5 ޖުލައި 2023 - 14:18 1
މަރިޔަމް އަފާ ނިޒާމް
5 ޖުލައި 2023 - 14:18 1
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މުވައްޒަފުންނަށް މެރިޓައިމް ދާއިރާއިން ތައުލީމު ހާސިލް ކުރުމުގެ ފުރުސަތާއި ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ގޮތުން އެ ކުންފުންޏާއި ނެދަލޭންޑްސް މެރިޓައިމް ޔުނިވާސިޓީ ކޮލެޖް (އެންއެމްޔޫސީ) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މިކަމަށްޓަކައި މިއަދު އެމްޕީއެލްގައި އޮތް ހާއްސަ ރަސްމިއްޔާތުގައި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ އަދި އެންއެމްޔޫސީގެ އެކްޒެކެޓިވް ޗެއާމަން ޑާޓޯ ކެޕްޓަން ރަޒާލި ޔާކޮބް އެވެ.
މި އެއްބަސްވުމުގެ ދަށުން އެމްޕީއެލްގެ މުއައްޒަފުންނަށް މެރިޓައިމް ދާއިރާއިން ފައުންޑޭޝަން ލެވެލްއިން ފެށިގެން ބެޗެލާސް އަދި މާސްޓާސް ލެވެލްއާއި ހަމައަށް ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
މީގެ އިތުރުން އެންއެމްޔޫސީއާއި އެމްޕީއެލް ގުޅިގެން ރާއްޖޭގެ މެރިޓައިމް ދާއިރާ ކުރިއެރުވުމަށްޓަކައި ކުރަންޖެހޭ ބައެއް ދިރާސާތައް ކުރުމަށް ވެސް ހަމަޖެހިފައިވެ އެވެ.
އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަނީ -- ފޮޓޯ: އެމްޕީއެލް
މި އެއްބަސްވުމާއިއެކު ރާއްޖޭގެ މެރިޓައިމް ދާއިރާ ކުރިއެރުވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށް މި ރަސްމިއްޔާތުގައި އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވި އެވެ.
އެގޮތުން, ދިރާސާ މަސައްކަތްތަކަށް ހަރަދުކުރުމަށް ހަމަޖެހިފައިވަނީ އެންއެމްޔޫސީއާއި އެމްޕީއެލް ގުޅިގެން ކަމަށާއި، ތައުލީމާއި ތަމްރީނުތައް ހެދުމަށް ދާ މުއައްޒަފުންގެ ހަރަދުތައް ބަލަހައްޓާނީ އެ ކުންފުނިން ކަމުގައި ޝާހިދު ވިދާޅުވި އެވެ.
"މި ދިރާސާތަކުގެ ބޭނުމަކީ ރާއްޖެއަކީ އިންޑިއާ ކަނޑުގެ ވަރަށް މުހިއްމު ޝިޕިން ރޫޓެއްގަ އޮންނަ ގައުމަކަށް ވީތީ ރާއްޖޭގެ މެރިޓައިމް އިންޑަސްޓްރީ ކުރިއެރުވޭނެ ގޮތްތައް ހޯދުން" ޝާހިދު ފާހަގަކުރެއްވި އެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެންއެމްޔޫސީގެ އެކްޒެކެޓިވް ޗެއާމަން ޑާޓޯ ކެޕްޓަން ރަޒާލި ޔާކޮބް ވަނީ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި މެހެމާންދާރީއަށް ތައުރީފުކޮށްފަ އެވެ. އަދި ރާއްޖެ ފަދަ ގައުމަކަށް އިތުރު ޕޯޓްތައް ބޭނުންވާކަމަށާއި، ޕޯޓްތަކުގެ އޮޕަރޭޝަންތައް އިތުރަށް ފުރިހަމަކުރުން މުހިއްމުކަމުގައި ފާހަގަކުރެއްވި އެވެ.
މި އެއްބަސްވުމާ އެކު ކޮންމެ އަހަރަކު އެމްޕީއެލްގެ ހަ މުއައްޒަފުންނަށް ބެޗެލާސް ޑިގްރީ ފެންވަރުގެ ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. އަދި, ކުރު ތަމްރީނު ޕްރޮގްރާމްތަކުގައި ވެސް މުއައްޒަފުންނަށް ބައިވެރިވެވޭނެ އެވެ.
Comment