Advertisement

ރަނިން މޭޓުންގެ ތާރީހާއި މިއަހަރު ފެނިދާނެ ބޭފުޅުން

9 ޖުލައި 2023 - 08:45 5

ނިމާ ހަސަން

ނިމާ ހަސަން


ރަނިން މޭޓުންގެ ތާރީހާއި މިއަހަރު ފެނިދާނެ ބޭފުޅުން

9 ޖުލައި 2023 - 08:45 5

ރާއްޖޭގެ ހަތަރު ވަނަ ރިޔާސީ އިންތިހާބާ ކުރިމަތިލާއިރު, ފެންނަން އޮތީ ރަނިން މޭޓުންގެ ގޮތުގައި ނިކުންނަވާ ބޭފުޅުންނާ ގުޅުންހުރި ތަފާތު ތާރީހެކެވެ. ނައިބު ރައީސްކަމަށް ހޮވުނު ބޭފުޅަކު ރައީސްކަން ކުރެއްވިއިރު އެއް ދައުރެއްގައި ތިން ނައިބު ރައީސުން ވެސް މަގާމަށް ވަޑައިގެންފައިވެ އެވެ.

ކުރިން ބޭއްވި ތިން އިންތިހާބުގައި ވެސް ފެނުނީ އެހާމެ ތަފާތު މަންޒަރުތަކެވެ. އެއް އިންތިހާބުގައި ކެންޑިޑޭޓުންގެ ގޮތުގައި ނިކުންނެވި ބޭފުޅުން ޖެހިގެން އައި އިންތިހާބުގައި ރަނިން މޭޓުގެ ގޮތުގައި ވެސް ވާދަކޮށްފައި އެބަ ހުއްޓެވެ. އަންހެން ރަނިން މޭޓުންނާއި ދެ އިންތިހާބުގައި ދެ ކެންޑިޑޭޓެއްގެ ރަނިންމޭޓެއްގެ ގޮތުގައި އެއް ބޭފުޅަކު ނިކުންނަވާފައި ވެސް އެބަ ހުއްޓެވެ.

މީގެ ކުރިން 2008 ވަނަ އަހަރު ބޭއްވި ރާއްޖޭގެ ފުރަތަމަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ޑރ. ހަސަން ސައީދަކީ އެގޮތުން ފާހަގަކޮށްލެވޭ ބޭފުޅެކެވެ. އެ އިންތިހާބުގެ ފުރަތަމަ ބުރުގައި 16 ޕަސަންޓު ވޯޓު ކާމިޔާބު ކުރައްވައި, ތިން ވަނައަށް ވަޑައިގެންނެވުމުން 25 ޕަސަންޓު ވޯޓާއެކު ދެ ވަނައަށް ވަޑައިގެންނެވި މުހައްމަދު ނަޝީދަށް ތާއިދު ކުރެއްވި އެވެ.

އޭރު ރައީސް ނަޝީދު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމުން, އެއް އަހަރު ދުވަހު އެމަނިކުފާނުގެ އެޑްވައިޒަރު ކަމުގައި ހުންނެވި އެވެ. އެއަށްފަހު ނަޝީދުގެ ވެރިކަން ވެއްޓި އޭރުގެ ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމުން އެމަނިކުފާނުގެ އެޑްވައިޒަރުކަން ވެސް އެއް އަހަރު ދުވަހަށް ކުރެއްވި އެވެ.

ޑރ. ވަހީދުގެ އެޑްވައިޒަރުކަމުން 2013 ގައި އިސްތިއުފާ ދެއްވައި, ފަހު ދުވަހު ވަޑައިގެންނެވީ އޭރުގެ އިންތިހާބުގައި ވާދަކުރައްވަން ތައްޔާރަށް ހުންނެވި ގާސިމް އިބްރާހިމްގެ ރަނިން މޭޓެއްގެ ގޮތުގަ އެވެ. ނަމަވެސް 24 ޕަސަންޓާއެކު, ގާސިމަށް އެ އިންތިހާބު ގެއްލުނެވެ.

އޭގެ އިތުރުން، 2008 ވަނަ އަހަރުގެ އިިންތިހާބުގައި ވާދަކުރެއްވި އިބްރާހިމް އިސްމާއިލް (އިބްރާ) ގެ ރަނިން މޭޓުގެ ގޮތުގައި ނިކުންނެވި ފާތިމަތު ނާހިދު ޝާކިރަކީ ވެސް ރަނިންގމޭޓުންގެ ލިސްޓުގައި ގުނާލެވޭ ބޭފުޅެކެވެ. ރާއްޖޭގެ ތާރީހުގައި ރަނިން މޭޓެއްގެ ގޮތުގައި ނިކުންނެވި ހަމައެކަނި އަންހެން ބޭފުޅާ އެވެ.

ދެން ހުންނެވީ އަހުމަދު ތަސްމީން އަލީ އެވެ. ދެ އިންތިހާބުގައި ތަފާތު ދެ ކެންޑިޑޭޓެއްގެ ރަނިން މޭޓުގެ ގޮތުގައި ނިކުންނެވި އެވެ. ފުރަތަމަ 2008 ވަނަ އަހަރުގެ އިންތިހާބުގައި އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ރަނިން މޭޓުގެ ގޮތުގައި ނިކުންނެވި އެވެ. ނަމަވެސް އެ އިންތިހާބުގެ ދެ ވަނަ ބުރުގައި 45 ޕަސަންޓު ލިބުމުން ނާކާމިޔާބުވީ އެވެ.

ޖެހިގެން އައި އިންތިހާބުގައި ތަސްމީން ނިކުންނެވީ އޭރުގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ރަނިންމޭޓުގެ ގޮތުގަ އެވެ. އެ އިންތިހާބުގެ ފުރަތަމަ ބުރުގައި ފަސް ޕަސަންޓު ވޯޓުން ނާކާމިޔާބު ވީއެވެ. އޭގެ ފަހުން 2013 ގެ އެ އިންތިހާބުގައި ވާދަކުރެއްވި ގާސިމް އިބްރާހިމް ކޯޓަށް ވަޑައިގެން އެ ބުރު ބާތިލު ކުރެއްވުމުން ޑރ. ވަހީދު ވާދައެއް ނުކުރައްވަ އެވެ.

ނައިބު ރައީސުންގެ ވެސް ތަފާތު ތާރީހެއް

އިންތިހާބު ކާމިޔާބު ކުރައްވައި ރަނިން މޭޓުކަމުން ނައިބު ރައީސްގެ މަގާމަށް ހޮވި ވަޑައިގެންނެވި ބޭފުޅުންގެ ވެސް އޮތީ ހަމަ މިފަދަ ޝައުގުވެރި ތާރީހެކެވެ. ނައިބު ރައީސުންނަކީ ގާނޫނުން, ރައިސުލްޖުމްހޫރިއްޔާގެ ހުންނަންޖެހޭ ޝަރުތުތަކާއެކު, އެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި އެހީތެރިވެދިނުމުގެ ގޮތުން އައްޔަންކުރަން ލާޒިމު ކުރާ މަގާމެކެވެ.

ރާއްޖޭގެ ނައިބު ރައީސުންގެ ތާރީހަށް ބަލާލާއިރު, 2008 ވަނަ އަހަރުގެ އިންތިހާބު ކާމިޔާބު ކުރެއްވި މުހައްމަދު ނަޝީދުގެ ނައިބު ރައީސް, ޑރ. ވަހީދު ދައުރުގެ މެދުތެރެއިން ރައީސްކަމާ ހަވާލުވެވަޑައިތެވެ.

އޭރު ސިޔާސީ ގޮތުން ހިނގި ހަމަނުޖެހުންތަކާއި "ބަޣާވާތަށް" ފަހު ދެ އަހަރު ދުވަހު އެމަނިކުފާނު ރައީސް ކަމުގައި ހުންނެވި އެވެ. އަދި ޖެހިގެން އައި އިންތިހާބުގައި އަމިއްލަފުޅަށް ވާދަވެސް ކުރެއްވި އެވެ. އިންތިހާބުގެ އެ ބުރު ބާތިލު ކުރުމުން ފަހުން ވާދައެއް ނުކުރައްވަ އެވެ.

ދެހާސްތޭރަ ވަނަ އަހަރު ނައިބު ރައީސް ކަމަށް ފުރަތަމަ ވަޑައިގެންނެވީ, އޭރުގެ ރައީސް ޔާމީނާއެކު އިންތިހާބު ކާމިޔާބު ކުރެއްވި ޑރ. މުހައްމަދު ޖަމީލެވެ. ނަމަވެސް އެ ރިޔާސީ ދައުރަށް ދެ އަހަރު ނުފުރެނީސް އޭނަ މަގާމުން ވަކިކުރައްވައި, އެ މަގާމަށް ގެންނެވީ އޭރު ޓުއަރިޒަމް މިނިސްޓަރު ކަމުގައި ހުންނެވި އަހުމަދު އަދީބެވެ.

ނަމަވެސް ރައީސްގެ ފިނިމެންމާ ލޯންޗުކޮޅު ގޮއްވާލައި, އެމަނިކުފާނު އަވަހާރަކޮށްލަން އުޅުނުކަމުގެ ތުހުމަތުގައި ނައިބު ރައީސްކަމުން އަދީބު ވަކިކުރެއްވި އެވެ. އޭނާ އެ މަގާމު ފުރުއްވީ ގާތްގަނޑަކަށް ފަސް މަސް ދުވަހެވެ. އަދީބު ވަކިކުރުމަށްފަހު, އެ ރިޔާސީ ދައުރުގެ ބާކީ އޮތް ބައިގައި ނައިބު ރައީސްކަން ކުރެއްވީ އަބްދުالله ޖިހާދެވެ.

ދެހާސްއަށާރަ ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކުރިމަތިވެ, އެ އިންތިހާބަށް ކުރިމަތިލެއްވިއިރު, ނައިބު ރައީސް ޖިހާދު ބަހައްޓަވާފައި ޔާމީން ހިޔާރު ކުރެއްވީ ޑރ. މުހައްމަދު ޝަހީމެވެ. ނަމަވެސް 41 ޕަސަންޓު ވޯޓު ލިބިވަޑައިގެން އެ ވެރިކަން ވެސް ނިމުނީ އެވެ.

އެ އިންތިހާބުގައި ޔާމީނާ ވާދަކުރެއްވީ, އޭރުގެ އިދިކޮޅު ޕާޓީތައް ގުޅިގެން އުފެއްދި ކޯލިޝަނުންނެވެ. ރިޔާސީ ކެންޑިޑޭޓު ނެރުނީ އިސްކޮށް އޮތް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީންނެވެ. ރަނިން މޭޓު ކަނޑައަޅަން ފުރުސަތު ލިބުނީ އެ ކޯލިޝަންގެ ދެވަނައަށް އެންމެ ބޮޑު ޕާޓީ, ޖުމްހޫރީ ޕާޓީއަށެވެ.

އޭރު އެ ޕާޓީން އެ މަގާމަށް ހަތަރު ބޭފުޅުން ކުރިމަތިލި އެވެ. ޖޭޕީ ކައުންސިލުގެ ތެރޭގައި ބޭއްވި ވާދަވެރި ޕްރިމަރީއެއްގައި ކެންދޫ ދާއިރާގެ މެމްބަރާ އެއް ވޯޓުގެ ތަފާތުން ރަނިން މޭޓުގެ މަގާމު ކާމިޔާބު ކުރެއްވީ އޭރު ކާށިދޫ ދާއިރާގެ މެމްބަރު ކަމުގެ މަގާމުގައި ހުންނެވި ފައިސަލް ނަސީމެވެ.

ފައިސަލް ނަސީމް ވެގެން ދިޔައީ ނައިބު ރައީސުންގެ ތާރީހުގައި ރާއްޖެ ނުދެކޭހާ އިހުލާސްތެރި ބޭފުޅަކަށެވެ. ރައީސްއާ ގުޅިގެން މަސައްކަތް ކުރެއްވޭ ފެންވަރުގެ ބޭފުޅަކަށެވެ. އަދި ސިއްހީ ސަބަބަކަށް ރައީސުލްޖުމްހޫރިއްޔާ އޮޕަރޭޝަނެއް ކުރައްވަން ޖެހިވަޑައިގެންނެވުމުން ރައީސްގެ ޒިންމާތަކާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެންނެވި އެވެ.

އަނެއްކާވެސް ރިޔާސީ ދައުރެއް ނިމި, ރާއްޖެ ރިޔާސީ އިންތިހާބަކަށް ކުރިމަތިލާއިރު, އެ އިންތިހާބުގައި ވާދަކުރައްވާނޭކަމަށް އަށް ބޭފުޅަކު އިއުލާނުކުރައްވާފައި ވެ އެވެ. ނަމަވެސް އެއިން އެއްވެސް ބޭފުޅަކު އަދި ރަނިންމޭޓެއް ނުދައްކަ އެވެ. ކެންޑިޑޭޓުންގެ ފަހަތަށް މިފަހަރު އަރާނީ ކޮން ބައެއްތޯ މިއީ އުފެދިފައިވާ ބޮޑު ސުވާލެކެވެ.

2023 އިންތިހާބުގެ ރަނިންމޭޓުންނަށް ވާނީ ކޮން ބޭފުޅުންނެއް؟

އެމްޑީޕީ / ރައީސް ސޯލިހު

ލިސްޓު އެންމެ ކުރިން ގުނާލާނީ އެމްޑިޕީގެ ޓިކެޓުގައި ވާދަކުރައްވާ މިހާރުގެ ރައީސް, ސޯލިހެވެ. އެމަނިކުފާނުގެ ކެމްޕޭން ފަށަން ތައްޔާރުވަމުން އަންނައިރު އަދި ރަނިން މޭޓެއް ނުނެރުއްވަ އެވެ. ރަނިން މޭޓަކަށް ވާނެ ކަމަށް ތުންތުންމަތިން އެކި ނަންތައް އަޑުއިވެ އެވެ.

މިހާރު ނައިބު ރައީސް ފައިސަލް ހުންނެވީ, މި ދައުރަށްފަހު ސިޔާސީ ގޮތުން ރިޓަޔާ ކުރެއްވުމުގެ ވިސްނުންފުޅުގަ އެވެ. ނަމަވެސް އެއް ދައުރަށްފަހު ސިޔާސީ ގޮތުން ރިޓަޔާ ކުރެއްވުމަކީ, އަދި މިހާތަނަށް އެއްވެސް ސިޔާސީ ލީޑަރެއްގެ ފަރާތުން ރާއްޖެ ދުށް މަންޒަރެއް ނޫނެވެ.

އެހެންކަމުން, ފުރަތަމަ ފަހަރަށް ރިޔާސީ ދައުރެއް ފުރިހަމަ ކުރައްވަމުންދާ, ފައިސަލް އަނެއްކާވެސް ރަނިން މޭޓެއްގެ ގޮތުގައި ފެނުމަކީ އެކަށީގެންވާ ކަމެކެވެ. އިކޮނޮމިކް މިނިސްޓަރު ކަމުގައި ހުންނެވި ފައްޔާޒް އިސްމާއިލް ވެސް ރަނިން މޭޓެއްގެ ގޮތުގައި ނިކުމެދާނެ ކަމަށް ތުންތުންމަތިން ކިޔަ އެވެ.

ރައީސް ސޯލިހުގެ ރަނިން މޭޓެއްގެ ގޮތުގައި ފެނިދާނެ ކަމަށް އަޑުފެތުރިފައިވާ އަނެއް ބޭފުޅަކީ ފޮރިން މިނިސްޓަރު އަބްދުالله ޝާހިދެވެ. ނިމިދިޔަ އެމްޑީޕީގެ ޕްރައިމަރީގައި ވެސް ރައީސްގެ އެންމެ އަރިހުން ފެނުނު އެއް މޫނަކީ ޝާހިދެވެ.

ރައީސް ސޯލިހުގެ ރަނިން މޭޓުގެ ގޮތުގައި މި އިންތިހާބަށް އުފައްދަވާ ކޯލިޝަނުގައި ހިމެނޭ އަދާލަތާއި އެމްޑީއޭގެ ބޭފުޅަކު ނެރުމުގެ ފުރުސަތު ވެސް އެބަ އޮތެވެ.

ޕީޕީއެމް / ޔާމީން

ރިޔާސީ އިންތިހާބަށް ކުރިމަތިލައްވަން ނިންމައި ކުރީގެ ރައީސް ޔާމީންގެ ޕީޕީއެމުން ވެސް ވަނީ ކެމްޕޭން ފަށާފަ އެވެ.

އެމަނިކުފާނުގެ ރަނިން މޭޓުގެ ގޮތުގައި, ކުރިން ވެސް ނިކުންނެވި, ޑރ. ޝަހީމް ފެނުމުގެ ފުރުސަތު އެބަ އޮތެވެ. ކުރިން، 2018 ވަނަ އަހަރުގެ އިންތިހާބުގައި ނާކާމިޔާބުވެވަޑައިގެން, ސިޔާސީ ދާއިރާއާ ދުރުގައި ހުންނެވުމަށްފަހު އަނެއްކާ ވެސް ޑރ. ޝަހީމް ގެންދަވަނީ ރައީސް ޔާމީނަށް ތާއިދުކުރައްވައި, ޕީޕީއެމާއެކު މަސައްކަތް ކުރައްވަމުންނެވެ.

ޕީޕީއެމްގެ ކެންޑިޑޭޓުގެ ގޮތުގައި ދެއްކި ޔާމީން ގެންދަވަނީ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެހެންކަމުން ޔާމީނަށް އިންތިހާބުގައި ވާދަކުރެވޭނެ ކަމާމެދު ސުވާލު އުފެދިފައިވާއިރު, ޕީޕީއެމްގެ ތެރެއިން އިތުރު ކެންޑިޑޭޓެއް ނެރުމުގެ ފުރުސަތު ވެސް އެބަ އޮތެވެ.

މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒާއި މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްގެ އިތުރުން ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫނަކީ، ޕީޕީއެމްގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެކަމުގެ އަޑު ފެތުރިފައިވާ ބޭފުޅުންނެވެ.

ޕީޕީއެމްގެ ފަރާތުން ރައީސް ޔާމީނަށް ވާދަކުރެވޭ ނަމަ, ކެންޑިޑޭޓުގެ ބަދަލުގައި, ރަނިން މޭޓުގެ ގޮތުގައި ވެސް މިއިން ބޭފުޅަކު ފެނިދާނެ އެވެ.

ޖޭޕީ / ގާސިމް

މީގެ ކުރިން ދެ އިންތިހާބަކަށް ކުރިމަތިލެއްވި, ގާސިމް އިބްރާހިމް ވެސް މިފަހަރު ވަނީ ސަރުކާރު ކޯލިޝަނާ ވަކިވެވަޑައިގެން އަމިއްލަފުޅަށް އިންތިހާބުގައި ކުރިމަތިލުމަށް ނިންމަވާފަ އެވެ. ގާސިމްގެ ރަނިން މޭޓުގެ ގޮތުގައި ހޮއްވަވާނެ ކަމަށް އަޑުފެތުރިފައިވާ ބޭފުޅުން ވެސް އެބަތިއްބެވެ.

ދެހާސްއަށާރަ ވަނަ އަހަރުގެ އިންތިހާބުގައި ރަނިން މޭޓު ހޮވުމަށް ޕްރައިމަރީ ބޭއްވުމުގެ ކުރިން, ރަނިން މޭޓުގެ ގޮތުގައި, އޭރު އަލަށް ސިޔާސީ ދާއިރާއަށް ނިކުންނެވި ގާސިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ ނިކުންނަވާނެ ކަމުގެ އަޑުތައް ފެތުރުނެވެ. އެ އަޑުތަކާއެކު, އޭރު ކޯލިޝަނުގައި އޮތް އަދާލަތު ޕާޓީން ވަނީ ނައިބު ރައީސްކަމަށް އަންހެނަކު ނެރުމަކީ ދީނީގޮތުން ރަނގަޅު ކަމެއް ނޫން ކަމަށް ބުނެ ފާޑުކިޔުން އަމާޒުކޮށްފަ އެވެ.

އޭގެ އިތުރުން, އޭރު ޖޭޕީ ކައުންސިލުގެ ޕްރައިމަރީން އެއް ވޯޓުގެ ތަފާތުން ބަލިވެވަޑައިގެންނެވި އަލީ ހުސެއިން މިފަހަރު ރަނިން މޭޓުގެ ގޮތުގައި ހަމަޖައްސަފާނެ އެވެ. އޭރުގެ ޕްރައިމަރީ ކާމިޔާބު ކުރެއްވި ފައިސަލް, ޖޭޕީއާ ދުރުން މަސައްކަތް ކުރައްވާތީއާވެސް އެކު, ޖޭޕީގެ ރަނިންމޭޓަކަށް އަލީ ނެރުމުގެ ފުރުސަތު ބޮޑެވެ.

ޑިމޮކްރެޓްސް / ނަޝީދު؟

ދާދި ފަހުން އުފެއްދި ދަ ޑިމޮކްރެޓްސް ޕާޓީން ވެސް ވަނީ, ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރެނޭ ކަން ހާމަކޮށްފަ އެވެ. ޑިމޮކްރެޓްސްއަކީ, ވެރިކަން ކުރާ އެމްޑީޕީން ވަކިވި މެންބަރުންތަކެއް އުފެއްދެވި ޕާޓީ އެކެވެ. އަދި, އެމްޑީޕީގެ ޕްރައިމަރީން ބަލިވެވަޑައިގެންނެވި ކުރީގެ ރައީސް ނަޝީދު ވެސް ވަނީ އެމްޑީޕީން ވަކިވެވަޑައިގެން, ޑިމޮކްރެޓްސްއަށް ސޮއިކުރައްވާނެކަން ހާމަކުރައްވާފަ އެވެ.

އެހެންކަމުން, ޑިމޮކްރެޓްސްގެ ފަރާތުން ރިޔާސީ އިންތިހާބަށް ނެރޭނެ ކެންޑިޑޭޓަކީ ނަޝީދު ކަމަށް ވުމުގެ ފުރުސަތު އެބަ އޮތެވެ. އެ ހާލަތުގައި ރަނިން މޭޓެއްގެ ގޮތުގައި, ޑިމޮކްރެޓްސްގައި އިސްކޮށް ހަރަކާތްތެރިވާ އެސްޓީއޯގެ ކުރީގެ އެމްޑީ އަދި ސީއީއޯ ހުސެއިން އަމްރު ފެނިދާނެ އެވެ.

އެމްޑީޕީ ޕްރައިމަރީގައި ނަޝީދު ވިދާޅުވެފައި ވަނީ, އެމަނިކުފާނު ރިޔާސީ އިންތިހާބަށް ނުކުންނަވާނީ ރަނިން މޭޓެއްގެ ގޮތުގައި އައްޑޫ ބޭފުޅަކާ އެކު ކަމަށެވެ. ސިޔާސީ ދާއިރާގައި އަމަލީގޮތުން ނުފެންނަ, ނަމަވެސް އޭރު ނަޝީދުގެ ކެމްޕޭނުގައި އަމަލީގޮތުން ހަރަކާތްތެރިވި, އައްޑޫއަށް ނިސްބަތްވާ ދިޔާނާ ސައީދު ފެނިގެން ފެނުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

އޭގެ އިތުރުން ދާދި ފަހުން, ރައީސް ސޯލިހުގެ އެޑްވައިޒަރުކަމުން އިސްތިއުފާ ދެއްވި މުހައްމަދު ޝިހާބް ވެސް ރަނިންމޭޓުގެ މަގާމުން ފެނިދާނެ ކަމުގެ އަޑު ފެތުރިފައިވެ އެވެ.

އެ ކެންޑިޑޭޓުންގެ އިތުރުން, 2021 ވަނަ އަހަރު އުފެއްދި އެމްއެންޕީގެ ފަރާތުން އެ ޕާޓީގެ ރައީސް އަދި ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ވަނީ ނިންމަވާފަ އެވެ. އަދި އަމިއްލަ ގޮތުން ވާދަކުރައްވަން ތިއްބެވި ކެންޑިޑޭޓުންގެ ތެރޭގައި, ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ކުރީގެ އެޓާނީ ޖެނެރަލް ޑރ. މުހައްމަދު މުނައްވަރުގެ އިތުރުން, ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓް ޕާޓީގެ ނަމުގާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރައްވަމުން އަންނަ ޑރ. މުހައްމަދު އާތިފް ހިމެނެ އެވެ.

ރިޔާސީ އިންތިހާބު 2023
ސިޔާސީ ޕާޓީތައް
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް
ރައީސް މުހައްމަދު ނަޝީދު
ގާސިމް އިބްރާހިމް
އެމްޑީޕީ
ޕީޕީއެމް
ދަ ޑިމޮކްރެޓްސް
ޖުމްހޫރީ ޕާޓީ
މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)
މެންބަރު މުހައްމަދު ނާޒިމް (މާފަންނު އުތުރު ދާއިރާ)
އުމަރު ނަސީރު
ޑރ. މުހައްމަދު ޖަމީލު އަހްމަދު
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު
ނައިބު ރައީސް ފައިސަލް ނަސީމް
ރައީސް މުހައްމަދު ވަހީދު ހަސަން މަނިކު
ރައީސް މައުމޫން އަބްދުލްގައްޔޫމް
ކުރީގެ މެންބަރު މުހައްމަދު ޣައްސާން މައުމޫން - ގުރައިދޫ
ކުރީގެ މެންބަރު އަހްމަދު ޝިޔާމް - ނައިފަރު
ރައީސް ޑރ. މުހައްމަދު މުއިއްޒު
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް
ހުސެއިން އަމްރު
ކުރީގެ މެންބަރު އަލީ ހުސެއިން - ކެންދޫ
އާއިޝަތު ނަހުލާ (ކުރީގެ ޓްރާންސްޕޯޓު މިނިސްޓަރު)
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް