Advertisement

ރެފްރީ އަށް ފާޑުކީ މައްސަލައިގައި މޮރީނިއޯ ލީގުގެ ދެ މެޗަށް ސަސްޕެންޑް

29 ޖޫން 2023 - 17:20 0


ރެފްރީ އަށް ފާޑުކީ މައްސަލައިގައި މޮރީނިއޯ ލީގުގެ ދެ މެޗަށް ސަސްޕެންޑް

29 ޖޫން 2023 - 17:20 0

ރޯމް (ޖޫން 29) - ރެފްރީ އަށް ފާޑުކީ މައްސަަލައިގައި އިޓާލިއަން ލީގުގެ ދެ މެޗަށް ރޯމާގެ ކޯޗު ހޯސޭ މޮރީނިއޯ ސަސްޕެންޑްކުރަން އިޓަލީގެ ފުޓްބޯލް ފެޑަރޭޝަނުން ނިންމައިފި އެވެ.

އިޓަލީގެ ފުޓްބޯލް ފެޑަރޭޝަންގެ ޑިސިޕްލިނަރީ ޓްރައިބިއުނަލް އިން ނެރުނު ބަޔާނެއްގައި ބުނީ ރެފްރީ ޑެނިއެލް ޗިފީ އަށް މިދިޔަ ސީޒަންގެ ލީގު މެޗަކަށް ފަހު މޮރީނިއޯ ފާޑުކިޔި މައްސަލައާ ގުޅިގެން އޭނާ 50،000 ޔޫރޯ އިން ޖޫރިމަނާކޮށް، ދެ މެޗަށް ސަސްޕެންޑްކޮށްފައިވާ ކަމަށެވެ. އެހެން ކަމުން އަންނަ ސީޒަންގެ އިޓާލިއަން ލީގުގައި ރޯމާ ކުޅޭ ފުރަތަމަ ދެ މެޗަށް ވެސް މޮރީނިއޯ ސަސްޕެންޑްވާނެ އެވެ.

މި މައްސަަލައިގައި އިޓަލީގެ ފެޑަރޭޝަނުން ވަނީ ރޯމާ ވެސް 50،000 ޔޫރޯ އިން ޖޫރިމަނާކޮށްފަ އެވެ.

ރެފްރީ ޗިފީއާ މެދު ހިތްހަމަނުޖެހިގެން މޮރީނިއޯ އޭނާ އަށް ފާޑުކީ އިޓާލިއަން ލީގުގައި މިދިޔަ މަހުގެ ކުރީކޮޅު ރޯމާ އާއި މޮންޒާ ބައްދަލުކުރި މެޗުގައެވެ. އެ މެޗުގެ ތެރެއިން ވެސް މޮރީނިއޯ ވަނީ ޗިފީ އަށް ބަހުގެ ހަމަލާތަކެއް އަމާޒުކޮށްފަ އެވެ.

އެ މެޗަށް ފަހު މޮރީނިއޯ ޗިފީ ސިފަކުރީ "އޭނާގެ ކެރިއަރުގައި ފެނުނު އެންމެ ދަށް ރެފްރީ"ގެ ގޮތުގައެވެ.

"ވަރަށް ގޯސް ރެފްރީއެއް އެއީ. މީހުންގެ އިހުސާސްތައް ވެސް އެނގޭ މީހެއް ނޫން އެއީ،" މޮރީނިއޯ ބުންޏެވެ.

މިދިޔަ ސީޒަން ރޯމާ ނިންމާލީ ލީގުގެ ހަ ވަނައިގައެވެ. އަދި ޔޫރޮޕާ ލީގުގެ ފައިނަލް އިން އެ ޓީމު ވަނީ ބަލިވެފައެވެ.