Advertisement

ސެމީގެ ޖާގަ އަކަށް ރާއްޖެ އަށް ލެބަނަން ބަލިކުރުން ނޫން ގޮތެއް ނެތް؟

28 ޖޫން 2023 - 10:06 0

ގައުމީ ޓީމުގެ ޕްރެކްޓިހުގެ ތެރެއިން ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ސެމީގެ ޖާގަ އަކަށް ރާއްޖެ އަށް ލެބަނަން ބަލިކުރުން ނޫން ގޮތެއް ނެތް؟

28 ޖޫން 2023 - 10:06 0

ސާފް ބަންގުބަންދު ޗެމްޕިއަންޝިޕް 2023 ގެ ސެމީ ފައިނަލަށް އަމިއްލަ ބާރުގައި ދިއުމަށް ރާއްޖެ އަށް މި ވަގުތު އޮތް މަގަކީ މިއަދު ލެބަަނަން އަތުން ރަނގަޅު ނަތީޖާ އަކުން މޮޅުވެގެންނެވެ. އެ ނޫން ގޮތަކަށް ރާއްޖޭން ސެމީ އަށް ދެވެން އޮތް ނަމަވެސް އެއީ ހަަގީގަތުގައި ބަރޯސާވެވޭނެ ކަމެއްގެ ގޮތުގައި ނުބެލެވޭނެ އެވެ.

ގްރޫޕް ބީގެ ތާވަލަށް ބަލާއިރު، މި ވަގުތު އެންމެ ކުރީގައި އޮތީ ކޮންމެ ޓީމެއް ދެ މެޗު ކުޅުނުއިރު، ދެ މެޗުން ވެސް މޮޅުވެފައިވާ ލެބަނަން އެވެ. އެ ޓީމުގެ ހަ ޕޮއިންޓް އެބައޮތެވެ. ދެ ވަނައިގައި އޮތް ބަންގްލަދޭޝާއި ތިން ވަނައިގައި އޮތް ރާއްޖެ އަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ހެޑް ޓު ހެޑް އަށް ބަލާއިރު، ރާއްޖެ ކައިރިން ކުރި ލިބެނީ ބަންގްލަދޭޝް އަށެވެ. ބޫޓާނަށް އަދި ދެ މެޗުން ޕޮއިންޓެއް ނުހޯދުނަސް، އެ ޓީމަށް ވެސް ސެމީ އަށް ދާން މެތަމެޓިކަލް ހަނި ފުރުސަތެއް އެބައޮތެވެ.

އިޓަލީގެ ކޯޗު، ފްރެންޗެސްކޯ މޮރިއޭރޯގެ ކޯޗުކަމުގައި ކުޅޭ ރާއްޖެ އަށް ހިންދެމިލައިގެން އެހެން ނަތީޖާ އަކަށް ބެލުމެއް ނެތި، ސެމީ ފައިނަލަށް ދިއުމުގެ ފުރުސަތެއް އޮތީ ދުނިޔޭގެ ރޭންކިން 99 ވަނައިގައި އޮތް ލެބަނަން ތިން ގޯލުގެ ފަރަގަކުން ބަލިކޮށްގެންނެވެ. އެ ނޫން ނަތީޖާއެއް ނުކުމެއްޖެނަމަ، ޖެހޭނީ ގްރޫޕްގެ ފަހު މެޗުގައި މިރޭ ބޫޓާނާއި ބަންގްލަދޭޝް ކުޅޭ މެޗުގެ ނަތީޖާ އަށް އިންތިޒާރުކުރާށެވެ.

ރާއްޖެ އާއި ލެބަނަން އެއްވަރުވެއްޖެނަމަ، ސެމީގެ ފުރުސަތު ރާއްޖެ އަށް ލިބޭނީ ބަންގްލަދޭޝް އަށް ބޫޓާން އަތުން މޮޅުނުވެވިއްޖެނަމަ އެވެ. ރާއްޖެ އާއި ލެބަނަން އެއްވަރުވެއްޖެެނަމަ، ބޫޓާން ފަހު މެޗަށް ނުކުންނައިރު ވެސް އޮންނާނީ ކަޓައިފަ އެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ޝެޑިއުލް އާންމުކުރުމާ އެކު ވެސް ޔަގީންކޮށް ފެންނަން އޮތް ކަމަކީ ރާއްޖެ އަށް އަމިއްލަ ބާރުގައި ސެމީ އަށް ދެވޭނެ މަގަކީ ފުރަތަމަ ދެ މެޗުގައި ބޫޓާނާއި ބަންގްލަދޭޝް ކައިރިން ނަތީޖާއެއް ނެރެގެންނެވެ. ފުރަތަަމަ މެޗުގައި ބޫޓާން އަތުން އުނދަލުގުން 2-0 އިން ރާއްޖެ މޮޅުވިއިރު، ދެ ވަނަ މެޗުގައި ބަންގްލަދޭޝް އިން ވަނީ ފަހަތުން އަރައި 3-1 އިން ރާއްޖެ ބަލިކޮށްފަ އެވެ. ބަންގްލަދޭޝް މެޗުގެ ނަތީޖާ އަކީ ރާއްޖެ ޕްރެޝަރަށް ވެއްޓުނު ހިސާބެވެ. އަމުދުން އެ މެޗަށް ފަހު ކޯޗު މޮރިއޭރޯ ނޫސްވެރިންގެ ބައްދަލުވުމުގައި އުޅުނު ގޮތަކީ ވެސް ޓީމުގެ ހާލަތު ގޯސްވާން މެދުވެރިވި ސަބަބެކެވެ.

މިހާތަނަށް ސާފް ޗެމްޕިއަންޝިޕްގެ އެއްވެސް ފުޓްބޯޅަ މުބާރާތެއްގައި ރާއްޖެ އަށް ގްރޫޕް ސްޓޭޖުން މުބާރާތް ނިމިފައިނުވެ އެވެ. އެހެންކަމުން، މިއަދުގެ މެޗުގައި ރާއްޖޭން ދިފާއުކުރަން ޖެހޭ ރެކޯޑެއް ވެސް އެބައޮތެވެ.

އެފްއޭއެމް އަށް ވެސް ހާލަތުގެ ޕްރެޝަރު!

ގައުމީ ޓީމުގެ ނަތީޖާތަކާއި މި ވަގުތު ފުޓްބޯޅަ އަށް އަމާޒުވަމުން އަންނަ ފާޑުކިޔުންތަކާ އެކު، މިއީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ވެސް ޕްރެޝަރު ބޮޑު ވަގުތެކެވެ. ރާއްޖޭގެ މީޑިއާ އިން ސާފް ޗެމްޕިއަންޝިޕްގެ ކަވަރޭޖްގެ ތެރެއިން އެފްއޭއެމާއި ގައުމީ ކޯޗަށް އަމާޒުކުރަމުން އަންނަ ފާޑުކިޔުންތަކުގެ އިތުރުން މި ވަގުތު އާންމުންގެ ފަރާތުން ވެސް ރާއްޖޭގެ ފުޓްބޯޅައާ މެދު އަންނަނީ ހިތްހަމަނުޖެހުންތަކެއް ރައްދުވަމުންނެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އިއްޔެ، އެފްއޭއެމްގެ މީޑިއާ ވަޓްސަޕް ގްރޫޕް މެދުވެރިކޮށް މީޑިއާ އަށް ދިން މެސެޖެއް މެދުވެރިކޮށް ވިދާޅުވީ މީޑިއާގެ ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދަން މަޝްވަރާ ކުރުމަށް އަންނަ މަހުގެ 15 ވަނަ ދުވަހު ބައްދަލުކުރާނެ ކަމަށެވެ.

""އިންޝާ ﷲ، ޓީމު ކުރިއަށް ދާން ހިތްވަރުދެއްވާ، އަޅުގަނޑު އެދެނީ ޓީމަށްޓަކާ ތިޔަ އެންމެންގެ ހެޔޮ ދުއާ." ބައްސާމް ލިޔުއްވި މެސެޖުގައި ވެ އެވެ.

މި ހުރިހާ ކަމެއް މި ގޮތަށް ދިޔަ ކަމުގައިވިޔަސް އެންމެން ވެސް ގައުމީ ޓީމަށް އެދެނީ ކާމިޔާބަށެވެ. ޓީމުގެ ފަހަތުގައި 12 ވަނަ ކުޅުންތެރިޔާގެ ޒިންމާ އަދާކޮށް، ޓީމަށް ހިތްވަރު ދިނުމުގައި ދެމިތިބުމުގެ އަޒުމުގައި ތިބިއިރު، ފަަހަތަށް ޖެހެން އެއް ގޮތަކަށް ވެސް ބޭނުމެއް ނުވެ އެވެ.