Advertisement

އެ ބޭފުޅުން، މީހުންނަށް ހެދި ކަނބަލުންގެ ވާހަކަ

8 ޖުލައި 2023 - 11:31 9

ހަސަން މުހައްމަދު

ހަސަން މުހައްމަދު


އެ ބޭފުޅުން، މީހުންނަށް ހެދި ކަނބަލުންގެ ވާހަކަ

8 ޖުލައި 2023 - 11:31 9

އެކަމަނާ އެ ދުވަހު، އުމުރުފުޅުން 68 އަހަރުގައި، ސިޔާސީ ކަމެއްގައި މަގުމައްޗަށް ނިކުންނެވީ އަލަށެވެ. އެކަމަކު، މުޅި އުމުރުގައި ވެސް ނަސްރީނާ އިބްރާހިމް ދެއްކެވި މިސާލަކީ އެއީ އެވެ. ކުރިމަތިިވި ކޮންމެ ގޮންޖެހުމެއް ކަޑައްތު ކުރެއްވީ އަދާކުރައްވަން ޖެހިވަޑައިގެންނެވި ޒިންމާ ވެސް އަދާކުރައްވަމުންނެވެ.

ނޮވެމްބަރު 3، 1989 ގައި، ޓެރަރިސްޓުންނަށް ފިއްލަވައިގެން ރައީސް މައުމޫން އަބްދުލްގައްޔޫމް، ދިވެހިންނަށް ބޭރުގެ އެހީ ހޯއްދެވުމުގެ މަސައްކަތް ކުރެއްވިއިރު، ނަސްރީނާ ނެންގެވި ޒިންމާއަކީ ގާތުގައި ހުންނެވި ދަރިކަލުންނާމެދު ފިރިކަލުންނަށް ފިކުރުކުރައްވަން ޖެހިވަޑައިނުގަންނަވާހާ ފުރިހަމައަށް ކަންކަން ބެލެހެއްޓެވުމެވެ.

ހަމައެގޮތަށް، ދިވެހިރާއްޖޭގައި 30 އަހަރު ވެރިކަން ކުރެއްވުމަށްފަހު، ގައުމަށް ކުރިމަތިވި މާސިންގާ ސިޔާސީ ހަލަބޮލިކަމާއި ނާމާން މާހައުލުގެ ތެރެއިން ވެރިކަމާ އެންމެ ދުރު ތަން، ހުރަގޭގަ އެކަމަނާގެ ފިރިކަލުން ހުންނެވިިއިރު، ނަސްރީނާގެ ޒިންމާއަކަށް އޮތީ ކެރިވަޑައިގެން މަގުމައްޗަށް ނިކުމެ އިންސާފާއި ހައްގަށް ގޮވާލެއްވުމެވެ.

"ހައްގަށް ނަސްރު ދެއްވާނެ. މީހާ ދަތުރުކުރާ މަގަކީ ވަރަށް މުހިންމު އެއްޗެއް. އެމީހަކު ހައްގުގައި ހުރެގެން ދަތުރުކުރާ ކަމަށްވާ ނަމަ އުފަލުގަ ހުންނާނެ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެނަށް ނަސްރާ ހަމައަށް ދާނެ. ވަރަށް އަވަހަށް ކާމިޔާބު ވެސް ވާނެ،" ކްރިމިނަލް ކޯޓުގައި ކައިރީ ހުންނަވާ ނޫސްވެރިންނާ އެފަދަ ގޮތަކަށް އަލަށް ވާހަކަ ދައްކަވަމުން މާޗް 20، 2018 ގައި ނަސްރީނާ ވިދާޅުވި އެވެ.

އެއީ ދިވެހިރާއްޖޭގެ ދެ ވަނަ ރައީސްގެ އަނބިކަނބަލުން ނަސްރީނާގެ ދެއްކެވި ހިތްވަރުގަދަ މިސާލެވެ. ހަމަ އެގޮތަށް، ދިވެހިރާއްޖޭގައި ވެރިކަން ކުރެއްވި ހުރިހާ ރައީސުންގެ ގާތުގައި، އެ ބޭފުޅުންގެ މަސައްކަތްޕުޅުގައި ބައިވެރިވެވަޑައިގެން ހިތްވަރު ދެއްވުމަށް އެބޭފުޅުންގެ އަނބިއަނބިކަނބަލުން ތިއްބެވި އެވެ. މި ލިޔުމުގައި މި ބަލައިލަނީ ދިވެހިރާއްޖޭގެ ފަސްޓް ލޭޑީން ގައުމަށް ކުރެއްވި ހިދުމަތްތަކާއި އެކަނބަލުން ކުރެއްވި ސިޔާސީ މަސައްކަތްޕުޅު ތަކަށެވެ.

ނަސީމާ މުހައްމަދު (1968-1978)

ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ތިން ވަނަ އަނބިކަނބަލުން ނަސީމާ މުހައްމަދަކީ ދިވެހި ޖުމްހޫރިއްޔަތުގެ ފުރަތަމަ ފަސްޓްލޭޑީ އެވެ. އޭގެ އިތުރުން، ނަސީމާއަކީ ދިވެހި ތާރީހާއި އަދަބިއްޔާތުގެ އެކި މަސައްކަތް މިހާރު ވެސް ކުރައްވާ އަދި ސިއްހީ ދާއިރާއަށް ވަރަށް އަގު ހުރި މަސައްކަތްތަކެއްކޮށްދެއްވި ބޭކަނބަލެކެވެ.

ޑިސެމްބަރު 7، 1978 ގައި ވެރިކަމާއި ގައުމު ވެސް ދޫކުރައްވައި ނާސިރު ސިންގަޕޫރަށް ފުރާވަޑައިގެންނެވިއިރު ދައުލަތަށް ހިދުމަތް ކުރައްވަން ނަސީމާ ރާއްޖޭގައި މަޑު ކުރެއްވީ އެވެ.

އެކަމަނާ އެންމެ ފުރަތަމަ މަސައްކަތް ކުރައްވަން ފެއްޓެވީ ސްޓާފް ނަރުހެއްގެ ގޮތުގައި ގަވަމަންޓު ހޮސްޕިޓަލުގައި ޖުލައި 21، 1964 ގަ އެވެ. އޭގެ ފަހުން ސެންޓްރަލް ހޮސްޕިޓަލްގެ މޭޓްރަން ކަމުގެ މަގާމާއި މިނިސްޓްރީ އޮފް ހެލްތާއި، ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތުގެ ޑިރެކްޓާ އޮފް މެޓާނަލް އެންޑް ޗައިލްޑް ހެލްތް ސާވިސަސްކަމުގެ މަގާމު ވެސް ފުރުއްވި އެވެ.

އަދަބިއްޔާތާއި ތާރީހުގެ ތެރެއަށް ނަސީމާ ވަދެވަޑައިގެންނެވީ 1970 ގެ އަހަރުތަކުގެ ތެރޭގައި މޫންލައިޓް ނޫހަށް އިނގިރޭސި ލިޔުންތައް ތާނަ ކުރެއްވުމުގެ މަސައްކަތުގެ ތެރެއިންނެވެ. އޭގެ ފަހުން މިއަދާ ހަމައަށް ނަސީމާ ވަނީ ފާހަގަކޮށްލެވޭ ގިނަ ފޮތްތަކެއް ވެސް ލިޔުއްވައިފަ އެވެ.

ނަސީމާ ދައުލަތަށް ކޮށްދެއްވި މަސައްކަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން 2011 ވަނަ އަހަރު ސަރުކާރުން ވަނީ އެކަމަނާއަށް ދިވެހި ދައުލަތުގެ މަތިވެރި އިއްޒަތް އަރުވައި، ނިޝާން އިއްޒުއްދީނުގެ އިއްޒަތްތެރި ވެރިކަމުގެ ލަގަބު ދެއްވައިފަ އެވެ. އެކަމަނާގެ ދަރިކަލަކާއި ދަރިކަނބަލަކު އެބަ ތިއްބެވި އެވެ.

ނަސީމާ ލިޔުއްވި ފާހަގަކޮށްލެވޭ ބައެއް ފޮތްތައް

  • ދިވެހި ރައިޓިން ސިސްޓަމްސް
  • ދިވެހިރާއްޖޭގައި ހުރި އާސާރީ ތަންތަން: ރަހުންނާއި ރަނީން
  • އެސޭސް އޮން އާލީ މޯލްޑިވްސް
  • ދިވެހިންނާއި ޕޯޗްގީޒުން
  • ދިވެހިރާއްޖެ އުފެދުން
  • ދިވެހިންގެ އަސްލު: ދިވެހިންގެ ބަސް، ދިވެހިންގެ އަކުރު
  • ދިވެހިރާއްޖޭގެ ގަދީމީ ތާރީހު: އައްސުލްތާން މުހައްމަދު ގިޔާސުއްދީން
  • އައްސުލްތާން މުހައްމަދު އިމާދުއްދީން 1

ނަސްރީނާ އިބްރާހިމް (1978-2008)

ނަސްރީނާއަކީ ދިވެހިރާއްޖެއިން 1960 ގެ އަހަރުތަކުގައި މިސްރަށް ކިޔަވަން ވަޑައިގެންނެވި ޒުވާނުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ބޭކަނބަލެކެވެ. ރައީސް މައުމޫނާ ބައްދަލުވެ ވަޑައިގެންނެވީ ވެސް މިސްރުގަ އެވެ. ކައިވެނި ބައްލަވައިގަތީ ވެސް ރާއްޖެއިން ބޭރުގަ އެވެ.

ފަސްޓް ލޭޑީގެ މަގާމުގައި އެންމެ ގިނަ ދުވަހު ހުންނެވީ ނަސްރީނާ އެވެ. އަދި ރައީސަކަށް ދެ ދައުރަށްވުރެ ގިނަ ދައުރު ވެރިކަން ކުރެވޭ ގޮތަށް ރާއްޖޭގެ ނިޒާމު ބަދަލުނުވާހާ ހިނދަކު އެ ރިކޯޑު އޮންނާނީ އަބަދުވެސް އެކަމަނާގެ އަތްޕުޅުގަ އެވެ.

ރައީސް މައުމޫނުގެ ވެރިކަމުގައި ނަސްރީނާ މައިގަނޑު ގޮތެއްގައި ކުރެއްވީ އިޖުތިމާއީ މަސައްކަތެވެ. އެގޮތުން ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަންގެ ނަމުގައި އެކަމަނާ އިސްކޮށް ހުންނަވައި 1988 ވަނަ ޖަމިއްޔާއެއް އުފައްދަވައި، ސިއްހީ އެކި ދާއިރާތަކުން ހޭލުންތެރިކަން ފެތުރުމާއި އެކި ހިދުމަތް ދިނުމުގެ މަސައްކަތް ފެއްޓެވި އެވެ.

މިދިޔަ ރިޔާސީ އިންތިހާބުގެ ކުރިން ނަސްރީނާ ގައުމަށް ދެއްވި މެސެޖު: ވިދާޅުވީ އަބަދުވެސް ހައްގަށް މަސައްކަތް ކުރައްވާނެ ކަމަށް -- ވީޑިއޯ: ނަސްރީނާ


ރައީސް މައުމޫން ނޮވެމްބަރު، 2008، ގައި ވެރިކަމުން ފާބައިވަޑައިގެން ސިޔާސީ މަސައްކަތް ކުރައްވަން ފެއްޓެވެމުން ނަސްރީނާ މައުމޫނުގެ ގާތުގައި ހުންނެވި އެވެ. އޭގެ ފަހުން ފެބްރުއަރީ، 2018، ގައި ސިޔާސީ ހައްޔަރީން ދޫކޮށްލުމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރާއެކު މައުމޫން ހައްޔަރުކޮށް ޖަލަށްލުމުން، އެމަނިކުފާނު މިނިވަން ކުރެއްވުމަށް ވެސް ނަސްރީނާ ބުރަކޮށް މަސައްކަތް ކުރެއްވި އެވެ.

މައުމޫން ޖަލަށް ލީއިރު އެމަނިކުފާނުގެ އުމުރުފުޅުން 80 އަހަރެވެ. ޖަލުގައި މައުމޫން އާލާސްކަންފުޅެއް ޖެހިވަޑައިގެންނެވުމުން ވެސް ސަރުކާރުން އެމަނިކުފާނު ގެކޮޅަށް ބަދަލު ނުކުރުމުން ނަސްރީނާއަށް ވަރަށް ބޮޑު އަސަރެއްކުރި އެވެ. އަދި ފިރިކަލުންނާއެކު ޖަލުގައި އެކަމަނާ ވެސް ބަހައްޓައިދިނުމަށް އެދިވަޑައިގެން އެއިރުގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ނަވާޒަށް މެއި 6، 2018، ސިޓީއެއް ފޮނުއްވި އެވެ.

ލައިލާ އަލީ (ނޮވެމްބަރު، 2008 - ފެބްރުއަރީ، 2012)

ލައިލާ އަލީ އަކީ ސިޔާސީ އާއިލާއަކަށް ނިސްބަތްވަޑައިގަންނަވާ ކަނބަލެކެވެ. ބައްޕާފުޅު އެލިއާ އަލީ އަބްދުﷲ އަކީ ސިޔާސީ ކަންކަމުގައި ކުރިއްސުރެ ހަރަކާތްތެރިވެ، ބައެއް މައްސަލަތަކުގައި ފުލުސް އޮފީހަށް ވެސް ހާޒިރުކޮށްފައިވާ ބޭފުޅެކެވެ.

އެހެން ނަމަވެސް ސިޔާސީ އެއްވެސް ކަމެއްގައި ކުރިން ލައިލާ ހަރަކާތްތެރިވި ވެވަޑައިގެންނެވި ތަނެއް ނުފެނެ އެވެ. މަސައްކަތް ކުރެއްވީ ޔޫއެންޑީޕީގެ ރާއްޖެ އޮފީހުގަ އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދާ ކައިވެނި ބައްލަވައިގަނެގެން ދެ ދަރިކަނބަލުން ތިއްބަވަ އެވެ. ދެ ދަރިކަނބަލުން ލިބިވަޑައިގެންނެވިއިރު ވެސް ނަޝީދު ހުންނެވީ ޖަލުގައި ހައްޔަރުކޮށްފަ އެވެ.

ރާއްޖޭގައި ބޭއްވި ފުރަތަމަ ގިނަ ސިޔާސީ ޕާޓީ ހިމެނޭ ރިޔާސީ އިންތިހާބަށްފަހު 2008 ގައި ނަޝީދު ވެރިކަމަށް ވަޑައިގެންނެވި ފަހުން ވެސް ލައިލާ ޔޫއެންޑީޕީގެ ވަޒީފާއަށް ވަޑައިގެންނެވި އެވެ. ނަމަވެސް ފަހުން އެ މަގާމުން އިސްތިއުފާ ދެއްވި އެވެ.

ނަޝީދުގެ ވެރިކަމުގައި ލައިލާ ފެނުނީ ހިދުމަތްތެރި ފަސްޓް ލޭޑީއެއްގެ ގޮތުގަ އެވެ. ނަޝީދާއެކު ރަސްމީ ވަރަށް ގިނަ ދަތުރުތަކުގައި އެކަމަނާ ބައިވެރިވެވަޑައިގެންނެވި އެވެ. ސިފައިންނާއި ފުލުހުން ހިންގި މިއުޓިނީއެއްގެ ތެރެއިން ނަޝީދުގެ ވެރިކަން 2012 ވަނަ އަހަރު ވެއްޓުނު ދުވަހު، ވެރިކަމުން އިސްތިއުފާ ދެއްވުމުގެ ކުރިން ސިފައިންގެ މައި މަރުކަޒު ބަންޑާރަ ކޮށީގައި ހުންނަވައި ނުކިޔަމަންތެރިވި ސިފައިންނަށް ނަޝީދު ހުށަހެޅުއްވި ހަމައެކަނި ޝަރުތަކީ ލައިލާ އާއި އާއިލާއަށް ފުރިހަމަ ސަލާމަތްތެރިކަން ދިނުމެވެ.

"އަންނިއާ ދެ ފަހަރަކު ފޯނުން ވާހަކަދެކެވުނު. ގޭ އެންމެން ވެސް މަންމަމެން ވެސް ގުޅާފަ އެބަ ބުނޭ ދާށޭ، ދާށޭ ރައްކާތެރިއެއް ނޫނޭ. ވަރަށް ގޯހޭ. ދެން އަޅުގަނޑު ބަލާލާ ކޮންމެ ފަހަރަކު ގާޑު ކުރަން ތިބޭ ސިފައިންނާ އެންމެން ތިބޭ. ދެން އެހެންވެ އަޅައެއް ނުލަން. އެހެން ހުއްޓާ އެދުވަހު 8:30 ހާ އިރު ފެނުނީ އެމީހުން އިށީން ތަން. އެއްޗެހި ބަހައްޓާފައި. ސިނގިރޭޓު ބޯން ވެސް އެކަކު އިން. ދެން އެހިސާބުން ހިތަށް އަރައިފި ދާންވީއޭ،" ވެރިކަން ވެއްޓުނު ދުވަހުގެ ތަޖުރިބާ ނޫހަކާ ހިއްސާ ކުރައްވަމުން ލައިލާ ވިދާޅުވެފައިވެ އެވެ.

ނަޝީދު މިނިވަން ކުރެއްވުމަށް ލައިލާ ހިންގެވި ކެމްޕެއިނުގެ ތެރެއިން: އެމެރިކާ އަދި ޔޫރަޕުގައި ވަރުގަދަ ކެމްޕެއިނެއް ހިންގެވި -- ވީޑިއޯ: އެންތޮނީ


އެއިރު ވެސް ލައިލާ ސިޔާސީ މަސައްކަތުން ފެނިފައެއްނުވެ އެވެ. އެކަމަކު އޭގެ ފަހުން ނަޝީދު 2015 ގައި ޖަލަށްލުމުން ވަރަށް ފާޅުކޮށް ލައިލާ ސިޔާސީ މަސައްކަތަށް ނިކުމެވަޑައިގަތެވެ. އަދި ނަޝީދު މިނިވަން ކުރެއްވުމަށް ޔޫރަޕާއި އެމެރިކާގައި އާދަޔާ ހިލާފު ވަރުގަދަ ކެމްޕެއިނެއް ޖެއްސެވި އެވެ.

އެ ކެމްޕެއިނުގައި ލައިލާ، އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމެރަން އާއި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ޖޯން ކެރީއާ ބައްދަލު ކުރެއްވި އެވެ. އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީގެ އެހީއަށް އެދިވަޑައިގަތުމުގެ އިތުރުން އދ. ގެ އިންސާނީ ހައްގުތަކުގެ އެމްބަސަޑަރާއި އީޔޫ ޕާލަމެންޓުގެ ރައީސްއާ ވެސް ބައްދަލު ކުރެއްވި އެވެ.

ސިޔާސީ މައިދާނަށް ލައިލާ ނިކުންނެވިލެއް ވަރުގަދަކަމުން އޯގަސްޓް 28، 2015 ގައި އެކަމަނާ ފުލުސް އޮފީހަށް ވެސް ހާޒިރު ކުރި އެވެ. ނަމަވެސް އޭގެ ފަހުން ވެސް މަސައްކަތް ކުރިއަށްގެންދެވި އެވެ. އެކަމަނާ މިހާރު ދިރިއުޅުއްވަނީ ރާއްޖެއިން ބޭރުގަ އެވެ.

އިލްހާމް އަހުމަދު (ފެބްރުއަރީ، 2012 - ނޮވެމްބަރު، 2013)

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ އަނބިކަނބަލުން އިލްހާމް އަހުމަދަކީ މިހާތަނަށް ސިޔާސީ މައިދާނުގައި އަމަލީ ގޮތުން މަސައްކަތް ކުރެއްވި ބޭކަނބަލެކެވެ. ވަހީދާއެކު ސިޔާސީ ޖަލްސާތަކާއި ކެމްޕެއިންތަކުގައި އެކަމަނާ އަބަދުވެސް ފެނެ އެވެ. އޭގެ އިތުރުން އިޖްތިމާއީ އެކި މަސައްކަތްތަކުގައި ހަރަކާތްތެރިވެވަޑައިގަންނަވަ އެވެ. އަދި ވަހީދު ވެރިކަމަށް ވަޑައިގަތުމުން އެ މަސައްކަތް އިތުރު ކުރެއްވި އެވެ.

މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނަކީ އިލްހާމް އިސްވެ ހުންނަވައި 2010 ވަނަ އަހަރު އުފެއްދި އެސޯސިއޭޝަނެކެވެ. އެ އެސޯސިއޭޝަނުގެ ވަރަށް ގިނަ މަސައްކަތުގައި އަމަލީ ގޮތުން އިލްހާމް ބައިވެރިވެވަޑައިގަންނަވަ އެވެ.

އިލްހާމް ރާއްޖޭގެ ނޫހަކަށް ދެއްވި އިންޓަވިއުއެއް: ވިދާޅުވީ އަބަދުވެސް ހިދުމަތް ކޮށްދޭން ބޭނުންވާ ކަމަށް -- ވީޑިއޯ: ހަވީރު


ވަހީދުގެ ވެރިކަމުގައި އެމަނިކުފާނުގެ އަރިހުގައި ރަސްމީ ވަރަށް ގިނަ ދަތުރުތަކުގައި އިލްހާމް ބައިވެރިވެވަޑައިގަތެވެ. އަދި އޯޓިޒަމަށް ހޭލުންތެރި ކުރުމަށް ސަރުކާރުން ހިންގި ކަންކަމުގައި އެހީތެރިވެވަޑައިގެންނެވި އެވެ. އޭގެ އިތުރުން އެއިޑް ބައްޔާއި މަސްތުވާތަކެއްޗާ ދެކޮޅަށް ކުރި ބައެއް މަސައްކަތުގައި ވެސް އިލްހާމް ބައިވެރިވެވަޑައިގެންނެވި އެވެ.

ސިޔާސީ އެއްވެސް މަސައްކަތެއް ނުކުރެއްވި ނަމަވެސް ރައީސް ވަހީދާއި އާއިލަށް ވަރަށް ބޮޑަށް ފާޑުކިޔުމާއި ފުރައްސާރަ އަމާޒުވި ދުވަސްވަރެއްގައި ސާބިތުކަމާއެކު ހުންނަވައި އެކަމަނާގެ ޝުއޫރުތައް އާންމުންނާ ހިއްސާ ކުރެއްވި އެވެ.

"އަޅުގަނޑުމެން ކުރާ ކަންތައްތަކަކީ އެހެން މީހުންނާއި ބެހޭ ކަމެއް ނޫން، އަހަރުމެން ހަމަޖެހުމާއި ސުލްހަމަސްލަސްކަން ގެނެސްދީފިން، ނުވެސް ފިލާނަން،" ސެޕްޓެމްބަރު 15، 2013 ގައި އިލްހާމް ސޯޝަލް މީޑިއާގައި ވިދާޅުވި އެވެ.

ފާތިމަތު އިބްރާހިމް (2013-2018)

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްއަކީ ސިޔާސީ މަސައްކަތުގައި އެންމެ ބުރަކޮށް އުޅުއްވި ފަސްޓް ލޭޑީ ކަމަށް ބުނުމަކީ ދޮގަކަށްނުވާނެ އެވެ. ރައީސް ޔާމީން 2013 ގައި ވެރިކަމަށް ވަޑައިގެންނެވި ފަހުން 2018 ގައި ވެރިކަން ނިމެންދެން އެކަމަނާ ޔާމީން އާއި ވެރިކަން ހިންގި ޕާޓީގެ ކެމްޕެއިނުގައި އަމިއްލަ ގޮތުން ބައިވެރިވެވަޑައިގެންނެވި އެވެ.

ރައީސް ޔާމީންގެ ވެރިކަމުގެ ކުރީކޮޅު، ސިޔާސީ މަސައްކަތުގައި ޕާޓީގެ އެތެރެއިންނާއި ބޭރުން މުހިންމު ރޯލެއް ފާތުމަތު އިބްރާހިމް އަދާކުރައްވަން ފެއްޓެވުމުން އާންމުންގެ ލޮލުގައި ވެސް ވަރަށް ބޮޑަށް އަޅައިގަތެވެ.

"ރައީސް ވަރަށް ބިޒީކޮށް އުޅުއްވާއިރު ކޮންމެ ކޮންމެ ބޭފުޅަކަށް އެމަނިކުފާނާ ގުޅުއްވަން ދަތިވެދާނެ. އެކަމަކު މެޑަމް އެ ގެޕް ފިލް ކުރައްވާ. މިސާލަކަށް ޕާޓީއާ ގުޅިގެން މަސައްކަތް ކުރަން މީހަކު ބޭނުންވެގެން ގުޅައިފި ނަމަ އެ މީހަކަށް އެކަން ފަހިކޮށްދެއްވައި ހައްދަވާ. ޕާޓީގެ ގްރާސް ރޫޓް ލެވެލްގެ ބޭފުޅުން ފެށިގެން މަޖިލިސް މެމްބަރުންނާއި ކައުންސިލަރުންނަށް ވެސް ގުޅުއްވައި އެ ބޭފުޅެއްގެ ދާއިރާގެ ތަރައްގީގެ މަސައްކަތްތައް ވެސް ބައްލަވައި ބަރާބަރަށް ހައްދަވާނެ،" މުލީއާގޭގެ ޗީފް އޮފް ސްޓާފް އަހުމަދު މުސްތަފާ އޯގަސްޓް 30، 2014 ގައި ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވެ އެވެ.

ފާތިމަތު އިބްރާހިމް ރައީސް ޔާމީންއާއެކު: އިޖްތިމާއީ ގިނަ މަސައްކަތްތަކެއް ހިންގެވި -- ވީޑިއޯ: ރައީސް އޮފީސް


ޔާމީން ދެ ވަނަ ދައުރަކަށް ކުރިމަތިލައްވައިގެން ނާކާމިޔާބުވެވަޑައިގެންނެވި ދުވަހާ ޖެހިގެން އައި ދުވަހު އެމަނިކުފާނު ގައުމާ މުހާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވެސް އަނބިކަނބަލުން ކުރެއްވި ސިޔާސީ މަސައްކަތްތައް ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑަށް އެންމެ ބޮޑަށް ސިޔާސީ ގޮތުން އެހީތެރިވެވަޑައިގެންނެވީ އަޅުގަނޑުގެ އަންހެނުން. އޭނާ އާއި އޭނާގެ ޓީމު ވަރަށް ވަރުގަދަ މަސައްކަތް، ކެނޑިނޭޅި ކުރައްވާތާ ތިން ހަތަރު އަހަރުވެގެން މިދިޔައީ. އެހެންވީމާ، މެޑަމް ފާތިމަތަށާއި އޭނާގެ ޓީމަށް ވަރަށް އިހުލާސްތެރިކަމާއެކީ ޝުކުރު ދަންނަވަން،" ރައީސް އޮފީހުގައި ގައުމާ މުހާތަބު ކުރައްވަމުން ސެޕްޓެމްބަރު 24، 2018 ގައި ޔާމީން ވިދާޅުވި އެވެ.

ފަޒްނާ އަހުމަދު (2018- )

މިހާރުގެ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދަކީ ދިވެހިރާއްޖޭގެ އެންމެ ނުފޫޒުގަދަ އެއް އާއިލާ ކަމަށްވާ ސިއްކަ އާއިލާއަށް ނިސްބަތްވާ ބޭކަނބަލެކެވެ. ރާއްޖޭގައި 30 އަހަރު ވެރިކަން ކުރެއްވި މައުމޫން އާއި ސިއްކަ އާއިލާއާ ދެމެދު އޮތް މައްސަލަތަކުގެ ސަބަބުން، އެކަމަނާގެ ހަޔާތުގައި އަބަދުވެސް ސިޔާސީ މަސައްކަތް އޮވެ އެވެ.

ފަޒްނާ މަސައްކަތް ކުރެއްވީ ތައުލީމީ ދާއިރާގަ އެވެ. އެގޮތުން 1987 ވަނަ އަހަރުން ފެށިގެން އެކި ސްކޫލްތަކުގައި ވަޒީފާ އަދާ ކުރެއްވި އެވެ. އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ ޖަމާލުއްދީން ސްކޫލްގައި ޕްރައިމަރީ ގްރޭޑްތަކުގެ ޓީޗަރެއްގެ ގޮތުގަ އެވެ. އޭގެ ފަހުން 1989 ވަނަ އަހަރު ތާޖުއްދީން ސްކޫލަށް ބަދަލުވެވަޑައިގެން 11 އަހަރު އެ ސްކޫލުގައި ވަޒީފާ އަދާ ކުރެއްވި އެވެ.

ކޮވިޑު ތެރޭގައި ޔުނިސެފުން ގެނެސްދިން ޕްރޮގްރާމް ވާހަކައިގެ ދުނިޔޭގެ އެޕިސޯޑަކަށް ފަޒްނާ ވާހަކައެއް ވިދާޅުވެދެއްވަނީ: ދިގު މުއްދަތެއްވަންދެން ކުޑަކުދިންނަށް ކިޔަވައިދޭ ޓީޗަރަކަށް މަސައްކަތް ކުރެއްވި -- ވީޑިއޯ: ޔުނިސެފް


ތާޖުއްދީން ސްކޫލަށް އެކަމަނާ ވަދެވަޑައިގެންނެވީ ޕްރައިމަރީ ޓީޗަރެއްގެ ވަޒީފާއަށް ނަމަވެސް ސުޕަވައިޒާ، ޑެޕިއުޓީ ޕްރިންސިޕަލް އަދި އެ ސްކޫލްގެ ހެޑް އޮފް ސްކޫލްގެ މަގާމު ފަޒްނާ އަދާކުރެއްވި އެވެ.

އޭގެ ފަހުން، އޯވާސީސް ސްކޫލް އޮފް ކޮލޮމްބޯ ބޯޑުގެ ޑިރެކްޓަރުގެ މަގާމުގައި ވެސް ފަޒްނާ ހުންނެވި އެވެ. އަދި އޭގެ އިތުރުން، އާއިލާއިން ކުރާ ބައެއް މަސައްކަތްތަކުގައި ވެސް ފަޒްނާގެ ހިއްސާ އޮވެ އެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އުފެއްދުމުގެ ކުރިން އަދި އުފެއްދުމަށްފަހު ފަޒްނާ އުޅުއްވީ އެ ޕާޓީގައި ވަރަށް ހަރަކާތްތެރިކޮށެވެ. އެގޮތުން ޕާޓީން ބޭއްވި މަގުމަތީ ހަރަކާތްތަކުގައި ވެސް އަމަލީ ގޮތުން ވަރަށް ގިނައިން ބައިވެރިވެވަޑައިގެންނެވި އެވެ.

އެކަމަނާގެ ފިރިކަލުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު 2018 ގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަށް އެމްޑީޕީގެ ރިޔާސީ ޓިކެޓު ހޯއްދެވުމަށް މަސައްކަތް ކުރަން ފެއްޓެވުމާއެކު ޕާޓީގެ އެތެރެއިން ކުރިމަތިވި ގޮންޖެހުންތަކަށް ފަޒްނާ ކެރިވަޑައިގެން ކުރިމަތިލެއްވި އެވެ. އަދި ފާޑުކިޔާ މީހުންނަށް ރައީސް ސޯލިހު އެއްޗެއް ވިދާޅުނުވެ ހުންނަވަނިކޮށް، ފިރިކަލުންގެ ދިފާއުގައި ސޯޝަލް މީޑިއާގައި ފުރަތަމަ ވެސް ރައްދެއް ދެއްވީ ފަޒްނާ އެވެ.

ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެންނެވި ފަހުން ވަރަށް ބައިވަރު އިޖްތިމާއީ ހަރަކާތްތަކުގައި ފަޒްނާ ބައިވެރިވެވަޑައިގަންނަވަ އެވެ. އެގޮތުން ސިއްހީ ދާއިރާ، ކަސްރަތާއި ދުޅަހެޔޮކަމުގެ ދާއިރާ އާއި ތައުލީމާއި ނަފްސާނީ ދުޅަހެޔޮކަމަށް މަސައްކަތް ކުރުމަށް ބޭއްވި ވަރަށް ގިނަ ހަރަކާތްތަކުގައި އެކަމަނާ މުހިންމު ރޯލެއް އަދާކުރެއްވި އެވެ.