Advertisement

ބްރެޒިލްގެ ކޯޗުކަމާ ހަވާލުވާން އަންޗެލޮޓީ ނިންމައިފި

5 ޖުލައި 2023 - 14:00 0


ބްރެޒިލްގެ ކޯޗުކަމާ ހަވާލުވާން އަންޗެލޮޓީ ނިންމައިފި

5 ޖުލައި 2023 - 14:00 0

މެޑްރިޑް (ޖުލައި 5) - މިހާރު ރެއާލް މެޑްރިޑްގެ ކޯޗުގެ ގޮތުގައި ހުރި ކާލޯ އަންޗެލޮޓީ އެ ކުލަބާ އެކު ހަދާފައިވާ އެއްބަސްވުން ހަމަވުމުން، ބްރެޒިލްގެ ކޯޗު ކަމާ ހަވާލުވާން އެއްބަސްވެއްޖެ އެވެ.

ސްޕެއިންގެ ރެއާލް މެޑްރިޑުގެ ކޯޗު އަންޗެލޮޓީ އެކުލަބާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2024 ވަނަ އަހަރުގެ ޖޫން މަހުގަ އެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އޭނާ އަށް އާ ކޮންޓްރެކްޓެއް ރެއާލް އިން ހުށަހަޅަން ބޭނުންވިޔަސް އަންޗެލޮޓީ ބޭނުންވަނީ ކުލަބު ފުޓްބޯޅަ ދޫކޮށްލައި ގައުމީ ޓީމަކާ ހަވާލުވާށެވެ.

2022ގެ ވޯލްޑްކަޕަށްފަހު ބްރެޒިލްގެ ކޯޗުކަމުން ޓިޓޭ ދުރުކުރުމަށްފަހު އެމަގާމަށް ގެންނަން ބްރެޒިލްގެ ފުޓްބޯޅަ ފެޑެރޭޝަނުން އެންމެ ބޮޑަށް ބޭނުންވަނީ އަންޗެލޮޓީ އެވެ. އެގޮތުން ބްރެޒިލް އެފްއޭ އިން ވަނީ ގިނަ ފަހަރެއްގެ މަތިން އަންޗެލޮޓީއާ ބައްދަލުކޮށް މިހާރު އެއްބަސްވުމަކަށް އަތުވެފަ އެވެ.

ރެއާލްގެ ކޮންޓްރެކްޓް އަންނަ އަހަރު ހަމަވުމާ އެކު އަންޗެލޮޓީ ބްރެޒިލްގެ ކޯޗުކަމާ ހަވާލުވާނެ އެވެ. ބްރެޒިލްގެ ކޯޗު ކަމުގައި އޭނާ އަށް ފުރަތަމަ އޮންނާނީ އަންނަ އަހަރުގެ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތެވެ. އެ މުބާރާތަށް ފަހު 2026ގެ ވޯލްޑްކަޕުގައިވެސް ބްރެޒިލް ޓީމަށް އިރުޝާދުދޭނީ އޭނާ އެވެ.

"އަންޗެލޮޓީ ބްރެޒިލް ޓީމާ ހަވާލުވާނީ އަންނަ އަހަރުގެ ކޮޕަ އެމެރިކާގެ ކުރިން، މިހާރު ހުރި ކޯޗުގެ މަސައްކަތަކަށްވާނީ އަންޗެލޮޓީ އައުމުގެ ކުރިން ޓީމަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް، އެންޗެލޮޓީ ބޭނުންވާ ގޮތަށް ޓީމް ތައްޔާރުކުރުން" ބްރެޒިލް އެފްއޭގެ ރައީސް އެޑްނަލްޑޯ ރޮޑްރިގޭސް ވިދާޅުވި އެވެ.

ބްރެޒިލްގެ ކޯޗުކަން ވަގުތީގޮތުން ހަވާލުކޮށްފައި ހުރީ އެގައުމުގެ ކުލަބު ފްލުމިނެންސޭގެ ކޯޗު ފެނާންޑޯ ޑިނީޒްއާ އެވެ. ވޯލްޑް ކަޕްގެ ކޮލިފައިންގެ މެޗުތަކަށް ބްރެޒިލްގެ ނުކުންނާނީ ޑިނީޒްގެ އިރުޝާދުގެ ދަށުންނެވެ.

ބްރެޒިލްގެ ކޯޗަކަށް އަންޗެލޮޓީ ގެންނަން އެގައުމުގެ އެފްއޭއިން ނިންމި އެންމެ ބޮޑު އެއް ސަބަބަކީ އެގައުމުގެ ގައުމީ ޓީމްގެ މުހިންމު ކުޅުންތެރިންނާ އަންޗެލޮޓީއާ އޮތް ގުޅުން ރަނގަޅުވުމެވެ. މިގޮތުން ކޯޗަކަށް އަންޗެލޮޓީ ގެނައުމަށް ގައުމީ ޓީމްގެ ނޭމާ އާއި ވިނީސިއަސް ޖޫނިއާ ކަހަލަ ކުޅުންތެރިން އެފްއޭގައި ރިކުއެސްޓްކުރިކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

އަންޗެލޮޓީ އަކީ ޔޫރަޕްގެ ކުލަބު ފުޓްބޯޅައިގެ އެންމެ ކާމިޔާބު ކޯޗުންގެ ތެރޭގައި ހިމެނޭ ކޯޗެކެވެ. މިގޮތުން އަންޗެލޮޓީ ވަނީ އޭނާ ޔޫރަޕްގެ ފަސް ލީގެއްގެ ޓީމްތަކަށް އިރުޝާދުދީ ފަސް ލީގުގެވެސް ތަށި ހޯދާފަ އެވެ.

ބްރެޒިލް ވެގެންދާނީ ގައުމީ ޓީމެއްގެ ހެޑް ކޯޗެއްގެ ގޮތުގައި އަންޗެލޮޓީ މަސައްކަތް ކުރާނެ ފުރަތަމަ ޓީމަށެވެ. މީގެ ކުރިން އޭނާ ވަނީ ވަނީ 1992-1995 ވަނަ އަހަރާ ދެމެދު އިޓަލީގެ ގައުމީ ޓީމުގައި އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ.