ހާއްސަ ޓާބައިން އިންޖީނު ތައާރަފްކޮށްފަ އެވެ. މީގެ އިތުރުން ބުރުމާ އާއި އެކްސްރޭއަކީ އެންމެ ފުރަތަމަ އީޖާދުކުރެވުނު ބައެއް ޓެކްނޮލޮޖީތަކެވެ.

ތަރައްގީވަމުންދާ ކަރަންޓުގެ މުސްތަގުބަލެއް

ކަރަންޓުގެ ފާހަގަކޮށްލެވޭ ދިގު ތާރީހާ މެދު ވިސްނާލާއިރު، އަނގުރުން ފެށިގެން މިއަދު އަހަރުމެންގެ ދިރިއުޅުން އަލިކޮށްދޭ ބޮކިތަކާއި ހަމައަށް، ކޮށްފައިވަނީ ހައިރާންވާފަދަ ދަތުރެކެވެ. ބެންޖަމިން ފްރެންކްލިން، ތޯމަސް އެޑިސަން، އަދި ނިކޮލާ ޓެސްލާގެ އިތުރުން ވިސްނުންތޫނު އެތައް ސިކުނޑިތަކެއްގެ ހޯދުންތަކާއި އީޖާދުތަކުގެ ސަބަބުން އަހަރުމެން މިވަނީ ކަރަންޓުގެ ފުރުސަތުތަކުން ފުރިފައިވާ ދުނިޔެއަކަށް ވަދެފައެވެ. ކަރަންޓުގެ ސަބަބުން އަހަރުމެންގެ ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުވެ، ސިނާއަތްތައް ކުރިއަރާ، ދުރު ތަންތަނާ މީހުން ކައިރިވެ، މާޒީގައި ތަސައްވުރު ކުރެވިފައިނުވާ ފަދަ ޓެކްނޮލޮޖީގެ ކުރިއެރުންތަކަށް މިވަނީ ބާރުއެޅިފަ އެވެ.

އެހެނަސް ކަރަންޓުގެ ވާހަކަ ނިމުން އަދި ވަރަށް ދުރެވެ. އާ ޒަމާނެއްގެ ފަތިހުގައި އަހަރުމެން ތިބިއިރު، ފެންނަނީ، އިއާދަކުރަނިވި ހަކަތައާއި، ދެމެހެއްޓެނިވި މުސްތަގްބަލެއްގެ ވައުދުވާ އާ ޓެކްނޮލޮޖީތައް ގަބޫލުކުރަމުންދާތަނެވެ. އިރާއި ވައިގެ ބާރު ބޭނުންކުރުމުން ފެށިގެން ހަކަތަ ރައްކާކުރުމުގެ ނިޒާމުތައް ތަރައްގީކުރުމާ ހަމައަށް، ކުރެހެމުން މިދަނީ، ފެހި އަދި ތިމާވެށްޓަށް ހޭލުންތެރި ދުނިޔެއަކަށް ދިއުމުގެ މަގެވެ.

ކަރަންޓުގެ ތާރީހަކީ އިންސާނާގެ ޝައުގުވެރިކަމާއި، ފަންނުވެރިކަމާއި، އިލްމު ހޯދުމަށް ކެތްތެރިކަމެއް ނެތި ކުރި މަސައްކަތުގެ ހެކިތަކެކެވެ. އެއީ ހޯދުމުގެ ކޮންމެ ހުޅުކޮޅަކާ އެކު، އަހަރުމެންގެ ދިރިއުޅުން ބަދަލުކޮށް، ތަހުޒީބުގެ ދަތުރު ބައްޓަން ކުރުމުގެ ގާބިލްކަން ހުޅުވާލާކަން ހަނދާންކޮށްދޭ ކަމެކެވެ. އަހަރުމެންނަށް ކުރެވޭނެ ކަންކަމުގެ ހައްދު ފުޅާކުރަމުންދާ އިރު، ކަރަންޓުގެ ބާރާއި، އިންސާނީ ދަތުރަށް އެއިން ލިބިފައިވާ ނިމުމެއް ނެތް ފުރުސަތުތަކުން ހައިރާންވުން ދުވަހަކުވެސް ހުއްޓާނުލަމާ ހިނގާށެވެ.

އެހެންކަމުން، ދެން ބޮތްކެއް ދިއްލާލާ، އަލިން ކޮޓަރި ފެންވަރުވާލާއިރު، އެ އަލިކަމުގެ ވިދުމުގެ ފަހަތުގައިވާ އާދަޔާ ހިލާފު ވާހަކަ ހަނދާން ކުރާށެވެ. އަހަރުމެންގެ ލޮލުގެ ކުރިމަތީގައި ކަރަންޓުގެ ތާރީހު ކުރިއަށްދާއިރު، އުޖާލާ، ސާފު، އަދި ކުރިއެރުމުގެ ވައުދުން ފުރިފައިވާ މުސްތަގްބަލަކަށް އުންމީދުކުރަމާ ހެއްޔެވެ.