30 ޖޫން 2023 - 07:59 1
ނަސްމާ އަބްދުލްމުހުސިން
ދިވެހި ދިދަ. -- ފޮޓޯ: އަދަދު
30 ޖޫން 2023 - 07:59 1
އަލަތު ލޯތްބެއްގެ "މާމުއިހަނދު" ފިޔަވަހީގައި، އިވޭ ކޮންމެ ލޯބީގެ ލަވަޔަކުން ސިފަކޮށްދެނީ ތިމާ އާއި ތިމާގެ ބައިވެރިޔާގެ ގުޅުންކަމުގައި އެވާ އިހުސާސަކީ ގިނަ މީހުން ދަންނަ އިހުސާސެކެވެ. ލޯބިވާ މީހަކު ތިމާގެ އަތުން ބީވެދާހިނދު، އެ ފަދަ ޙާލަތަކާ ގުޅޭ ލަވައެއް އަޑުއަހާލުމުން ހިތަށް ތަސައްލީއެއް ލިބިގެންދާކަމަށް ބައެއް މީހުން ދެކެއެވެ. ޤައުމުގެ ޙާލަތާމެދު މާޔޫސްވެފައިވާ ދަނޑިވަޅެއްގައި އެ އިހުސާސް ދައްކުވައިދޭ ޅެމެއް އަޑުއިވިއްޖެނަމަ، ޙާލަތާމެދު އިތުރަށް ފިކުރުކޮށްލަން މަޖުބޫރުކުރުވައެވެ. ހެޔޮ ނަސޭޙަތެއް ދޭ މަދަހައެއް ނުވަތަ ނަޝީދެއް އަޑުއިވޭ ހިނދު، ތިމާގެ ހިތަށް މަޑުމޮޅިކަން ވައްދައިދެއެވެ.
ކިޔައިދޭން މި މަސައްކަތްކުރަނީ ޅެންބަހުރުވައިގެ ބާރެވެ. މަދު ފަހަރެއްގައި މެނުވީ ހިތަށް އަސަރުކުރަނިވި ޅެންވެރިކަމުގައި ޅެންވެރީން ކަރުދާހުގެ މައްޗަށް ބަންޑުންކޮށްލަނީ އޭނާގެ ހިތުގެ އުދާސްތަކެވެ. ހިފެހެއްޓުމެއް ނެތިއެވެ. ސެންސަރުނުކޮށެވެ. އެފަދަ އިހުސާސްތަކައް ފެނުމުން ނުވަތަ އަޑުއެހުމުން އެހެން މީހުންނަށް އެ އިހުސާސްތައް ހިއްސާކުރަން ފަސޭހައެވެ. ތަސައްލީ މި ލިބެނީ އެ އިހުސާސްތައް ހިއްސާކުރުމުގެ ތެރެއިންކަމުގައި ބެލެވިދާނެއެވެ. ތިމާ މިވަގުތު ކުރާ ތަޖުރިބާ އަކީ އެހެން މީހަކުވެސް ކޮށްފައިވާ ތަޖުރިބާއެއްކަން އެނގޭ ހިނދު؛ ޚާއްޞަ ގޮތެއްގައި، އެއީ ހިތާމަ އާއި ވޭން ގެނުވާ ތަޖުރިބާއެއް ކަމުގައިވާނަމަ، ތިމާ އާ ބައިވެރިވާނޭ މީހެއް ހުރިކަން އެނގޭހިނދު ހިތާއި ސިކުނޑިއަށް ލުއިކަމެއް އިހުސާސްކުރެވެއެވެ. އެއީ ޙައްލެއްކަމުގައި ނުވިޔަސް މެއެވެ.
ނަފްސާނީ ދުޅަހެޔޮކަމަށް ބޭނުންކުރާ ތެރަޕީއެއްގެ ގޮތުގައި، ލިޔުންތެރިކަމާއި ޅެންވެރިކަމުގެ ޒަރިއްޔާއިން ތިމާގެ ހިތުގައި އުފެދޭ ޝުޢޫރުތައް ފާޅުކުރުމަކީ ތަޖުރިބާކުރެވި، ކާމިޔާބުކަން ސާބިތުކުރެވިފައިވާ އުކުޅެކެވެ. އެހެންނަމަވެސް މިއަދު މި ދައްކަނީ ކިޔާ ނުތަވަ އަޑުއިވޭ ލަވައަކުން ނުވަތަ އެ ނޫންވެސް ޅެންވެރިކަމުގެ ބާވަތެއް "ކޯޕިން މެކޭނިޒަމެއްގެ" ގޮތުގައި ބޭނުންކުރުމުގެ ވާހަކައެވެ.
މި ދައްކާވާހަކައިގެ މިސާލަކަށް ބަލާލަމާހެއްޔެވެ. ލަވަޔަކީ މީގެ 29 އަހަރު ކުރީގެ ދިވެހި ފިލްމު "ދެރިޔާ" އަށް މަޝްހޫރު ޅެންވެރިޔާ ޢަބްދުﷲ ޞާދިޤު (ނޢޢވ) ހައްދަވާފައިވާ ޅެމެކެވެ. ޅެމަށް ދެއްވާފައިވާ ނަމަކީ "ހިލަހިތެއް ކަރުނައިން މަޑުވާނެހޭ!" މިއެވެ.
ސިފަކުރައްވާށެވެ. އަހަރަކީ 2015 ވަނަ އަހަރެވެ. ލަވަ އަޑުއަހަން އިނީ ދެ ކުދިންގެ މަންމައެކެވެ. އޭނާގެ ފިރިމީހާ ވަނީ މަސްތުވާ ތަކެއްޗާއި ނިރުބަވެރިކަމުގެ ނުބައިކަމުގެ ތެރެއަށް ވެއްޓި ހަފުސްވެފައެވެ. ތުއްތު ދެ ދަރިންނާއެކު ދުނިޔޭގެ ކުރިމަތީ މަތިއޮމާން ކުރަމުން، ލޮލުން ނުރޯންވެގެން ނޯށުން ރޯން އިންނަނީ މި ބުނާ މައިމީހާއެވެ. އެހެންނަމަވެސް ކޮންމެ ބުރާސްފަތި ދުވަހެއްގެ ރޭ ޕާޓީކޮށްލާފައި އައިސް ފަތިސްދަޅައިގައި އެނދުމައްޗަށް ދެމޭ ފިރިސޮރަށް، ބައްޕާއޭ ކިޔާފައި ދަރިފުޅު ގޮވާލާ އަޑެއް ނީވެއެވެ. އެ ދަނޑިވަޅުގައި ރޭޑިޔޯއިން މި އިވެނީ އިހުސާސްތަކުން ބަރާވެފައިވާ ރީތި އަޑަކުން ލަވަކިޔުންތެރިޔާ ފަޒީލާ އާމިރު ކުރާ މި ސުވާލެވެ.
އެ މަންމައަށް ކުރާނެ އިހުސާސްތައް އޮތީ ހިތަށް އަރުވާލުމެވެ. އެ ދަނޑިވަޅުގައި އެ ލަފުޒުތަކަކީ އޭނާގެ ހިތާމައިގެ ބައިވެރިޔާއެވެ. އޭނާ މަސަލަސްކޮށްދޭ އެކުވެރިޔާއެވެ. އެފަދަ މީހެއްގެ ކުރިމަތީ ތިމާގެ ކަރުނަތައް ބޭކާރު ނުކުރާށޭ ބުނެ ނަސޭޙަތްތެރިވާ މަދަދުގާރެވެ. ކޯޕިން މެކޭނިޒަމަކަށް ވަނީ މި ބީދައިންނެވެ. އޭނާ އެ ކުރާ ހިތާމަ އާއި އޭނާގެ މާޔޫސީ ތަޙައްމަލުކުރުމަށް ކޮންމެވެސް ވަރެއްގެ ލުއިކަމެއް ދޭ އެހީއަކަށް އެ ދަނޑިވަޅުގައި އެ ޢިބާރާތްތައް ވާތީއެވެ.
އެހެން މިސާލެކެވެ. ނޮވެމްބަރ 3 ނުވަތަ ބަޑިބުރާސްފަތި ދަންނަ މީހުން މިއަދު ދިރި ދުނިޔޭގައި އެބަތިއްބެވެ. އެފަދަ ބަޔަކާ ކުރި މަޝްވަރާއެއްގެ ތެރެއިން މީހަކު ކިޔައިދިން ހަނދާނެއް ހިއްސާކޮށްލާނަމެވެ. ނޮވެންބަރު ތިނެއްގެ ތަޅާފޮޅުންތަކާއެކު މުވާސަލާތީ ޚިދުމަތްތައް އޮތީ ކެނޑިފައެވެ. އޭރު އެންމެ ގިނަ ބަޔަކަށް ޚަބަރުތައް ފޯރުކޮށްދޭ ދިވެހިރާއްޖޭގެ އަޑުގެ ޚިދުމަތްތައް ކެނޑިފައި ހުރެފައި ފުރަތަމެ ބްރޯޑްކާސްޓު ކުރީ ކީރިތި ޤުރުއާނެވެ. އެއަށްފަހު ދެން އިވުނީ މި ލަވަކަމަށްވެއެވެ.
އޭނާ ކިޔައިދިނެވެ. "އެ އަޑު އިވުމާއެކު ގޭ އެންމެން ރޯން ފެށިއެވެ. ނަޞްރު ލިބުނީތީ ވީ އުފަލުންނާއި، އެ ދަނޑިވަޅުގައި މާލެތެރެ އޮތް ޙާލަތުގެ ޚަބަރު ލިބި ހިތަށް ވެރިވެފައިވާ ބިރުވެރިކަމާއި ހިތާމައިގެވެސް ސަބަބުންނެވެ. އޭރު އަދި ޝަހީދުވެފައިވާ ސިފައިންނާއި ޢާންމުންގެ ހަށިތައް މަގުތަކުގައި ލެޔާ ތަތްތެޅިފައި ހުއްޓެވެ. ލަވައިގައި މި ކިޔަނީ ދިވެހި ބިމަށް އެންމެ ފަހުގެ ވިންދާއި ނޭވާ ދޫކޮށްލާން ޢަޒުމު ހިފައިގެން ހުރި ވާހަކައެވެ. ލޯމައްޗަށް މި ފެންނަނީ ޝަހީދުވެފައިވާ ކުދި ބޮޑު އެތައް މީހުންނެއް، ހަމަ ޙަޤީޤަތުގައިވެސް ޤައުމާއި ދީނަށްޓަކައި އެންމެ ފަހު ވިންދާއި ނޭވާ ދޫކޮށްލާފައިވާ މަންޒަރެވެ. ހިތަށް ކުރުވާނޭ އަސަރު އިހުސާސްކޮށްލައްވާށެވެ. އެހެންނަމަވެސް އެ ދަނޑިވަޅުގައިވެސް، ހަމަ މި ލަފުޒުތަކުގެ އެހީގައި އެ ހުރިހާ އިހުސާސެއް ތަޙައްމަލުކުރުމަށް ފަސޭހަވެގެންދެއެވެ.
ޖަރުމަނުވިލާތުގެ މަޝްހޫރު ޅެންވެރިޔާ ޕޯލް ޝެލާން ވިދާޅުވެފައިވެއެވެ. " އަތާ އަތްޖޯޑުކޮށް ސަލާންކުރުމާ ޅެމަކާ ހުރި ތަފާތެއް އަހަރެންނަކަށް ނުފެނެއެވެ." ޅެންވެރިކަމަކީ ދޭދޭ ގުޅުންތަކަށް މަގުފަހިކޮށްދޭ ޒަރިއްޔާއެކެވެ. ތިމާއަށް ކުރެވޭ އިހުސާސްތަކަކީ އާދަޔާ ޚިލާފު އިހުސާސްތަކެއް ނޫންކަން ދަސްކޮށްދީ، އެ އިހުސާސްތަކަށް "ޖަމަޢީ މަޤާމެއް" ހޯދައިދިނުމުގައި ޅެންވެރިކަމުން އިސް ދައުރެއް އަދާކުރެއެވެ. ތިމާއަށް ކުރެވޭ އިހުސާސްތަކަކީ ތިމާ އެކަނި ތަހައްމަލުކުރަން ޖެހޭ އިހުސާސްތަކެއް ނޫންކަން ދެނެގަނެވޭހިނދު ތިމާއަށް ތަސައްލީ ލިބެއެވެ. ޚާއްޞަކޮށް މާޔޫސީ އާއި އެކަނިވެރިކަމުން އަރައިގަތުމަށް ލިބޭ އެހީއަކަށް މިކަން ވެއެވެ.
ހަނދާނަށް އަންނަނީ 1987 ވަނަ އަހަރުގެ މޭ މަހުގެ "ފަތްތޫރަ" މަޖައްލާގެ 98 ވަނަ ޢަދަދުގައި އާމިނަތު ފާއިޒާ (ޑޭޒީމާ)، "ޅެމަކީ" މި މަޢުޟޫޢަށް ލިޔުއްވާފައިވާ ޅެމުގެ ދެތިން ބައިތެވެ.
Comment