6 ޖުލައި 2023 - 05:59 2
ދަ ޑިމޮކްރެޓްސް އުފެއްދުމަށް ރޭ ގިޔާސުއްދީން ސްކޫލުގައި ބޭއްވި ޖަލްސާގައި ނަޝީދުގެ އަރިހުގައި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް (ވ). -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
6 ޖުލައި 2023 - 05:59 2
އެންމެ ރަނގަޅު ގޮތަކީ އެމަނިކުފާނު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނު ވެސް ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވުން ކަމަށް، ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ފަހަތުގައި ހުންނެވި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވި ވާހަކަ އަށް ޕީޕީއެމް/ޕީއެންސީގެ އިސް ބޭފުޅުން ހޫނު ރައްދެއް ދެއްވައިފި އެވެ.
ދަ ޑިމޮކްރެޓްސް އުފެއްދުމަށް ބޭއްވި ޖަލްސާގައި އެ ޕާޓީއާ ގުޅިވަޑައިގަންނަވާނެ ކަން އިއުލާނުކުރެއްވުމަށް ފަހު ނަޝީދު ވިދާޅުވީ ޔާމީނަކީ ރާއްޖެއަށް އެތައް ހިދުމަތްތަކެއް ކޮށްދެއްްވާފައިވާ ބޭފުޅެއް ކަމަށާއި އެ މަނިކުފާނު ޖަލުގައި ހުންނަވަން އެދިވަޑައިނުގަންނަވާ ކަމަށެވެ. ރިޔާސީ އިންތިހާބަށް ދެ ބޭފުޅުން ވެސް ކުރިމަތިނުލައްވަން ފެނިވަޑައިގަންނަވާ ކަމަށް ވިދާޅުވީ އެވާހަކަފުޅާ ގުޅުވައިގެންނެވެ.
"އަޅުގަނޑަށް ފެންނަ ފެނުމުގައި މި ރިޔާސީ އިންތިހާބަށް އަޅުގަނޑުމެން ދެ މީހުން ވެސް ކުރިމަތިނުލައި، އަޅުގަނޑުމެން ދެ މީހުން އެކުގައި ބާރަށް މަަސައްކަތްކޮށްގެން ރާއްޖޭގެ ރައްޔިތުން މި އެދޭ ގޮތް ހޯދައިދޭންވީ،" އިދިކޮޅުން އެއް ކެންޑިޑޭޓެއް ނެރުމުގެ ވިސްނުން ހިއްސާ ކުރެއްވުމުގެ ގޮތުން ނަޝީދު ރޭ ވިދާޅުވި އެވެ.
ކުރިން ޔާމީނަށް ވަރަށް ބޮޑަށް ނަޝީދު ފާޑުވިދާޅުވި ވިޔަސް، ފަހަކަށް އައިސް ޔާމީނަށް ތައުރީފު ކުރައްވައި ނަޝީދު ތަކުރާރުކޮށް ވާހަކަ ދައްކަވާފައި ވެ އެވެ.
ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ ރޭގެ ޖަލްސާގައި ނަޝީދު ވިދާޅުވީ އެ މަނިކުފާނު އަމިއްލަފުޅު ހިޔާލު ކަމަށާއި އެ ޕާޓީއަށް އަދި ކެންޑިޑޭޓަކު ވެސް ދެއްކިފައި ނެތް ކަމަށެވެ.
"ރައީސް ނަޝީދު އެ ވިދާޅުވަނީ އެ މަނިކުފާނުގެ ވިސްނުންފުޅު. މި އިންތިހާބުގައި ރައީސް ނަޝީދު އަދި ޑިމޮކްރެޓްސް އުޅުއްވަނީ ތަންކޮޅެއް ފަހަތުގައި. އަދި އެ ބޭފުޅުން ކެންޑިޑޭޓެއް ވެސް ނުދައްކަވާ. ޕީޕީއެމް/ޕީީއެންސީ އިން މާކުރިން ވާނީ ރައީސް ޔާމީން ކެންޑިޑޭޓެއްގެ ގޮތުގައި ނިންމާ ކެމްޕޭނު ވެސް ފަށާފައި،" ޝިޔާމް ވިދާޅުވި އެވެ.
ދަ ޑިމޮކްރެޓްސް ޕާޓީ އުފެއްދުމަށް ގިޔާސުއްދީން ސްކޫލުގައި ބޭއްވި ޖަލްސާގައި ޝިޔާމްގެ އިތުރުން އިދިކޮޅު ޕާޓީތަކުގެ އިސް ބައެއް ބޭފުޅުން ވެސް ބައިވެރިވި އެވެ.
އެ ޖަލްސާގައި ނަޝީދު ދެއްކެވި ވާހަކަ އަށް ރައްދު ދެއްވައި ޕީޕީއެމްއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއީލް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ޔާމީން ކަން ކުރައްވާނެ ގޮތް ނަޝީދު ވިދާޅުވުމަކީ ހުތުރު ކަމެއް ކަމަށެވެ. އަދި އޭނާ ނަޝީދު ސިފަ ކުރެއްވީ ލާހޫރޭ ލީޑަރެއްގެ ގޮތުގަ އެވެ.
"މުހައްމަދު ނަޝީދު ރިޔާސީ އިންތިހާބުގައި ވާދަކުރުން، ނުކުރުން އެއީ މުހައްމަދު ނަޝީދުގެ އަމިއްލަ ނިންމުން. ރައީސް ޔާމީން ކަންކުރަންވާ ގޮތް ނަޝީދު ކިޔާދިނުން ހަޑި. [ނަޝީދު] އާއި ޔާމީން އަކީ ދެ ފިކުރެއް. ގައުމީ ލީޑަރަކާއި ލާހޫރޭ ލީޑަރެއްގެ ތަފާތު ވަަރަށް ބޮޑުވާނެ،" އޭނާ ވިދާޅުވި އެވެ.
ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އިރާދަ ކުރެއްވިއްޔާ ރައީސް ޔާމީން މި އަހަރުގެ ރިޔާސީ އިންތިހުބުގައި ވާދަ ކުރައްވާނެ ކަމަށެވެ.
"ރައްޔިތުން ބޭނުންވާ ރަނގަޅު ގޮތް ހޯދައި ދެވޭނެ ކަމަށް ރައްޔިތުން ގަބޫލުކުރަނީ ރައީސް ޔާމީން ރާއްޖޭގެ ޒައާމަތާ ހަވާލުވެގެން. އެ ނޫން ލީޑަރަކަށް މި ގައުމު ސަލާމަތް ކުރެވޭނެ ކަމަކަށް ރައްޔިތުން މިއަދަކު ގަބޫލެއް ނުކުރޭ،" އޭނާ ވިދާޅުވި އެވެ.
ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީން، ޝަރީއަތުގެ އަޑުއެހުމަކަށް ފަހުން އަނބުރާ ޖަލަށް ގެންދަން ލޯންޗަށް އަރުވާއިރު، ސަޕޯޓަރުންނަށް އިޝާރާތްކޮށްލަނީ. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ޕީޕީއެމް/ޕީއެންސީ އާއި ދަ ޑިމޮކްރެޓްސް ދާދި ފަހުން މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވި އެވެ. ނަމަވެސް އެއީ ރިޔާސީ އިންތިހާބާ ގުޅޭ މަޝްވަރާތަކެއް ނޫން ކަމަށާއި އެ ބައްދަލުވުންތަކުގައި ވާހަކަ ދައްކާފައިވާނީ ގައުމީ މައްސަލަތަކުގައި އެކުގައި މަސައްކަތް ކުރެވޭނެ ގޮތްތަކެއް ހޯދަން ކަމަށް އަބްދުއްރަހީމް ވިދާޅުވެފައިވެ އެވެ.
ޕީޕީއެމް/ޕީއެންސީން އަބަދު ވެސް ބުނަމުން އަންނަނީ އެ ދެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ޔާމީން ކަމަށާއި އެކަން ބަދަލެއް ނުވާނެ ކަމަށެވެ. ނަމަވެސް އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ ތެރޭގައި ހިމެނޭ މުއާމަލާތަކާ ގުޅިގެން މަނީ ލޯންޑްރިންއާއި ރިޝްވަތުގެ ކުށް ސާބިތުވެފައި ވާތީ ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި އެބަ އޮތެވެ.
އެ ހުކުމް ތަންފީޒު ކުރަމުން ގެންދާއިރު ރިޔާސީ އިންތިހާބުގައި ޔާމީނަށް ވާދަކުރެއްވޭނީ ހައިކޯޓުން އެ ހުކުމް ބާތިލުކޮށްފި ނަމަ އެވެ. އެ ހުކުމް ޔާމީނުގެ ފަރާތްޕުޅުން އިސްތިއުނާފުކުރުމުން ހައިކޯޓުގައި އެ މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް ކުރިއަށް ދެ އެވެ.
Comment