Advertisement

ވަކިވަކި ނޫސްވެރިންގެ ބޮލުގައި ސާބިތު ނުހިފޭ ތުހުމަތު އެޅުވުން ކުށްވެރިކޮށްފި

3 ޖުލައި 2023 - 17:02 3

ނަޖާހު މަސްއޫދު

ނަޖާހު މަސްއޫދު

މަސްދަރު ހާމަ ކުރަން ޖެހުމާ ދެކޮޅަށް ނޫސްވެރިން އިންތިޒާމުކޮށްގެން މީގެ ކުރިން ބޭއްވި އިހުތިޖާޖެއްގެ ތެރެއިން -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު


ވަކިވަކި ނޫސްވެރިންގެ ބޮލުގައި ސާބިތު ނުހިފޭ ތުހުމަތު އެޅުވުން ކުށްވެރިކޮށްފި

3 ޖުލައި 2023 - 17:02 3

މިފަހަކަށް އައިސް ސިޔާސީ އެކި ފަރާތްތަކުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ވަކިވަކި ނޫސްވެރިންގެ ބޮލުގައި ސާބިތު ނުހިފޭ ދޮގު ތުހުމަތު އަޅުވައި ނޫސްވެރިން ޑިސްކްރެޑިޓް ކުރަން މަސައްކަތް ކުރާ ކަމަށް ބުނެ އެކަން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އާއި މޯލްޑިވްސް މީޑިއާ ކައުންސިލުން ކުށްވެރިކޮށްފި އެވެ.

ދަ ޑިމޮކްރެޓްސްއާއި ޕީޕީއެމް/ޕީއެންސީ ގުޅިގެން މަސައްކަތް ކުރުމާ ބެހޭގޮތުން ބޭއްވި ތިން ވަނަ މަޝްވަރާ ބައްދަލުވުމަށްފަހު އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑިމޮކްރެޓްސްގެ ފަރާތުން ހުސެއިން އަމްރު އާއި ޕީޕީއެމް/ޕީއެންސީގެ ފަރާތުން ނައިބު ރައީސް އިބްރާހިމް ޝުޖާއު ވަނީ، އަމާޒުވި ބައެއް ސުވާލުތަކާ ގުޅިގެން، ރައީސް އޮފީހުން ބުނާ ގޮތަށް، ފައިސާއަށް ސުވާލު ކުރާ ކަމުގެ ތުހުމަތު ބައެއް ނޫސްވެރިންގެ ބޮލުގައި އަޅުއްވައިފަ އެވެ. ހޫނުވި އެ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ތުހުމަތުތައް ދޮގުކޮށް ހެކި ދެއްކުމަށް ވެސް ނޫސްވެރިއަކު އެދުނެވެ.

އެކަމާ ގުޅިގެން ނޫސްވެރިން ތަމްސީލު ކުރާ އެމްޖޭއޭއިން ނެރުނު ބަޔާނެއްގައި ބުނީ، މިފަހަކަށް އައިސް ސިޔާސީ އެކި ފަރާތްތަކުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކުގައި އާއި އެހެން ވެސް ޕްލެޓްފޯމްތަކުގައި ވަކިވަކި ނޫސްވެރިންނާ މެދު ސާބިތު ނުހިފޭ ސީރިއަސް ތުހުމަތުތައްކޮށް ނޫސްވެރިކަމުގެ އިތުބާރު ގެއްލުވާލައި ޑިސްކްރެޑިޓް ކުރުމަށް މަސައްކަތް ކުރަމުން ދާތީ އެކަން ކުށްވެރިކުރާ ކަމަށެވެ.

އަދި, ނޫސްވެރިންނަކީ ގައުމުގައި ހިނގާ މުހިންމުކަންކަން އާންމުންނާ ހަމަޔަށް ގެނެސްދީ ގައުމީ ބޮޑެތި މައްސަލަތައް އާންމުންނަށް ތިލަކޮށް ބާރުގައި ތިބޭ ފަރާތްތައް ޒިންމާދާރު މަސައްކަތް ކުރާ ބަޔަކަށް ވާއިރު، ނޫސްވެރިން ކުރިމަތިކުރުވާ ސުވާލުތަކާއި އެ މީހުން ލިޔާ ލިޔުންތަކާ ގުޅިގެން ނޫސްވެރިންނާ ދިމާކޮށްލައި އެ މީހުންނާ މެދު ޒާތީވެ ތުހުމަތުތައް އުފަންކުރުމަކީ ތަހުޒީބުވެފައިވާ ޑިމޮކްރަޓިކް ވެއްޓެއްގައި އެއްވެސް ވަރަކަށް ބަލައިގަނެވޭނެ އަމަލުތަކެއް ނޫން ކަމަށް އެ ޔޫނިއަނުން ބުންޏެވެ.

އެމްޖޭއޭއިން ބުނީ، އެފަދަ އަމަލުތައް ކުރަނީ ގަސްތުގައި ރާވައިގެން ނޫސްވެރިންގެ މަސައްކަތަކީ ގައުމަށް ބޭނުމެއް ނެތް ކަމެއްގެ ގޮތުގައި ދައްކައި، އާންމުންގެ މެދުގައި ނުބައި ތަސައްވުރެއް އުފައްދައި ނޫސްވެރިކަމުގެ މައްޗަށް ރައްޔިތުން އޮންނަ އިތުބާރު ނަގާލުމަށް ކަމަށް ގަބޫލުކުރާ ކަމަށެވެ. ތަކުރާރުކޮށް އެފަދަ އަމަލުކުރާ ފަރާތްތަކުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތައް ބޮއިކޮޓް ކުރުމަށް ވެސް އެ ޔޫނިއަންއިން ގޮވާލި އެވެ.

"މީގެ ފަހުން މިފަދަ އަމަލުތައް ތަކުރާރުކުރާ ނޫސްވެރިންގެ ބައްދަލުވުންތައް ބޮއިކޮޓްކުރުމަށް މި ޔޫނިއަންއިން ނޫސްވެރިންނަށް ހިތްވަރުދެމެވެ." އެމްޖޭއޭގެ ބަޔާނުގައިވެ އެވެ.

ނޫސްވެރިންނަށް ވެސް ފާޑުކިޔަންވާނެ ކަމާއި ނަމަވެސް, އެ ފާޑުކިޔުން ވާންވާނީ ޒާތީނުވެ, އަސްލެއް ނެތް ތުހުމަތުތަކުން އެއްކިބާވެ ތިބެ ކިޔޭ ބިނާކުރުވަނިވި ފާޑުކިޔުމަށް ކަމަށް ވެސް އެމްޖޭއޭއިން ބުންޏެވެ.

"އެފަދަ ބިނާކުރަނިވި ފާޑުކިޔުންތަކާއި ކަންކަން ރަނގަޅުކުރުމަށް ދޭ ހިޔާލުތަކަށް މި ޔޫނިއަންއިން ހުޅުވިފައިވާ ސިކުނޑިއަކުން މަރުހަބާވެސް ކިޔަމެވެ."

އެހެން ނަމަވެސް، ނޫސްވެރިކަމުގެ ދާއިރާގައި ވެސް ޒަމާންވީ ބޮޑެތި މައްސަލަތަކުގެ ތެރޭގައި ހިމެނޭ މާލީ މިނިވަންކަން ނެތުމާއި ގާބިލް ނޫސްވެރިން އުފެއްދުން ފަދަ ގޮންޖެހުންތައް ހުރިކަން ގަބޫލުކުރާ ކަމަށް ވެސް އެ ޔޫނިއަންއިން ބުނެފައިވެ އެވެ. އަދި, އެކަންކަން ހައްލު ކުރެވޭނީ އެންމެން ގުޅިގެން މައްސަލަތަކަށް ހައްލު ހޯދަން މަސައްކަތްކޮށްގެން ކަމަށް ބުންޏެވެ. އެފަދަ މައްސަލަތަކަކީ ނޫސްވެރިންނަށް ތުހުމަތުތައްކޮށް ޒާތީ ގޮތުން ދިމާކޮށްގެން ހައްލު ކުރެވޭނޭ ކަންކަން ކަމުގައި ނުދެކޭ ކަމަށް ބުންޏެވެ.

މަސްދަރު ހާމަ ކުރަން ޖެހުމާ ދެކޮޅަށް ނޫސްވެރިން އިންތިޒާމުކޮށްގެން މީގެ ކުރިން ބޭއްވި އިހުތިޖާޖެއްގެ ތެރެއިން -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު


މީޑިއާ ކައުންސިލުން މި މައްސަލައާ ގުޅިގެން ނެރުނު ބަޔާނުގައި ބުނީ، ނޫސްވެރިކަމުގެ މަސައްކަތުގައި ހަރަކާތްތެރިވާ އެކި ނޫސްވެރިންނަށް ލިބެމުންދާ އަނިޔާތަކާއ،ި އިންޒާރުތަކާއ،ި އަދި އެ ނޫން ވެސް ގޮންޖެހުންތަކުގެ އިތުރުން މިހާރަކަށް އައިސް އެ ކައުންސިލަށް ލިބޭ އެންމެ ބޮޑު އެއް ޝަކުވާއަކީ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ވެސް ވަރަށް ފާޅުގައި ވަކިވަކި ނޫސްވެރިންނަށް އަމާޒުކޮށް ދޮގު އިލްޒާމްތައް އަޅުވާކަމުގެ ޝަކުވާ ކަމަށެވެ. އަދި އެއީ މުޅި ނޫސްވެރިކަމުގެ ދާއިރާއަށް ދެވޭ ގެއްލުމެއް ކަަމަށް ބުންޏެވެ.

"ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއ،ި ނޫސްވެރިކަމުގެ މިނިވަންކަމަކީ، ދިވެހިރާއްޖޭގެ ގާނޫނުއަސާސީ ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގަކަށް ވާއިރު، ވަކިވަކި ނޫސްވެރިންނަށް އަމާޒުކޮށް ސާބިތު ނުހިފޭ ތުހުމަތުތައް ކުރުމާއި ކްރެޑިބަލް ނޫސްވެރިންގެ އިތުބާރު ގެއްލުވާލަން މަސައްކަތް ކުރުމަކީ މުޅި ނޫސްވެރިކަމުގެ ދާއިރާ އަށް ވެސް އޭގެ ސަބަބުން ގެއްލުން ލިބޭ ކަމެކެވެ." އެމްއެމްސީގެ ބަޔާނުގައިވެ އެވެ.

އެމްއެމްސީއިން ބުނީ، ވަކިވަކި ނޫސްވެރިންގެ އަގުވައްޓާލައި ސާބިތުނުހިފޭ ތުހުމަތު ކުރުމަކީ މީޑިއާގެ މިނިވަންކަމަށް ވެސް އެޅިގެންދާ ވަރަށް ބޮޑު ހުރަހެއް ކަމަށެވެ. އަދި ނޫސްވެރިކަމުގެ މިިނިވަންކަމުގެ ދަރަޖަ އިތުރަށް ދަށަށް ގޮސްދާނެ ކަމެއް ކަމަށް ގަބޫލުކުރެވޭ ކަމަށް ވެސް ބުނެފައިވެ އެވެ. އަދި އެކަމުގެ ސަބަބުން ސަރުކާރާއި އެހެނިހެން ފަރާތްތައް ޒިންމާދާރު ކުރުމަށް ވެސް ހުރަސް އެޅިގެންދާ ކަމަށް ދެކޭ ކަމަށް ބުންޏެވެ.

ނޫސްވެރިކަމުގެ މަސައްކަތަށް ހުރަސް އެޅޭނޭ ފަދަ އަމަލުތައް ނުކުރުމަށް ގޮވާލުމުގެ އިތުރުން ނޫސްވެރިން ވެސް ރާއްޖޭގައި ހެދިފައިވާ ނޫސްވެރިކަމުގެ އަހުލާގީ މިންގަނޑުތަކާއި، ބެސްޓް ޕްރެކްޓިސްގެ އެންމެ މަތީ މިންގަނޑުތައް ހިފެހެއްޓުމަށް ވެސް އެމްޖޭއޭއާއި މީޑިއާ ކައުންސިލުން އެދުނެވެ.

އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޝުޖާއު އާއި އަމްރު ވަނީ ސީދާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މެސެޖުކޮށް އެދިގެން ނޫސްވެރިން ސުވާލު ކުރާ ކަމަށް ތުހުމަތުކޮށްފަ އެވެ. އެކަމަކު، އެއިން އެއްވެސް ކަމަކަށް ހެއްކެއް ދައްކާފައި ނުވެ އެވެ.