ލަންޑަން (ޖޫން 29) - މިދިޔަ ސީޒަންގައި ރެލިގޭޓްވި ލެސްޓާ ސިޓީ އަށް ކުޅެމުންދިޔަ އިންގްލެންޑްގެ މިޑްފީލްޑަރު ޖޭމްސް މެޑިސަން ޓޮޓެންހަމް ހޮޓްސްޕާ އަށް ބަދަލުވެއްޖެ އެވެ.
އިންގްލެންޑްގެ ގައުމީ ޓީމަށް ވެސް ކުޅޭ މެޑިސަަން، 26، ޓޮޓެންހަމް އަށް ބަދަލުވީ 46.3 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީއެއްގަ އެވެ.
ކޮވެންޓްރީ ސިޓީ އިން ކެރިއަރު ފެށުމަށް ފަހު، މެޑިސަން ވަނީ 2016 ވަނަ އަހަރު ނޯވިޗް ސިޓީ އަށް ބަދަލުވެފަ އެވެ. ލެސްޓާ އަށް އޭނާ ބަދަލުވީ 2018 ވަނަ އަހަރެވެ. ލެސްޓާ އަށް މެޑިސަން 203 މެޗު ކުޅެ، 55 ލަނޑު ޖެހި އެވެ. އެ ކްލަބާ އެކު މެޑިސަން ވަނީ އެފްއޭ ކަޕް ކާމިޔާބުކޮށްފަ އެވެ.
މެޑިސަން ޓޮޓެންހަމްއާ ގުޅުމަކީ އެ ޓީމުގެ ސްކޮޑަށް ލިބުނު ކުރިއެރުމެކެވެ. މެޑިސަން ޓޮޓެންހަމްއާ މި ގުޅުނީ އޭނާ ހޯދަން އާސެނަލް އަދި ނިއުކާސަލް ވެސް ޝައުގުވެރިކަން ފާޅުކޮށްފައި ވަނިކޮށެވެ.
މެޑިސަން އަކީ ކުރިއަށް އޮތް ސީޒަނަށް ޓޮޓެންހަމް އިން ހެދި ތިން ވަނަ ޓްރާންސްފާ އެވެ. ލޯނު އެއްބަސްވުމެއްގެ ދަށުން އެ ކްލަބަށް ކުޅެމުންދިޔަ ސްވިޑަންގެ މިޑްފީލްޑަރު ޑެޖާން ކުލުސެވްސްކީގެ ޓްރާންސްފާ ޓޮޓެންހަމް އިން ފުރިހަމަކުރިއިރު، އިޓަލީގެ އެމްޕޮލީ އަށް ކުޅެމުންދިޔަ ގޯލްކީޕަރު ޖުޖްލިއެލްމޯ ވިކާރިއޯ ވެސް ވަނީ އެ ޓީމާ ގުޅިފަ އެވެ.
Comment