28 ޖޫން 2023 - 13:24 0
މުހައްމަދު ޝަހްޒާން
28 ޖޫން 2023 - 13:24 0
އީދު ފެސްޓިވަލުގައި ބައިވެރިވެލެއްވުމަށް އެދި އއ. ތޮއްޑޫ ރައްޔިތުން ދެއްވި ދައުވަތު ގަބޫލު ކުރައްވައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު އެރަށަށް މިއަދު ވަޑައިގެންފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ތޮއްޑޫއަށް ވަޑައިގެންފައި ވަނީ މިއަދު މެންދުރު އެވެ. އެރަށަށް ވަޑައިގަތުމުން ރަށުގެ ރައްޔިތުން ވަނީ ރައީސްގެ ދެކަނބަލުންނަށް ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.
ތޮއްޑޫގައި މިފަހަރުގެ އީދު ވަރަށް ކުލަގަދަކޮށް ފާހަގަ ކުރުމަށް އެރަށު ކައުންސިލުން ވަނީ ނިންމާފަ އެވެ. އެގޮތުން ތިން ދުވަހަށް ބަހާލައިގެން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރޭގައި ސަގާފީ ކުޅިވަރުތަކުގެ އިތުރުން ފައިސާގެ އިނާމުތައް ހުށަހަޅާފައިވާ ފައިގަތަޅާ މުބާރާތަކާއި މަސްރޭހެއްގެ އިތުރުން ކުޑަކުދިންގެ ޝޯއަކާއި މިއުޒިކު ޝޯއެއް ވެސް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ.
އެ ހަރަކާތްތަކުގައި ބައިވެރިވުމަށް ތޮއްޑޫ ކައުންސިލުން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ދައުވަތު އެރުވި އެވެ.
ރައީސް ސޯލިހު އެ ރަށަށް ވަޑައިގެން އެންމެ ފުރަތަމަ ބައިވެރިވެލައްވާނީ ތޮއްޑޫ އަންހެނުންގެ ފަރާތުން ތައްޔާރުކޮށްފައިވާ ދިވެހި ސަގާފީ ފަރިއްކޮޅުގަ އެވެ. އެއަށްފަހު އެރަށުގައި ކުރިއަށް ގެންދާ އީދު ކުޅިވަރުތައް އެ މަނިކުފާނު ބައްލަވައިލައްވާނެ އެވެ.
ތޮއްޑޫގައި ކުރިއަށް ގެންދާ އީދު ފެސްޓިވަލުގެ ހަރަކާތްތައް ކުރިއަށް ގެންދާނީ އެ ވަގުތެއްގައި އެ ރަށުގައި ތިބޭ ހުރިހާ އެންމެން ބައިވެރިކޮށްގެން ކަމަށް އެރަށު ކައުންސިލުން މައުލޫމާތުދެ އެވެ. މިއަދު ހެނދުނު އެރަށުގައި ވަނީ ބޮޑު ޖަމާއަތުގައި ކުރި އީދު ނަމާދަށްފަހު އުޟްހިޔާ ކަތިލުމުގެ ހަރަކާތެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ.
Comment