Advertisement

ތި ހޯދި ކަމިޔާބީއަށް ސާބަސް! ގައުމު ފަޚުރުވެރިވޭ!

5 ޖުލައި 2023 - 13:59 0

އިސްމާއީލް އަޒްމީން

އިސްމާއީލް އަޒްމީން


ތި ހޯދި ކަމިޔާބީއަށް ސާބަސް! ގައުމު ފަޚުރުވެރިވޭ!

5 ޖުލައި 2023 - 13:59 0

މިދިޔަ މަހު ޖަރުމަންގެ ވެރިރަށް ބާލިންގައި ނިމުނު ސްޕެޝަލް އޮލިމްޕިކްސް ވޯލްޑް ގޭމްސްއިން ދިވެހިރާއްޖޭގެ ޓީމުން ވަނީ ފާހަގަކޮށްލެވޭ ކާމިޔާބެއް ހޯދާފަ އެވެ. އެތުލެޓިކްސް އާއި ބެޑްމިންޓަނުން، އަންހެން އަދި ފިރިހެން އެތުލީޓުން ވާދަކޮށް މި ކުޑަ ކުޑަ ރާއްޖެއަށް އަނެއްކާވެސް ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ލިބިއްޖެ އެވެ. ދެ ރަން މެޑަލް އާއި އެއް ބްރޯންޒް މެޑަލް އެވެ. މި ކާމިޔާބީ ހޯދައިދިނީ ރާއްޖޭގައި ކުޅިވަރު ކުޅުމުގެ ފުރުސަތު ހަނިވެފައި އޮންނަ ހާއްސަ އެހީތެރިކަމަށް ބޭނުންވާ ކުދިންގެ އުއްމީދީ ޓީމުންނެވެ.

މި ޓީމާއި ގުޅޭ އެހެން ވާހަކަތައް ދެއްކުމުގެ ކުރިން މީގެ ދޮޅު މަހެއްހާ ދުވަހުގެ ކުރީގެ ހަނދާނެއް އާ ކޮށްލަނަމެވެ. ރާއްޖޭގައި ކުރިއަށްގެންދާ އެންމެ ފޯރިގަދަ އެއް ސްކޫލް މުބާރާތް ކަމަށްވާ އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ސްޕެޝަލް އޮލިމްޕިކްސް ޓީމްގެ ދުވުންތެރިންގެ ދައްކާލުމުގެ ދުވުމެއް އޮތެވެ. 70 ސްކޫލަކުން 1500އަށްވުރެ ގިނަ ދަރިވަރުންގެ ކުރިމަތީގައި ދުވުމަށް ސްޕެޝަލް އޮލިމްޕިކްސްގެ އެތުލީޓުން ތައްޔާރުވަމުން ދިޔަ ވަގުތު އެ ކުދިންގެ ކޯޗެއްގެ ގޮތުގައި ހުރި އިބްރާހިމް ރަމީޒް (އިއްބެ) ދިނީ ވަރުގަދަ މެސެޖެކެވެ.

"މީގެ ކުރިން މި ކުދިންނަކީ އަޅާނުލެވި ތިބި ކުދިން. ގެއިން ބޭރަށްވެސް ނުނިކުމެ ތިބި ކުދިން. ކުޅިވަރުގެ މައިދާނުން އެއްވެސް ވަރަކަށް ނުފެންނަވެސް ކުދިންތަކެއް. އެހެންނަމަވެސް، މިއަދު އެކުދިންވެސް އެހެން ކުދިންނެކޭ އެއްގޮތަށް ކުޅިވަރުގެ މައިދާނުގައި ފައިތިލަ ސާބިތުކުރުމަކީ އަޅުގަނޑުމެން ވަރަށް ބޮޑަށް ފަހުރުވެރިވާ ކަމެއް. އިންޝާﷲ ސްޕެޝަލް އޮލިމްޕިކްސްގެ ހުރިހާ އެތުލީޓުންނަކީ ރާއްޖެ ފަހުރުވެރިވާފަދަ އެތުލީޓުންތަކަކަށް ހެދުމަށް މަސައްކަތް ކުރާނަން،" އިއްބެ ބުންޏެވެ.

ތެދެކެވެ. ރާއްޖެ ފަހުރުވެރިވާ ފަދަ އެތުލީޓުންތަކަކަށް އެކުދިން ހެދުމަށް ކުރި މަސައްކަތުގެ ނަތީޖާ މިއޮތީ ފެންނާށެވެ. 190 ގައުމަކުން ހަތް ހާހެއްހާ އެތުލީޓުން ވާދަކުރި ވާދަވެރި ގޭމްސް އަކުން ދިވެހި ރާއްޖެއިން ދެ ރަން މެޑަލް އާއި އެއް ރިހި މެޑަލް ހޯދީ އެވެ. މިއީ މިހާތަނަށް ދިވެހިރާއްޖެއިން ވާދަކޮށް "ރަން" ކާމިޔާބީ ހޯދާފައިވާ ގޭމްސްތަކުގެ ތެރެއިން އެންމެ ގިނައިން ގައުމު ވާދަކުރި އަދި އެންމެ ގިނަ އެތުލީޓުންވެސް ވާދަކުރި ގޭމްސް އެވެ.

އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ސްޕެޝަލް އޮލިމްޕިކްސްގެ އެތްލީޓުން ދުވަނީ - އަބްދުﷲ އިޔާން/އަދަދު


ރާއްޖޭގެ އައިޝަތު މާނިޔާ އާދަމް ރަން މެޑަލް ހޯދީ އަންހެން ބެޑްމިންޓަންގެ 1-ބީ ކެޓަގަރީންނެވެ. އަނެއް ރަން މެޑަލް އައިޝަތު ލައިކާ ހުސައިން ހޯދީ ލެވެލް ބީ - އެފް07 ޑިވިޝަނުގެ 100 މީޓަރު ދުވުމުންނެވެ. ބްރޮންޒް މެޑަލް ޒަނާ އަލީ ޝަރީފް ހޯދީ ލެވެލް ސީ - ޑިވިޝަން އެފްއޯ3 ކެޓަގަރީގެ 200 މީޓަރު ދުވުމުންނެވެ.

ރާއްޖެއިން ވާދަކުރި އެހެން އެތުލީޓުންނަށް ބަލާއިރު ހަސަން ސުޖޫދު އިބްރާހިމް ހުމައިދު މުހައްމަދު، ހުސައިން ސުޖޫދު ނާޝިދު، މުހައްމަދު ރާއިފް ޝަރީފްވެސް ބޮޑު ކުރިއެރުމެއް ހޯދި އެވެ.

ދެން އޮތީ މި ކުދިން މިހާ ހިސާބަށް އައުމަށް ކުރި އުނދަގޫ ދަތުރުގެ ވާހަކަ އެވެ. 2019ގައި އޮތް ސްޕެޝަލް އޮލިމްޕިކް ވޯލްޑް ގޭމްސްގައިވެސް ރާއްޖެއިން ވާދަކުރި އެވެ. އެފަހަރު އަލަށް ވާދަކުރި ގައުމުތަކުގެ ގެޓަގަރީގައި ދިވެހި އެތުލީޓުން ވާދަކޮށް އެއް ރަން މެޑައްޔާއި އެއް ރިހި މެޑަލް ހޯދި އެވެ. 2019ގައި އުފެދުނު ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ އަމާޒުތައް އޭރުވެސް ހުރީ ގިނަ ފުރުސަތުތަކެއް ހޯދައިދީ ގިނަ ކާމިޔާބީތަކެއް ހޯދުމަށެވެ.

ނަމަވެސް ޖެހިގެން އައި އަހަރު ކޮވިޑުގެ ސަބަބުން ކުރިއަށް ގެންދަން ރޭވި ހުރިހާ މަސައްކަތެއް މެދު ކަނޑާލަން ޖެހުނެވެ. ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ދިވެހިރާއްޖޭގައި ހާއްސަ މުބާރާތްތަކެއް ނެތުމުގެ ސަބަބުންނާއި މި ކުދިންނަށް ހާއްސަ ކޯޗުން ރާއްޖޭގައި ނެތުމުގެ ސަބަބުން ޕްރެކްޓިސްތައް ކުރިއަށް ގެންދިޔުމުގައި އުނދަގޫތަކަކާ ކުރިމަތިލާންވެސް ޖެހުނެވެ. ނަމަވެސް ގިނަ ބައެއްގެ އިސްނެގުމާ އެހީތެރިކަމާއިއެކު އާ މިސްރާބަކަށް އަޒުމް ކަނޑައަޅައި މިދިޔަ އަހަރުން ފެށިގެން ގިނަ މަސައްކަތްތަކެއް ކުރެވުނެވެ.

އެތުލެޓިކްސް އާއި ބެޑްމިންޓަންގެ ހަރަކާތްތައް ފެށުމަށް، މިކަމުގައި ބައިވެރިވާން ބޭނުންވާ ކުދިންނަށް ފުރުސަތު ހުޅުވާލައި އެ ކުދިންގެ ތަމްރީންތައް ކުރިއަށްގެންދިޔުމަށް ޕްލޭންތައް ހެދުނެވެ. ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް (އެސްއޯއެމް)އިން ފާހަގަކުރާ ގޮތުގައި އެންމެ ބޮޑަށް ދިމާވާ ގޮންޖެހުމަކީ އެކި ކުޅިވަރުތަކުގައި މި ކުދިން ތަމްރީން ކުރާނެ ހާއްސަ ކޯޗުން ނެތުމެވެ.

އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ސްޕެޝަލް އޮލިމްޕިކްސްގެ އެތްލީޓުން ދުވަނީ - އަބްދުﷲ އިޔާން/އަދަދު


"އަސްލު މިކުދިންނަށް ހާއްސަ ކޯޗުން ނެތުން މައްސަލައަކީ. ވަަރަށް އުނދަގުލުން ކޯޗެއް ލިބެނީވެސް. ބައެއް ފަހަރު މި ކުދިންނާއިއެކު ވޮލަންޓިއާކޮށްވެސް ކޯޗުން އުޅެން ޖެހޭނެ. މި ކުދިން ގޮވައިގެން އުޅެ މި ކުދިންގެ އެކި އެކި ހަރަކާތްތައް އެ ކޯޗަށް އިނގެންވެސް އެބަ ޖެހޭ. އާންމުކޮށް ކުރާ ޓްރެއިނިންތަކާ ތަފާތުކޮށް މި ކުދިން ތަމްރީން ކުރަން ޖެހެނީވެސް" ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ ސެކްރެޓަރީ ޖެނެރަލް ފާތިމަތު ފައިރޫޒާ އާދަމް (ފައިރު) ބުންޏެވެ.

ފައިރު ފާހަގަކުރާ ގޮތުން މިފަހަރު ސްޕެޝަލް އޮލިމްޕިކްސް ގައި ވާދަކޮށް ހޯދި ކާމިޔާބީ ވަރަށް ގިނަ ގޮތް ގޮތުން ހާއްސަ އެވެ. ތިން މެޑަލް ހޯދިއިރު އޭގެ ތެރޭގައި ދެ ރަން މެޑަލް ހޯދުމާއި، މިދިޔަ ފަހަރާ ހިލާފަށް މިފަހަރުގެ ބެޑްމިންޓަންގެ އަންހެން އަދި ފިރިހެން އެތުލީޓަކު ވާދަކުރުމާއިި، ބެޑްމިންޓަނުންވެސް ރަން މެޑަލް ހޯދުމުގެ އިތުރުން އުމުރުން ހަގު ކުދިންތަކެއް މިވަރުގެ ކާމިޔާބެއް ހޯދުމަކީ ފަސޭހަކަމެއް ނޫންކަމަށް އޭނާ ބުންޏެވެ.

"ރާއްޖޭގެ އެތުލީޓުންގެ ތެރޭގައި މިތިބީ 15-21 އަހަރާ ދެމެދުގެ ކުދިން. ރާއްޖޭގައި އެއްވެސް މުބާރާތެއްގައި ވާދަނުކޮށް ގޮސް މުބާރާތުގައި އެ ޕާފޯމް ކުރީ. ކޮންމެ ކުއްޖަކުވެސް ކޮންމެ އިވެންޓެއްގައި އެ ކުއްޖެއްގެ ޕާސަނަލް ބެސްޓު ދައްކަމުން ދިޔައީ. ކުރިންވެސް އެތުލެޓިކްސް އިން މެޑަލް ލިބުނު. އެކަމަކު މިފަހަރު ބެޑްމިންޓަން ގައި އަލަށް ބައިވެރިވެ މެޑަލް ހޯދުނު. މިއީ ވެސް ބޮޑު ކާމިޔާބެއްކަމަށް ދެކެނީ." ސްޕެޝަލް އޮލިމްޕިކްސްގެ ގައުމީ ޑިރެކްޓަރުގެ މަގާމްވެސް ފުރަމުން އަންނަ ފައިރު ބުންޏެވެ.

ހާއްސަ އެހީއަށް ބޭނުންވާ ކުދިން ހޯދާ ކާމިޔާބީތައް ގިނަ ބަޔަކަށް ސިފަވެފައި އޮންނަނީ އެއީ ހަމްދަރުދީވެގެން އެކުދިންނަށް ދޭ އެވޯޑުތަކެއްކަމުގަ އެވެ. ނަމަވެސް މިފަހަރު ކޮންމެ އެތުލީޓަކު ވާދަކުރި ކޮންމެ އިވެންޓަކަށް ބަލާއިރުވެސް ފެންނަނީ ވާދަވެރި މާހައުލެއްގައި އެކި ގައުމުތަކުގެ އެތުލީޓުންނާ ވާދަކޮށް ކާމިޔާބީ ހޯދި ތަނެވެ.

ޖޫން މަހުގެ 25 ގައި ނިމުނު ސްޕެޝަލް އޮލިމްޕިކްސް އަކީ ރާއްޖޭގެ ކޯޗުންނަށްވެސް ގިނަ ފިލާވަޅުތަކެއް ލިބުނު މުބާރާތެކެވެ. މިގޮތުން މުބާރާތުގެ ތެރެއިން ކޯޗުން ވަނީ ގިނަ ކަންކަން ދަސްކޮށް ބޭރުގެ މާހިރުންގެ ލަފާ ހޯދައި ކުރިއަށް އޮތް ތާނގައި ކުދިންނަށް ތަމްރީން ދިނުމުގައި އަމަލުކުރަންވީ ގޮތްތައް ދަސްކޮށްފަ އެވެ.

އެސްއޯއެމްގެ މިހާރުގެ އަމާޒަކި މި ފަހަރު މި ހޯދި ކާމިޔާބާއިއެކު އިތުރު ކާމިޔާބީތަކެއް ހޯދުމަށް ކުރަން ޖެހޭ މަސައްކަތްތައް ފެށުމެވެ. މިގޮތުން އިތުރު ކުޅިވަރުތަކެއްގައި އެތުލީޓުން ބައިވެރިކުރަން ކުދިންގެ ތަމްރީންތައް ފެށުމަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.

އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ސްޕެޝަލް އޮލިމްޕިކްސްގެ އެތްލީޓުން ދުވަނީ - އަބްދުﷲ އިޔާން/އަދަދު


"އަޅުގަނޑުމެން ރިކުއެސްޓްކޮށްގެން މިއުޅެނީ އިތުރު ސްލޮޓްސްތަކަށް. މިސާލަކަށް ސްވިމިން ކަހަލަ. ހަމަ ޕޫލެއް ގޮތަށް ކުދިން ގެނެސްގެން ފުޓްބޯލް ކަހަލަ ކުޅިވަރުތައްވެސް އިތުރުކުރަން މިތިބީ. އެކަމަކު އަނެއްކާވެސް ހަމަ ކޯޗުންގެ މައްސަލަ މި ޖެހެނީ. ކޯޗުން ލިބޭ ކަމަށްވަންޏާ ބޭނުންވާ ސްޕީޑުގައި މިކަން ކޮށްލެވޭނެ." ފައިރު ބުންޏެވެ.

ރާއްޖޭގައި ހިންގާ ކުޅިވަރު މުބާރާތްތަކަށް ބަލާއިރު ސްވިމިންގެ އިންޓަ ސްކޫލް މުބާރާތުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކެޓަގަރީއެއް އޮވެ އެވެ. ނަމަވެސް އިތުރު އެއްވެސް ކުޅިވަރެއްގައި މި ކުދިންނަށް ހާއްސަ ކެޓަގަރީ އެއް ނެތެވެ.

އެސްއޯއެމްގެ އެންމެ ބޮޑު އުއްމީދަކީ ގިނަ ކުޅިވަރުތަކެއްގައި މިކުދިންނަށް ހާއްސަ މުބާރާތްތަކެއް ބާއްވަން ކުޅިވަރު އެސޯސިއޭޝަންތަކުން އެއްބާރުލުންދީ އެކަން ކުރެވުމެވެ. އަދި އެ ކުޅިވަރަކަށް ހާއްސަ ކޯޗުން ހޯދުމަށްވެސް އެސޯސިއޭޝަންތަކުން މިހާރަށްވުރެ ބޮޑު އަހަމިއްޔަތުކަމެއް ދިނުމެވެ.

މި ނިމުނު ސްޕެޝަލް އޮލިމްޕިކް ގޭމްސްގައި ރާއްޖޭގެ ޓީމާއިއެކު ބައިވެރި އެތުލެޓިކްސް ދެ ކޯޗުންކަމަށްވާ އަހުމަދު ނާޒިމް އާއި އައިޝަތު މައުވާ އަދި ބެޑްމިންޓަންގެ ދެ ކޯޗުންކަމަށްވާ އަލީ ޝަރުމީލް އަދި އައިޝަތު އަފްނާން ރަޝީދުގެ މަސައްކަތް އެސްއޯއެމްއިން ޝުކުރިވެރިކަމާއިއެކު ފާހަގަކުރެ އެވެ.

ސްޕެޝަލް އޮލިމްޕިކް ގޭމްސްގެ ތެރެއިން ސަރަހައްދީ ސްޕެޝަލް އޮލިމްޕިކް ފެޑެރޭޝަންތަކުގެ އިސް ފަރާތްތަކާވެސް އެސްއޯއެމުން ވަނީ ބައްދަލުކޮށްފަ އެވެ. މިގޮތުން ކޯޗުން ތަމްރީން ކުރުމަށް ހުރި ފުރުސަތުތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފަ އެވެ.

ސްޕެޝަލް އޮލިމްޕިކްސްގެ އެތުލީޓުން ގިނަ ގޮންޖެހުންތައް ގިރާކޮށް މި ހޯދި ކާމިޔާބީއާއިއެކު މިހާރު އެސްއޯއެމްގެ މަސައްކަތް ކުރިއަށްވުރެ ބޮޑަށް ގިނަ ބަޔަކު ބަލައިގަންނަން ފަށައިފި އެވެ. ހާއްސަ އެހީތެރިކަމަށް ބޭނުންވާ ކުދިންގެެ ބެލެނިވެރިންގެ ކުދިން ކުޅިވަރުގެ ތެރޭގައި ބައިވެރިކުރަން އިތުރު އިސްކަމެއްދޭން ފަށައިފި އެވެ. މީގެ އިތުރުން ކުޅިވަރުގެ އެކި މައިދާންތަކުގައި ބާކީވެފައި ތިބި ކުދިން ނިކުމެ މުބާރާތްތަކުގައި ވަރުގަދަ ވާދަކޮށް މެޑަލް ހޯދައިފި އެވެ. ހަގީގަތުގަވެސް މިކުދިންނަށް ސާބަސް ދޭން ހައްގެވެ. ގައުމުގެ ކޮންމެ މީހަކުވެސް މި ކުދިންނާމެދު ފަޚުރިވެރިވާނެކަން ޔަގީނެވެ.