Advertisement

އެރިޓްރިއާއިން ރާއްޖޭގެ ބޯޓުތައް ދޫކުރާކަށް ނޫޅުނު، އެފްއެސްއެމުން ބުނީ ގާނޫނީ ގޮތުން މަސައްކަތްކުރާކަމަށް

2 ޖުލައި 2023 - 20:28 1

ނިމާ ހަސަން

ނިމާ ހަސަން

އެރިޓްރިއާގެ ބަނދަރެއް; މޫސުން ގޯސްވެގެން ބަނދަރު ކުރުމުން އެ ގައުމުން ވަނީ ރާއްޖޭގެ ތިން ބޯޓު ހިފަހައްޓާފައި


އެރިޓްރިއާއިން ރާއްޖޭގެ ބޯޓުތައް ދޫކުރާކަށް ނޫޅުނު، އެފްއެސްއެމުން ބުނީ ގާނޫނީ ގޮތުން މަސައްކަތްކުރާކަމަށް

2 ޖުލައި 2023 - 20:28 1

މޫސުން ގޯސްވެގެން ބަނދަރު ކުރުމުން ހިފެހެއްޓި ބޯޓުތަކުގެ މައްސަލާގައި އެރިޓްރިއާ ސަރުކާރުން އެއްބާރުލުން ނުދޭތީ, އެކަމުގައި ގާނޫނީ ގޮތުން ކުރިއަށްދާން ނިންމައިފި އެވެ.

އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް މިއަދު 'އަދަދު'އަށް ވިދާޅުވީ, އެރިޓްރިއާގައި އެ ކުންފުނީގެ ދެ ބޯޓު ހިފަހައްޓާފައި އޮތް މައްސަލާގައި އެ ގައުމަށް ގޮސްގެން މައްސަލަ ހައްލުކުރަން ކުރިން ވިސްނި ނަމަވެސް, އެއީ ކުރިއަށް ދެވޭނެ ގޮތެއް ނޫންކަން މިހާރު އެނގޭ ކަމަށެވެ.

"އަޅުގަނޑުމެން ނިންމީ ދެން މި މައްސަލާގައި ގާނޫނީގޮތުން ކުރިއަށް ދާން. މިހާރު އެކޮޅުން ލޯޔަރެއް ވެސް ހަޔާކޮށްގެން އެކަންތައް ކުރިއަށް އެބަދޭ" އެ މައްސަލާގައި ގާނޫނީގޮތުން ކުރިއަށްދާން ނިންމާފައިވާކަން ފާހަގަކުރައްވާ ގަސަމް ވިދާޅުވި އެވެ.

އެރިޓްރިއާއިން ރާއްޖޭގެ ތިން ބޯޓު ހިފަހައްޓާފައި އޮތް ނަމަވެސް, މިހާރު ވަނީ އޭގައި ތިބި ފަޅުވެރިން ދޫކޮށްލާފަ އެވެ. އޭގެ ތެރޭގައި އެފްއެސްއެމްގެ ހަ ފަޅުވެރިން ހިމެނޭއިރު, އެއީ ދެ ދިވެހިންނާއި ހަތަރު ބިދޭސީންނެވެ.

އެފްއެސްއެފްގެ ދެ ބޯޓާއި, ޕެޓްރޯލިއަމް ލިންކް ޕްރައިވެޓް ލިމިޓެޑްގެ ބޯޓެއް ހިމެނޭހެން އެރިޓްރިއާއިން ހިފަހައްޓާފައި ވަނީ ރާއްޖޭގެ ތިން ތެޔޮ ބޯޓެވެ.

އެ ބޯޓުތައް އެރިޓްރިއާގައި ހިފެހެއްޓީ، ވަރަށް ބޮޑަށް މޫސުން ގޯސްވެ ދަތުރު ނުކުރެވިގެން އެ ގަައުމަށް ބަނދަރު ކުރުމުން، ހުއްދަ ނުހޯދައި ބަނދަރު ކުރި ކަމަށް ބަލައިފަ އެވެ. އެ ބޯޓުތައް ފަޅުވެރިންނާއެކު ތާށިވެފައި އޮންނަތާ މިހާރު ވަނީ ދެ މަހަށްވުރެ ގިނަ ދުވަސްވެފަ އެވެ.

ނަމަވެސް ފޮރިން މިނިސްޓްރީއަށް އެ ގައުމުގެ ސަރުކާރާ ސީދާ މަޝްވަރާއަށް ދެވޭގޮތް ވަނީ ނުވެފަ އެވެ. އެހެންކަމުން, އެހެން ގައުމުތަކުގައި ހުރި ރާއްޖޭގެ އެމްބަސީތަކުން އެ ގައުމުތަކުގައި ހުރި އެރިޓްރިއާގެ އެމްބަސީތައް މެދުވެރިކޮށް އެރިޓްރިއާ ސަރުކާރާ މަޝްވަރާ ކުރުމަށް ފޮރިން މިނިސްޓްރީން ވަނީ މަސައްކަތް ކޮށްފަ އެވެ.

އެރިޓްރިއާއާއި, ރާއްޖެއާ ހާރިޖީ ގުޅުން ގާއިމްކޮށްފައި ވަނީ 2021 ވަނަ އަހަރު އެވެ.