Advertisement

އިންތިހާބު ބަލަން އަވަށްޓެރި ބައެއް ގައުމުތަކަށް ދައުވަތު ނުދިނީ އެ ގައުމުތަކުން ވެސް ރާއްޖެއަށް ދައުވަތު ނުދޭތީ: އީސީ

5 ޖުލައި 2023 - 12:18 1

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ނޫސްވެރިންނާ ވާހަކަދައްކަވަނީ. ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


އިންތިހާބު ބަލަން އަވަށްޓެރި ބައެއް ގައުމުތަކަށް ދައުވަތު ނުދިނީ އެ ގައުމުތަކުން ވެސް ރާއްޖެއަށް ދައުވަތު ނުދޭތީ: އީސީ

5 ޖުލައި 2023 - 12:18 1

އަންނަ ސެޕްޓެމްބަރު 9, ގައި ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބު އޮބްޒާވްކުރަން އަވަށްޓެރި ބައެއް ގައުމުތަކަށް ދައުވަތު ނުދިނީ އެ ގައުމުތަކުގެ އިންތިހާބުތައް އޮބްޒާވްކުރަން ރާއްޖެއަށް ދައުވަތު ނުދޭތީ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.

ރިޔާސި އިންތިހާބު އޮބްޒާވްކުރަން އީސީން 15 ގައުމެއްގެ އިންތިހާބާ ބެހޭ ކޮމިޝަންތަކަށް ދައުވަތު ދިން އިރު އޭގެ ތެރޭގައި އަވަށްޓެރި އިންޑިއާ އާއި ޕާކިސްތާނާއި ބަންގްލަދޭޝެއް ނުހިމެނެ އެވެ. އީސީން ބުނީ ދައުވަތު ނުދޭ ގައުމުތަކުން ވެސް އަމިއްލަ ހަރަދުގައި އޮބްޒާވަރުން ފޮނުވައިގެން އިންތިހާބުގެ ކަންތައްތައް ބެ،ލުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލާފައި އޮތް ކަމަށެވެ.

"ބައެއް އަޅުގަނޑުމެންގެ އަވަށްޓެރި ގައުމުތައް އަޅުގަނޑުމެން ނުހިމަނާ ވޭ، މިސާލަކަށް އިންޑިއާ ޕާކިސްތާނު، ބަންގްލަދޭޝް ކަހަލަ ގައުމުތައް. އެއީ އެގައުމުތަކުން އަޅުގަނޑުމެންނަށް އެބޭފުޅުންގެ އިންތިހާބުތައް އޮބްޒާވްކުރުމަށް އާއްމުކޮށް ފުރުސަތު ދެއްވައި ނުހައްދަވާތީ،" ރިޔާސީ އިންތިހާބަށް ލަފާދޭ ގައުމީ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި އީސީގެ ރައީސް ފުއާދު ތައުފީގު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބު އޮބްޒާވްކުރުމަށް ދައުވަތު ދިން ގައުމުތައް

  1. ޖޯޖިއާ
  2. ފިލިޕީންސް
  3. އިންޑޮނޭޝިއާ
  4. ތައިލެންޑް
  5. ސައުތު ކޮރެއާ
  6. ސައުތު އެފްރިކާ
  7. ކިރްގިސްތާން
  8. ހޮންޑިއުރަސް
  9. ސްރީ ލަންކާ
  10. ބޮސްނިއާ އެންޑް ހާޒެގޯވިނާ
  11. އޮސްޓްރޭލިއާ
  12. އުރުދުން
  13. ކެނެޑާ
  14. ޖަޕާން
  15. ނޭޕާލް

ރިޔާސީ އިންތިހާބު އޮބްޒާވްކުރަން އީސީން ދައުވަތު ދިން ގައުމުތަކާ ބެހޭ ގޮތުން މިއަދުގެ ބައްދަލުވުމުގައި ފުއާދު ވާހަކަ ދެއްކެވީ އެއީ އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރި މައްސަލައަކަށް ވާތީ އެވެ. ދައުވަތު ދިން ގައުމުތަކުގެ ލިސްޓާ މެދު ކަންބޮޑުވުން ފާޅުކޮށް އިދިކޮޅު ޕީޕީއެމުން މިދިޔަ މަހުގެ 28 ގައި ނެރުނު ބަޔާނެއްގައި ބުނީ އީސީން ދައުވަތު ދީފައިވާ ފަރާތްތައް ދައުވަތު ދިނުމުގައި ބެލި މިންގަނޑުތަކާއި ސިޔާސަތުތައް ހާމަކުރަން ގޮވައިލާ ކަމަށެވެ.

މިއަދުގެ ބައްދަލުވުމުގައި ފުއާދު ވިދާޅުވި ގޮތުގައި ދައުވަތު ދިން ގިނަ ގަައުމުތަކަކީ އެ ގައުމުތަކުގެ އިންތިހާބު އޮބްޒާވްކުރަން ރާއްޖެއަށް ދައުވަތު ދޭ ގައުމުތަކެވެ. އެގޮތަށް ދައުވަތު ދޭ ގައުމުތަކުގެ ތެރެއިން، ރާއްޖޭގެ ވެރިކަމުގެ ނިޒާމާ އެންމެ ގާތްކުރާ ގޮތަކަށް ނިޒާމު އޮންނަ ގައުމުތަކަށް ބަލާފައި ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެެވެ.