Advertisement

ފުޓްބޯޅައިގެ ބޮޑު ވެއްޓުން: ޒިންމާވާން ޖެހޭނީ އެފްއޭއެމް އާއި ކްލަބްތައް!

29 ޖޫން 2023 - 14:20 1

މުހައްމަދު ހަމްދޫން

މުހައްމަދު ހަމްދޫން

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އެ އެސޯސިއޭޝަނުގެ ކޮންގްރެސްގައި ވާހަކަދައްކަވަނީ.


ފުޓްބޯޅައިގެ ބޮޑު ވެއްޓުން: ޒިންމާވާން ޖެހޭނީ އެފްއޭއެމް އާއި ކްލަބްތައް!

29 ޖޫން 2023 - 14:20 1

އިއްޔެ އަކީ ދިވެހިރާއްޖޭގެ ފުޓްބޯޅައިގެ ތާރީހުގައި ކަޅު ދުވަހެކެވެ. ލަދުވެތި ދުވަހެއް ވެސް މެ އެވެ. ސާފް ޗެމްޕިއަންޝިޕުގައި ގައުމީ ފުޓްބޯޅަ ޓީމު ވާދަކުރަން ފެށި ފަހުން ސެމީ ފައިނަލަށް ނުގޮސް ފުރަތަމަ ފަހަރަށް ކެޓީ އެވެ. ފުޓްބޯޅައިގެ ތެރޭ ކިތަންމެ މައްސަލައެއް އުޅުނަސް، ޓީމުގެ ތައްޔާރީތައް ކިތަންމެ ދަށަސް، މިހާތަނަށް ރާއްޖޭން އައީ ކޮންމެ ފަހަރަކު ދަށް ވެގެން، ދެކުނު އޭޝިއާގެ ގަދަ ހަތަރު ޓީމުގެ ތެރޭގައި ހިމެނުމުންނެވެ.

މި ސަރަހައްދުގެ ގައުމުތަކާ ބަލާއިރު ނިސްބަތުން ވަރުގަދަ، އަރަބި ދެ ގައުމެއް މި ފަހަރުގެ މުބާރާތުގައި ވާދަކުރި އެވެ. އެކަމަކު ރާއްޖެ އަށް މި ފަހަރު ސެމީ އަށް ނުދެވުނު މައިގަނޑު ސަބަބަކީ އެ ޓީމުތަކެއް ނޫނެވެ. އެކަމުގެ ފަހަތުގައި އޮތީ، 2003 ގެ ފަހުން އެ ޓީމު އަތުން ރާއްޖެ ބަލިވެފައިނުވާ މި ސަރަހައްދުގެ ބަންގްލަދޭޝް އަތުން 3-1 އިން ބަލިވުމެވެ.

މި ފަހަރު ސެމީ އަށް ނުގޮސް ރާއްޖެ ކެޓުމަކީ، 1997 ވަނަ އަހަރު ވޯލްޑް ކަޕް ކޮލިފައިންގައި އީރާން އަތުން 17-0 އިން ރާއްޖެ ބަލިވި ފަހުން، ދިވެހި ފުޓްބޯޅައިގެ އެންމެ ބޮޑު ވެއްޓުމެވެ. މިކަމުގެ ޒިންމާ ނަގަން ޖެހޭނީ ކޮން ބަޔެއް ހެއްޔެވެ؟ ފުޓްބޯޅައިގެ އާއްމު އުސޫލުން ނަމަ މުބާރާތަކުން ޓީމަކަށް ދެރަ ނަތީޖާއެއް ލިބިއްޖެ ނަމަ އެކަމުގެ ޒިންމާ ނަގަން ޖެހޭނީ ކޯޗެވެ. ނުވަތަ އެކަށީގެންވާ ކުޅުމެއް ނުދެއްކި، އާރުލާ މަސައްކަތެއް ނުކުރެވިއްޖެ ނަމަ ކުޅުންތެރިންނެވެ.

އެކަމަކު މި ނާކާމިޔާބީ އަކީ އިއްޔެ އަކު މިއަދަކު ދިމާވި ކަމެއްގެ ސަބަބުން ނުކުތް ނަތީޖާއެއް ނޫނެވެ. އެހެންވެ މިކަން ކޯޗާއި ކުޅުންތެރިންގެ ބޮލަށް ފޫޅުކަނޑާލެވޭކަށް ނެތެވެ. މިކަމުގެ ޒިންމާ ނަގަން ޖެހޭނީ، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ކްލަބްތަކުންނެވެ. މިހިސާބަށް ހާލަތު ދިޔައީ އެފްއޭއެމްގެ ހިންގުން ދޯދިޔާ ވުމުންނެވެ. އެކަން ބަދަލުކުރުމުގެ ބާރު 'ފުޓްބޯޅައިގެ ގާނޫނު' ގެ ދަށުން ލިބޭ ހަމައެކަނި ބަޔަކީ ކްލަބްތަކެވެ. އޭގެ ބޭނުން ނުހިފައި ކްލަބްތައް އޮތީ އަތްއުރާލައިގެންނެވެ.

ފަށަމާ ހިނގާށެވެ. ދިވެހި ފުޓްބޯޅަ ސަރަހައްދުގެ ކުރިބޯށްޓަށް އެރީ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ހިސާބުންނެވެ. އެއީ 1980ގެ އަހަރުތަކުގައި ސަރަހައްދުގެ ގައުމުތަކުން ބޭނުން ގޮތެއް ހަދަމުން އައި ރާއްޖޭގެ ޓީމު، 1991 ވަނަ އަހަރުގެ ސާފް ގޭމްސް އިން ހޯދި ރިހި މެޑަލް ކާމިޔާބުކޮށް ހޯދި އިތުބާރުގައި ކުރި މަސައްކަތުން ލިބުނު އެންމެ ބޮޑު ކާމިޔާބެވެ.

އެކަމަކު އެ ކާމިޔާބާ ހަމައިން ވަރުގަދަ ބިންގަލެއް އަޅައި ފުޓްބޯޅަ އެހެން ލެވަލަކަށް ގެންދިއުމުގެ ބަދަލުގައި، ފުޓްބޯޅައިގެ ސްޓޭކްހޯލްޑަރުންގެ ފަރާތުން ފެނުނީ އެފްއޭއެމްގެ ލީޑާޝިޕަށް ފައިނަގަން ހަނގުރާމައެއް ފެށި މަންޒަރެވެ. އެގޮތުން އިންޓަރިމް ކޮމިޓީގެ ދަށުން ހޯދި އެ ކާމިޔާބަށް ފަހު ދުވަސްކޮޅެއް ފަހުން ހަވާލުވި އަލީ އާޒިމްގެ ދައުރު ނިންމާލުމަށް، އޭނާއާ އިދިކޮޅު މީހުން ބޭނުންކުރީ ފުޓްބޯޅައާ އެއްވެސް ގުޅުމެއް ނެތް ޕްރޮކްސީ ކެންޑިޑޭޓެކެވެ. ސިޔާސީ ބޭފުޅެއް ކަމަށްވާ އިލްހާމް އަހުމަދެވެ. އެކަމަކު އިލްހާމް ގެންނަން މަސައްކަތްކުރި މީހުން ދުވަސްކޮޅަކުން އޭނާއާ ދެކޮޅުވި އެވެ. އެ ހިސާބުން ފީފާ އިން އިލްހާމް ބޭރުކޮށް އިންޓަރިމް ކޮމިޓީއަކާ ހަވާލުކުރީ އެވެ. އެ ކޮމިޓީގެ ޗެއާމަނަކަށް އައްޔަންކުރީ މުހައްމަދު ޝަވީދެވެ. ޖެނެރަލް ސެކްރެޓަރީއަކަށް ލެއްވީ، ފުޓްބޯޅައިގެ އުއްމީދެއް ކަމަށް އޭރު ބެލެވުނު ޒުވާން ބައްސާމް އަދީލް ޖަލީލެވެ.

އިންޓަރިމް ކޮމިޓީގެ މުއްދަތު ފީފާ އިން އިތުރުކުރުމުން، ޝަވީދު އެ މަގާމު ދޫކޮށްލެއްވުމުން ޗެއާމަނަކަށް ވަޑައިގެންނެވީ ބައްސާމެވެ. ދެން ފެނިގެން ދިޔައީ އިއުލާންކުރި އާ އިންތިހާބުގައި ވާދަކުރައްވަން ޝަވީދު ނިންމެވި ތަނެވެ. އޭނާއާ ވާދަކުރައްވަން ނުކުންނެވީ އަހުމަދު ތޯރިގް (ޓޮމް) އެވެ. ދެ ބޭފުޅުންނަކީ ވެސް އޭރު ވެރިކަމުގައި ހުންނެވި އަބްދުﷲ ޔާމީންގެ އަރިސް ބޭފުޅުން ކަމުން، އެންމެ ފަހުން ދެ ބޭފުޅުންނަށް ވެސް ޖެހުނީ އެއްގަލަކަށް އަރުއްވާށެވެ. ރައީސްގެ މަގާމަށް ވަޑައިގަތީ ޓޮމް އެވެ. ޝަވީދުގެ ފަޅިން ބައްސާމަށް ޖެނެރަލް ސެކްރެޓްރީކަން ދެއްވި އެވެ.

އެކަމަކު އެކްސްކޯގައި ތިބި ޝަވީދުގެ މެމްބަރުން ޓޮމްއާ ދެކޮޅު ވުމުން، އޭނާ، ބައްސާމް ޖެނެރަލް ސެކްރެޓަރީކަމުން ވަކިކުރެއްވި އެވެ. އެއާ އެކު އެފްއޭއެމްގެ ތެރޭގައި ރޯވި އެވެ. އެ މައްސަލަގަނޑުގެ ތެރެއިން ބައްސާމަށް ތާއީދުކުރާ އެކްސްކޯގެ ފަސް މެމްބަރަކު އިސްތިއުފާ ދިނުމާ އެކު އެކްސްކޯ އުވި އަލުން އިންތިހާބެއް ބާއްވަން ފީފާ އިން އެންގީ އެވެ. އެ އިންތިހާބު ކާމިޔާބުކުރެއްވީ ބައްސާމެވެ. ޕީޕީއެމްގެ މަޖިލިސް މެމްބަރު ޓޮމްއާ ވާދަކުރައްވައި ކުރި ހޯއްދަވަން، ޔާމީންގެ ކޮއްކޯފުޅު ބައްސާމް ބޭނުންކުރެއްވި އެއް ހަތިޔާރަކީ ސިޔާސީ ގޮތުން ނުފޫޒު ގަދަ މަޖިލިސް މެމްބަރުންތަކެއް އެގްޒެކެޓިވް ކޮމިޓީގައި ހިމެނުއްވުމެވެ.

ބައްސާމަށް އެފްއޭއެމްގެ ކޮންޓްރޯލް ފުލްކޮށް ލިބުމުން، އަހަރުތަކަކަށް ފަހު އެތަނަށް ހަމަޖެހުމެއް އައިސް ފުޓްބޯޅަ އަށް ސަމާލުކަން ދޭން އަނެއްކާ ވެސް ފަށާނެ ކަމަށް ބެލެވުނެވެ. އެކަމުގެ އުއްމީދީ މަންޒަރުތަކެއް ވެސް ފެނުނެވެ. ކުންފުނިތައް މެދުވެރިކޮށް ކްލަބްތަކަށް ފައިސާ ލިބޭނެ ގޮތް ސަރުކާރުގެ ތެރެއިން ބައްސާމް ހަމަޖެއްސެވި އެވެ. އާ ޕްލޭންތަކެއް އިއުލާންކުރެއްވި އެވެ.

ބައްސާމް (މ) ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ (ކ) އާއި އޭއެފްސީގެ ރައީސް ޝެއިޚް ސަލްމާންއާ އެކު.


އެކަމަކު، މަޑުމަޑުން އަނެއްކާ ވެސް ގޯސްތައް ފެންނަން ފެށި އެވެ. އަދި އެފްއޭއެމްގެ ހިންގުމުގައި ހުރި މައްސަލަތައް ފެންމަތިވާން ފެށި އެވެ. އެގޮތުން ނިއު ރޭޑިއަންޓާއި ވިކްޓްރީ އިސްވެ އޮވެ އެހެން ބައެއް ކްލަބްތަކުގެ ތާއީދާ އެކު އެފްއޭއެމްގެ މައްސަލަތައް ފާހަގަކޮށް އެކަން ހުށަހެޅި އެވެ. އެ މައްސަލަތަކަކީ:

  • އެފްއޭއެމްގެ ހިންގާ ގަވާއިދާ ހިލާފަށް އެގްޒެކްޓިވް ކޮމިޓީގެ މެމްބަރުން ވަކިކޮށް، އިތުރު މެމްބަރުން އެ ކޮމިޓީ އަށް އައްޔަން ކުރުން.
  • އެފްއޭއެމްގެ ހިންގާ ގަވާއިދުގައި ބަޔާން ކޮށްފައިވާ ގޮތަށް އެގްޒެކްޓިވް ކޮމިޓީގެ ޖަލްސާތައް ބާއްވަމުން ނުދިއުން.
  • އެފްއޭއެމްގެ ހިންގާ ގަވައިދު ބުނާ އެސޯސިއޭޝަންތައް، ބަޔާން ކޮށްފައިވާ ގޮތަށް އުފަން ކޮށްފައި ނެތުން.
  • ރާއްޖޭގެ ފުޓްބޯޅައިގެ ދިގު ތާރީހުގައި މެދުކެނޑުމެއް ނެތި ހިންގަމުން ގެންދިޔަ ފުޓްބޯޅަ މުބާރާތްތައް ނުބާއްވައި ދޫކޮށްލުން.
  • ކްލަބްތަކާއި އެފްއޭއެމްގެ ހިންގާ ކޮމިޓީ ގައި މަޝްވަރާ ކުރުމެއް ނެތި ފުޓްބޯޅަ ސީޒަން ބަދަލުކުރުން އޭއެފްސީ ކަޕްގައި ބައިވެރިވުމަށް ރާއްޖޭގެ ޓީމުތަކަށް ލިބިފައިވާ ފުރުސަތު ގެއްލިގެން ދިއުމުގައި އެފްއޭއެމްގެ އިހުމާލެއް އޮތުން.
  • އެފްއޭއެމުން ފުޓްބޯޅައާ ގުޅުން ހުރި ބޮޑެތި ކަންކަމުގައި ކްލަބްތަކާއި އެފްއޭއެމްގެ އެގްޒެކްޓިވް ކޮމިޓީއާ ވެސް މަޝްވަރާ ކުރުމެއް ނެތި ކަންކަން ކުރަމުން ގެންދިއުން.
  • ފުޓްބޯޅައިގެ ތެރެއަށް ސިޔާސީ ކަންކަން ވައްދައި، އެފްއޭއެމް އޮފީސް ތެރޭގައި ސިޔާސީ އޮފީހެއް ހެދުން.

މީގެ ތެރެއިން އެންމެ މައްސަލަ ބޮޑުވީ ރައީސް ޔާމީންގެ އަނބިކަނބަލުން ފަސްޓް ލޭޑީ ފާތިމަތު އިބްރާހިމްގެ އޮފީހެއް ޖުލައި 2017 ން ފެށިގެން އެފްއޭއެމްގެ އިމާރާތުގައި ހިންގުމެވެ. ފާތުންގެ އެ އޮފީހަކީ، ޔާމީންގެ ކެމްޕެއިންގެ ބައެއް މަސައްކަތްތަކާއި ޕީޕީއެމަށް މީހުން އިތުރުކުރުމުގެ ބައެއް ކަންކަން ވެސް ކޮށްފައިވާ ތަނެކެވެ.

ނަމަވެސް އޭރު ވެރިކަމުގައި ހުންނެވީ ޔާމީން ކަމަށްވެފައި، ބައްސާމްއާ ދެކޮޅަށް ނުކުންނާނެ ހިތްވަރު އެ ކްލަބްތަކަށް ނެތެވެ. އެ މަސައްކަތް ފެށީ 2018 ވަނަ އަހަރު ސަރުކާރު ބަދަލުވުމުންނެވެ. އެގޮތުން ނިއު އާއި ވިކްޓްރީ އިސްވެ އޮވެ އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށެހެޅި އެވެ. އެފްއޭއެމްގެ އަސާސީ ގަވާއިދު ބުނާ ގޮތުން، ވޯޓުލުމުގެ އިހުތިޔާރު ލިބިފައިވާ ކްލަބުތަކުގެ ތެރެއިން 50 ޕަސެންޓަށް ވުރެ މަތީ އަދަދަކަށް ކްލަބުތަކުން ތާއީދުކޮށް އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވަން ހުށަހަޅައިފި ނަމަ، ދައުރުގެ މެދުތެރެއިން އެ ކޮންގްރެސް ބޭއްވޭނެ އެވެ. ނިއު އިން އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އެއް ބޭއްވޭ ވަރަށް ކްލަބްތަކުގެ ސޮއި ހޯދި ވެސް މެ އެވެ.

ނަމަވެސް، ދެން ފެނުނީ، ކުޅުންތެރިންނަށް މުސާރަ ނުދޭ ކަމަށް ބުނެ ނިއު ސަސްޕެންޑްކުރި ތަނެވެ. ދުވަސްކޮޅެއް ފަހުން ވިކްޓްރީ ވެސް ސަސްޕެންޑްކުރީ އެވެ. ދެ ކްލަބުން ވެސް ތުހުމަތުކުރީ، މުސާރަ ނުދޭ އެތައް ކްލަބެއް އޮއްވާ ހަމައެކަނި އެ ދެ ކްލަބާ މެދު ފިޔަވަޅު އެޅީ، އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމުން ކަމަށެވެ.

ނިއު އާއި ވިކްޓްރީގެ އެ ހުށަހެޅުމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު ވެސް ތާއީދުކުރެއްވި އެވެ. އެގޮތުން ބައްސާމްއާ ދެކޮޅަށް އޭނާ ހަނގުރާމައެއް ފެށްޓެވި އެވެ. އެކަމަކު، ފީފާ އާއި އޭއެފްސީގެ އިންޒާރަކާ އެކު، މަހުލޫފު ހަތިޔާރު ބެހެއްޓެވި އެވެ. މަހުލޫފު ވިދާޅުވީ ބައްސާމް ބޭރުކުރަން ކުރެއްވި މަސައްކަތް މިހާރު ނިމިއްޖެ ކަމަށާއި އެކުރި ގޮތަކަށް ކޮށްގެން ބައްސާމް މަގާމް ދިފާއުކުރައްވައިފި ކަމަށެވެ.

ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ ބައްސާމްއާ ދެކޮޅަށް ނުކުތް ނިއު އާއި ވިކްޓްރީ ސަސްޕެންޑްކުރީ އެވެ. އިތުބާރު ނެތްކަމުގެ މައްސަލައިގެ ލިޔުމުގައި ސޮއިކުރި އެހެން ކްލަބްތަކުން ސޮއި ނެގީ އެވެ. މިނިސްޓަރު ވެސް އެ މައްސަލަ ދޫކޮށްލެއްވީ އެވެ. އަދި އެފްއޭއެމަށް ފާޑުކީ ފުޓްބޯޅައިގެ އިސް މީހުން ވެސް މަޑުމަޑުން އެފްއޭއެމްގެ ވަޒީފާތަކާ ގުޅެން ފެށީ އެވެ. ބައްސާމަށް ބާރުގަދަވީ އެވެ. އެފްއޭއެމަށް ފާޑުކިޔާނެ އަނގައެއް ނެތި އެ އެސޯސިއޭޝަނަށް ހުރިހާ ބާރެއް ލިބުނީ އެވެ.

އެކަމަކު ދެން ވެސް މައްސަލަތައް ދިޔައީ އިތުރުވަމުންނެވެ. ކަލަންޑަރުން މުބާރާތްތައް ދިޔައީ އުނިވަމުންނެވެ. ފުޓްބޯޅައި ފޯރި ދިޔައީ މަޑުމަޑުން ކެނޑެމުންނެވެ. ދިވެހިން އެންމެ ލޯބިވާ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ގައުމީ ޓީމުން ވެސް ބޭރުކުރީ އެވެ. އޭގެ ފަހަތުގައި އޮތީ ވެސް ޒާތީ ކަމެއް ކަމުގެ ތުހުމަތުކުރެވުނެވެ.

އެފްއޭއެމުން ދުވަސްދުވަކޮޅުން ޕްލޭންތައް އިއުލާންކުރެ އެވެ. މުޅި ރާއްޖެ ހިމެނޭ ލީގެއް ފެށުމުގެ ވާހަކަތަކާއި، ފުޓްބޯޅަ ސްކޫލެއް ފަށާ ވާހަކަ އާއި، އެފްއޭއެމްގެ އާ އިމާރާތެއް އެޅުމުގެ ވާހަކަތަކެވެ. އެކަމަކު އޭހެން އެއްވެސް ކަމެއް ތަންފީޒުވާ މަންޒަރެއް ނުފެނެ އެވެ. އެފްއޭއެމް ދިޔައީ މާލީ ގޮތުން ވެސް އަޑިއަޅަމުންނެވެ. ގައުމީ ޓީމުގެ ކޯޗުންނަށް މުސާރަ ނުދެވެ އެވެ. އެ މައްސަލަތައް އެ ކޯޗުން ފީފާ އަށް ހުށަހެޅުމުން، ނިންމަނީ އެފްއޭއެމްއާ ދެކޮޅަށެވެ. ގައުމީ ޓީމުގެ ކުޅުންތެރިންނަށް، ވިޔަފާރިވެރިން ދޭ ފައިސާ ވެސް ކުޅުންތެރިންނާ ހަމަޔަށް ނުފޯރަ އެވެ. ކަރަންޓު ބިލުތަކަށް ފައިސާ ނުދައްކައިގެން އެ އެސޯސިއޭޝަނުން ކަރަންޓުގެ ހިދުމަތް ކަނޑާލާފައިވެ އެވެ. މީގެ އިތުރުން އަމިއްލަ ކުންފުންޏަކަށް ދޭން ޖެހޭ ފައިސާ ނުދެވިގެން އެފްއޭއެމްގެ ބިމެއް އެ ކުންފުންޏަށް ދޭން އެއްބަސްވާން ވެސް ޖެހުނެވެ. ދަރަންޏެއް ނުދައްކައިގެން ކުންފުންޏަކުން އެފްއޭއެމް ގޮވައިގެން ކޯޓަށް ވެސް ދިޔަ އެވެ.

ގައުމީ ކޯޗު އިޓަލީގެ ރޮބާޓޯ މޮރިއޭރޯ (ކ) ކުޅުންތެރިންނަށް އިރުޝާދު ދެނީ.


އެފްއޭއެމް އަށް އެތަނުގެ މުވައްޒަފުންނަށް ގަވާއިދުން މުސާރައެއް ވެސް ނުދެވެ އެވެ. ކުޑަމިނުން ރޯދަ އެލަވަންސް ވެސް ނުދެވެ އެވެ. ބޯޅަ ހޮވާ ކުދިންނާއި ރެފްރީންނަށް އިނާޔަތް ނުދޭތީ، މެޗު ކުރިއަށް ނުގެންދެވޭ ހިސާބަށް ދިޔަ އެވެ.

މިދިޔަ އަހަރު އޮގަސްޓް މަހު ނިމުނު ސީޒަނަށް ފަހު، އާ ސީޒަން ނުފެށި އަށެއްކަ މަސް ދިޔަ އެވެ. ސީޒަން ފަށަން ހަފުތާއަކަށްވީ އިރު ވެސް ޝެޑިއުލެއް ކްލަބްތަކަށް ވެސް ނުލިބެ އެވެ. ކްލަބްތަކުން ޕްރެކްޓިސް ވެސް ނުފަށަ އެވެ. ކްލަބްތަކުން ބުނަނީ އެފްއޭއެމުން ފައިސާ ނުދޭތީވެ ތައްޔާރީތައް ނުފެށޭނެ ކަމަށެވެ. ބައެއް ކްލަބްތައް ސީޒަން ފެށީ އެންމެ ޕްރެކްޓިހެއް ވެސް ނުކޮށެވެ. ސާފް ޗެމްޕިއަންޝިޕާއި އެހެން މުބާރާތްތަކާ ގައުމީ ޓީމުގެ ކުޅުންތެރިން ކުރިމަތިލާން ޖެހެނީ، އަށެއްކަ މަސް ދުވަހު ނުކުޅެ ތިބެފަ އެވެ. މުސާރަ ނުދީގެން ބިދޭސީ ދެ ކުޅުންތެރިޔަކު ގަލޮޅު ދަނޑުގައި ބަނޑުހައިހޫނުކަމުގެ ހަޅުތާލުކުރި އެވެ. ސީނިއާ ބައެއް ކުޅުންތެރިން ފުރަތަމަ ޑިވިޝަނުގައި ކަމެއް ނެތުމުން ދެ ވަނަ ޑިވިޝަނުގެ ކްލަބްތަކަށް ވެސް ސޮއިކޮށްފި އެވެ.

ދިވެހި ފުޓްބޯޅަ ރަނގަޅުކުރަން ޕްލޭންތައް ހެދިދާނެ އެވެ. އެކަމަކު ފުޓްބޯޅަ މިހާރު އޮތް ހާލަތުން މި އެފްއޭއެމްގެ މި ލީޑާޝިޕުގައި އެއްވެސް ކަމެއް ވެދާނެ ކަމާ މެދު ޔަގީންކަމެއް ނެތެވެ. އެފްއޭއެމްގެ މިހާރުގެ ލީޑާޝިޕުން އެ ހަގީގަތް ގަބޫލުކުރަން ޖެހެ އެވެ. މިއީ ފީފާ އިން ފައިސާ އޮއްސާ ޒަމާނެކެވެ. ގަލޮޅު ދަނޑުގެ ސިޑިބަރިދަށުގައި ކުޑަކުޑަ އޮފީހެއްގައި، ޕާޓް ޓާއިމް މުވައްޒަފުންނާ އެކު އެފްއޭއެމް ހިންގި އިރަށް ވުރެ މިއަދު ހާލަތު ދަށްވުމުން، ނުހިންގުނީ ކަމަށް ގަބޫލުކުރަން ޖެހެ އެވެ.

ރާއްޖެ އަކީ، އިންޑިއާ ނަގާފައި ސަރަހައްދުގެ އެންމެ ވަރުގަދަ ގައުމެވެ. ކުޑަޔަސް، އެންމެ ފޯރިގަދަ، ވަރުގަދަ ލީގެއް އޮތީ އިހަށް ދުވަހަކާ ހަމަޔަށް ވެސް މިތަނުގަ އެވެ. ރާއްޖޭގެ އާބާދީގެ ބޮޑުބަޔަކީ ކޮންމެވެސް ސިފައެއްގައި ފުޓްބޯޅައިގައި ބައިވެރިވާ މީހުންނެވެ. ދިވެހިންގެ ގައިގައި ފުޓްބޯޅަ ލޭ ހިނގަ އެވެ. އިންޑިވިޖުއަލް ހުނަރު ރާއްޖޭގައި އެބައޮތް ކަމަށް ދުނިޔޭގެ މޮޅެތި ކޯޗުން އެބަ ބުނެ އެވެ. ސުވާލަކީ އެ ހުރިހާ ކަމަކާ އެކު ވެސް ފުޓްބޯޅަ ކުރިއަށް ނުގޮސް ބުރެކި ޖެހިފައި އޮތީ ކީއްވެ ހެއްޔެވެ؟

ރާއްޖޭގެ ފުޓްބޯޅަ ރަނގަޅުކުރެވޭނީ، މާލެ އަށް ބަރޯސާވެފައި އޮތް ލީގު މުޅި ރާއްޖެ އަށް ފުޅާވެގެންނެވެ. މާލޭގައި އޮތް އެކަޑަމީތައް ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރައިގެންނެވެ. ހުނަރުވެރި ކުޅުންތެރިންނަށް ކުޑައިރުން ފެށިގެން ތަމްރީން ދެވިގެންނެވެ. އެފްއޭއެމް އޮފީސް ދޮށަށް ނާށިގަނޑު ހިފައިގެން ދާން ނުޖެހި، ކްލަބްތަކަށް އަމިއްލަ އަށް ފައިސާ ލިބޭނެ ގޮތްތަކެއް ހޯދިގެންނެވެ. ގައުމީ ޓީމަށް ފެންވަރު ރަނގަޅު މެޗުތައް ހޯދައިދީގެންނެވެ. ޖޫނިއާ ގައުމީ ޓީމާ މެދު ވެސް އަޅާލެވިގެންނެވެ. ބޭރު ލީގު ތަކަށް ކުޅުންތެރިން ފޮނުވައިގެންނެވެ.

އެކަމަކު އެކަންކަން މިހާރުގެ މެނޭޖްމަންޓަށް ކުރެވިދާނެބާވަ އެވެ؟ ފެންނަ ފެނުމަށް ފުޓްބޯޅަ ސަޕޯޓަރުންގެ މެޖޯރިޓީގެ އިތުބާރެއް މިހާރުގެ އެފްއޭއެމް އަށް ނެތެވެ. އަސްލު މައްސަލަތައް ހައްލުނުކޮށް، އެފްއޭއެމްގެ ހިންގުން ހަރުދަނާނުކޮށް، ގައުމީ ޓީމަށް ކިތަންމެ މޮޅު ކޯޗެއް ގެނަޔަސް ނެރެވޭނެ ނަތީޖާއެއް ނޯންނާނެ އެވެ. ކުޅުންތެރިން ކަށީގެ މަދުން ހިތްވަރު ނެރުނަސް، ލިބޭނެ ކާމިޔާބެއް ނޯންނާނެ އެވެ. ބައެއް ފަހަރު އިންޑިވިޖުއަލް ހުނަރުން ތަށްޓެއް ނެގިދާނެ އެވެ. އެކަމަކު ދެމެހެއްޓެނެވި ގޮތަކަށް ފުޓްބޯޅައިން ކުރިއެރުން ހޯދޭނީ ޖުމްލަކޮށް ހުރިހާ ކަމެއް ރަނގަޅުވެގެންނެވެ.

ނޫހެއްގައި ފުޓްބޯޅައިގެ ތަޖުރިބާކާރު ލިޔުނު ކޮލަމަކާ މެދު ހިތްހަމަނުޖެހި ކްލަބްތަކުން އެ ނޫސް ބޮއިކޮޓްކުރި އިރު ދެއްކި ހިތްވަރު، އެފްއޭއެމްގެ ދޯދިޔާ މެނޭޖްމަންޓާ ދެކޮޅަށް ވެސް ދައްކަން ޖެހެ އެވެ. އެފްއޭއެމް ބަދަލުކުރުމުގެ ސަތޭކަ ޕަސެންޓް ބާރު އޮތީ ކްލަބްތަކަށެވެ.