Advertisement

އެއް ދުވަހަށް ކުއްޔަށް ނެގި އައިސް ބޮކްސްއެއް އަނބުރާ ނުދިނުމުން 64،000ރ. ދޭން ޖެހިއްޖެ

3 ޖުލައި 2023 - 19:04 1

ނަޖާހު މަސްއޫދު

ނަޖާހު މަސްއޫދު

ރެންޓަލް ކުންފުންޏަކުން އެއް ދުވަހަށް ނެގި އައިސްބޮކްސްއެއް އަނބުރާ ނުދީ ހޭދަވި މުއްދަތަށް ފައިސާ ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފައިވޭ


އެއް ދުވަހަށް ކުއްޔަށް ނެގި އައިސް ބޮކްސްއެއް އަނބުރާ ނުދިނުމުން 64،000ރ. ދޭން ޖެހިއްޖެ

3 ޖުލައި 2023 - 19:04 1

ޕިންކް ރެންޓަލްސް ކިޔާ ކުންފުންޏަކުން މީހަކު އެއް ދުވަހަށް ކުއްޔަށް ނެގި އައިސް ބޮކްސްއެއް އެ މީހާ އަނބުރާ ނުދިނުމުން ސިވިލް ކޯޓުގައި ދައުވާ ކުރި މައްސަލައެއްގައި، ކުއްޔަށް ނެގި ފަރާތުން އައިސް ބޮކްސް ނުދީ ހޭދަވި މުއްދަތަށް ރެންޓަލް ކުންފުންޏަށް ގާތްގަނޑަކަށް 64،000ރ. ދިނުމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

ޖޫން 25 ވަނަ ދުވަހު ސިވިލް ކޯޓުން ކުރި ހުކުމުން އެނގޭ ގޮތުގައި ދައުވާ ލިބުނު މީހާ ޕިންކް ރެންޓަލްސްއިން ކުއްޔަށް ނެގީ އެއް ދުވަހަށް ފައިސާ ދައްކާފައި 40 ލީޓަރުގެ އައިސް ބޮކްސްއެކެވެ. އެ އައިސް ބޮކްސް ނުދީ ގިނަ ދުވަސްތަކެއް ވުމުން ސިވިލް ކޯޓުގައި ދައުވާ ކުރީ މިދިޔަ އޮކްޓޯބަރު މަހު އެވެ.

އެ މީހާ އައިސް ބޮކްސް އަނބުރާ ހަވާލުކޮށްފައި ނުވާތީ، ޕިންކް ރެންޓަލްސްއިން ދައުވާ ކުރީ އޭތި ހޯދުމަށާއި، ދައުވާ ލިބުނު މީހާގެ އަތުގައި އޭތި އޮތް މުއްދަތަށް ދައްކަން ޖެހޭ ފައިސާގެ އިތުރުން، ޖީއެސްޓީއާއި ލިޔެކިޔުމަށް ހަރަދުވި 29ރ. ހޯދުމަށެވެ.

ސިވިލް ކޯޓު ހުންނަ ޖަސްޓިސް ބިލްޑިން


ސިވިލް ކޯޓުގެ ގާޒީ ފަރުހާދު ރަޝީދު ހުކުމް ކުރެއްވީ އެ އައިސް ބޮކްސް ނުދީ ހޭދަވި 395 ދުވަހަށް 63،990ރ. ދެއްކުމަށެވެ. އެއީ ދުވާލަކަށް 162ރ. އެވެ. އޭގެ އިތުރުން ޖީއެސްޓީއާއި ލިޔެކިޔުމަށް ހޭދަވި 29ރ.އާއެކު ޖުމްލަ 64،019ރ. ދެއްކުމަށް އެންގެވި އެވެ.

އޭގެ އިތުރުން، 30 ދުވަހުގެ ތެރޭގައި އެ ފައިސާ ޕިންކް ރެންޓަލްސްއަށް ދެއްކުމަށާއި މި މަހުގެ 10 ވަނަ ދުވަހުގެ ކުރިން އައިސް ބޮކްސް ހަވާލު ކުރުމަށް ވެސް އަންގާފައިވެ އެވެ.

ދައުވާ ރައްދު ކުރި ކަމުގެ ލިޔުމުގައި ދައުވާ ލިބޭ މީހާ ސޮއި ކުރި ނަމަވެސް، ދިން މުއްދަތު ތެރޭގައި އޭނާ ދައުވާއަށް އެއްވެސް ޖަވާބުދާރީވެފައި ނުވެ އެވެ. އަދި މުއްދަތު އިތުރު ކުރަން ވެސް ނޭދެ އެވެ. އެހެންވެ، ސިވިލް ކޯޓުން އެ މައްސަލަ ނިންމީ އޭނާގެ ޣައިރު ހާޒިރުގަ އެވެ.