2 ޖުލައި 2023 - 08:35 0
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ބަންގްލަދޭޝްގެ ކޯޗު ކަބްރޭރާ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
2 ޖުލައި 2023 - 08:35 0
ސާކް ސަރަހައްދުން ބޭރުން ގެނައި ދެ ޓީމު ނެތް ނަމަ މި އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ތަށި ބަންގްލަދޭޝް އަށް ހޯދުނީސް ކަމަށް އެ ޓީމުގެ ސްޕެއިން ކޯޗު ހާވިއޭ ކަބްރޭރާ ބުނެފި އެވެ.
މި އަހަރުގެ ސާފް ޗެމްޕިއަންޝިޕުން ބަންގްލަދޭޝް ކެޓީ އިއްޔެ ހަވީރު ސެމީ ފައިނަލުގައި ކުވެއިތު އަތުންނެވެ. މި މެެޗުން އެ ޓީމު ބަލިވީ 90 މިނެޓު ކުޅުނުއިރު ދެ ޓީމަށްވެސް ގޯލެއް ނުޖެހުމުން ނަތީޖާ ނެރުމަށް ކުޅުނު 15 މިނެޓުގެ ދެ ހާފުގައި ކުވެއިތުން ކާމިޔާބުކުރި ގޯލާ އެކު 1-0 ގެ ހަނި ތަފާތަކުންނެވެ.
ސެމީ ފައިނަލް މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ބަންގްލަދޭޝްގެ ކޯޗު ހާވިއޭ ކަބްރޭރާ ބުނީ މުބާރާތުގެ އެންމެ ބޮޑު ފޭވަރިޓުންނާ ދެކޮޅަށް އޭނާގެ ޓީމުން ދެއްކި ތައުރީފު ހައްގު ކުޅުމެއް ކަމަށާއި، ހުރިހާ ގޮތަކަށް ބަލާއިރު ވެސް މި މެޗުން ބަންގްލަދޭޝް މޮޅުވުން ހައްގު ކަމަށެވެ.
އޭނާ ބުނީ އެ ޓީމުން އާދަޔާ ހިލާފަށް މޮޅަށް ކުޅުނު ކަމަށާއި މިއީ ގަބޫލުކުރަން ދަތި ނަތީޖާއެއް ކަމަށެވެ.
"މި ބަލި ގަބޫލުކުރަން ވަރަށް އުނދަގޫ. އަހަރެންގެ ޓީމު މިއަދު އާދަޔާހިލާފު މޮޅަށް ކުޅުނު. އަހަރުމެންނަށް މޮޅުވާން ޗާންސްވެސް ލިބުނު. ބޭނުން ނުކުރެވުނީ. އެކަމަކު ކުޅުން ވަރަށް ރަނގަޅު. އަހަރުމެން ބަލިވާން ހައްގު މެޗެއް ނޫން މިއީ." ކަބްރޭރާ ބުންޏެވެ.
އެންމެ ފަހުން ކުޅުނު ދެ މެޗުގެ ސްޓައިލް ބަދަލުކޮށް މި މެޗަށް ތައްޔާރުވާން ލިބުނީ އެންމެ ދުވަހެއް ކަމަށާއި، އެންމެ ދުވަހެއްގެ އެންމެ ސެޝަން އަކުން މި މެޗަށް އެޖަސްޓްވެ، ކުޅުންތެރިން ދެއްކި ކުޅުމާ މެދު ފަހުރުވެރިވާ ކަމަށް ކަބްރޭރާ ވަނީ ބުނެފަ އެވެ.
ކަބްރޭރާ ބުނީ ކުވެއިތުގެ ވަރުގަދަ އެޓޭކުތައް ހުއްޓުވައި މި މެޗުގައި އޭނާގެ ޓީމުން ގިނަ ފުރުސަތުތަކެއް ތަނަވަސް ކުރިކަމަށެވެ.
"ކުވެއިތަކީ މި މުބާރާތުގެ އެންމެ ބޮޑު ފޭވަރިޓުން. އަހަރުމެން ގިނަ ފުރުސަތުތަކެއް ހޯދިން މިވަރުގެ ޓީމަކާ ދެކޮޅަށްކުޅެ. އެމީހުންގެ އެޓޭކުތައް 90 މިނެޓު ވަންދެން ހުއްޓުވިން. އަހަރުމެންގެ ގޭމް ބޭނުންވި ގޮތަށް ކުޅުނީ. ފުރަތަމަ މިނެޓުގައިވެސް އަހަރުމެންނަށް ގޯލު ޖަހަން ޗާންސް ލިބުނު. އަހަރެން ބުނާނެ އެއްޗެއް ނެތް މި ކުޅުންތެރިންނާ ދިމާއަށް. އެމީހުން 100 ޕަސެންޓު ދީފި. ފަހުރުވެރިވަން އެ ކުޅުންތެރިން ދެއްކި ކުޅުމާމެދު،" މިދިިޔަ އަހަރު ކުރީކޮޅު ބަންގްލަދޭޝާ ހަވާލުވި ކަބްރޭރާ ބުންޏެވެ.
މި މުބާރާތުގައި ސާކުން ބޭރު ދެ ޓީމް ވާދަކުރުމާ ގުޅޭގޮތުން ކަބްރޭރާ ބުނީ ކުވެއިތާއި ލެބަނާން މި މުބާރާތުގައި ނުކުޅުނު ނަމަ ބަންގްލަދޭޝް ތަށި ހޯދާނެ ކަމަށެވެ. ނަމަވެސް އެ ދެ ޓީމާ ދެކޮޅަށް ކުޅުމުން ޓީމަށް އޭގެ ސަބަބުން ރަނގަޅު އަސަރުތަކެއް ކުރި ކަމަށް ވެސް ކަބްރޭރާ ގަބޫލުކުރެ އެވެ.
"ބޭރުން އައި ދެ ޓީމް ނެތް ނަމަ އަހަރުމެންނަށް ސާފްގެ ތަށި ހޯދުނީސް، އެވަރުގެ ޔަގީންކަން އެބައޮތް. އެކަމަކު މި ޓީމްތަަކާއެކު ކުޅުނީމަ އަހަރުމެންގެ ޓީމަށް އިތުރު ހިތްވަރާއި އިތުބާރު ލިބިއްޖެ. މި ފެންވަރުގައި ކުޅެވޭނެ މި ޓީމަށް" ކަބްރޭރާ ބުންޏެވެ.
ބަންގްލަދޭޝް މުބާރާތުގައި ބަލިވީ ގްރޫޕް ސްޓޭޖުގައި ލެބަނާން އަތުންނާއި ސެމީ ފައިނަލްގައި ކުވެއިތު އަތުންނެވެ. ސާކްގެ ގައުމުތަކުގެ ތެރެއިން ރާއްޖެ އަތުން 3-1 އިން އަދި ބޫޓާން އަތުން ވެސް 3-1 އިން ބަންގްލަދޭޝް މޮޅުވި އެވެ. ދެ މެޗުން ވެސް މޮޅުވީ ފަހަތުން އަރަ އެވެ.
ކަބްރޭރާ ބުނީ މި މުބާރާތުގައި ދެއްކި ކުޅުމާ އެކު މިހާރު ކުޅުންތެރިންނަށް ވެސް އެ ކުޅުންތެރިންގެ ލެވެލް އެނގޭނެ ކަމަށާއި، ބަންގްލަދޭޝްގެ ފުޓްބޯޅައިގެ ފެންވަރު މިހާރު ފެންނާނެ ކަމަށެވެ. އަދި މި މުބާރާތަކީ ބަންގްލަދޭޝްގެ ފުޓްބޯޅަ ކުރިއަށްދަނީ ރަނގަޅު މިސްރާބަށް ކަން އެނގުނު މުބާރާތެއްކަން ވެސް އޭނާ ފާހަގަކުރި އެވެ.
Comment