Advertisement

މާފަރުން ފެނުނީ ގެއްލުން ދެނިވި ޖަނަވާރެއް ނޫން ކަމަށް ނިންމައިފި

27 ޖޫން 2023 - 12:39 1

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

މާފަރު އެއާޕޯޓް ސަރަހައްދުގައި ގޮތް ނޭނގޭ ޖަނަވާރެއް ހިނގާފައިދާ މަންޒަރު ހިމެނޭ ވީޑިއޯގެ ސްކްރީން ޝޮޓެއް


މާފަރުން ފެނުނީ ގެއްލުން ދެނިވި ޖަނަވާރެއް ނޫން ކަމަށް ނިންމައިފި

27 ޖޫން 2023 - 12:39 1

ނ. މާފަރު އެއާޕޯޓް ސަރަހައްދުން ފެނުނު ގޮތް ނޭނގޭ ޖަނަވާރަކީ ގެއްލުން ދެނިވި ޖަނަވާރެއް ނޫން ކަމަށް ނިންމައިފި އެވެ.

ބުޅަލަކަށް ވުރެ މާ ބޮޑުކޮށް ފެންނަ ހަތަރު ފައި ހުރި ޖަނަވާރެއް މާފަރު އެއާޕޯޓުގެ ރަންވޭ ކައިރިން ހިނގާފައިދާ ތަން ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އިއްޔެ އާންމުވި އެވެ. އެއާ ގުޅިގެން އެ ޖަނަވާރު ހޯދުމުގެ އޮޕަރޭޝަން ގެންދިޔުމަށް މިއަދު ސިފައިންގެ ފޯޖެއް ވެސް އެ ރަށެއް އެރި އެވެ.

މާފަރު ކައުންސިލުން ދެންމެއަކު ނެރުނު ބަޔާނުގައި ބުނަނީ އެމްއެންޑީއެފްގެ ސިފައިން މިހާތަނަށް ކުރި މަސައްކަތުން އެ ރަށުން މިނިކާވަގު ފަދަ ގެއްލުން ދެނިވި އަދި ރާއްޖޭގައި އާންމުކޮށް ނުފެންނަ ބާވަތުގެ އެއްވެސް ޖަނަވާރެއް ފެނިފައިނުވާ ކަމަށެވެ.

"ދައުރުވަމުންދާ ވީޑިއޯ އެނަލައިޒް ކުރުމުން ވީޑިއޯއިން ފެންނަނީ ގެއްލުން ދެނިވި ޖަނަވާރެއް ކަމަށް ނުބެލެވޭ ކަމަށް އެ ފަރާތުން މައުލޫމާތު ދެއްވާފައިވާތީ އާންމުންގެ މައުލޫމާތަށް ޓަކައި ދެންނެވީމެވެ." މާފަރު ކައުންސިލުން ނެރުނު ބަޔާނުގައިވެ އެވެ.

އެނގިފައިވާ ގޮތުގައި، އެމްއެންޑީއެފް އިން ނިންމާފައި ވަނީ ފެނުނީ ކަޅު ކުލައިގެ ބޮޑު ބުޅަލެކެވެ.

އެއީ "މިނިކާ ވަގެއް" ނުވަތަ ނުރައްކާތެރި ޖަނަވާރެއް ކަމަށް ބުނެ ބައެއް މީހުން ސޯޝަލް މީޑިއާގައި ހިޔާލުފާޅުރަމުންދާއިރު، އެ ޖަނަވާރު ރަށު ތެރެއަށް އަރައި ބަޔަކަށް ގެއްލުމެއް ދީފާނެ ކަމުގެ ބިރު އާންމުވަމުންދާ ވީޑިއޯއާ ހެދި ފެތުރުނެވެ.

އެއާޕޯޓުގެ ރަންވޭ ކައިރިން އުސް ބިމެއްގެ އޭތި ހިނގާފައިދާ މަންޒަރު ރެކޯޑު ކުރީ މާފަރު އެއާޕޯޓުގައި މަސައްކަތް ކުރާ ބޭރު މުވައްޒަފުންތަކެކެވެ. އެކަން އެމްއެންޑީއެފްއަށް ރިޕޯޓު ކުރީ އިއްޔެ އެވެ.

ރާއްޖޭގައި ދިރިނޫޅޭ ބާވަތްތަކުގެ ޖަނަވާރުތައް މީގެ ކުރިން ވެސް ބައެއް ރަށްރަށަށް ލައްގާފައި އެބަ ހުއްޓެވެ. އެކަމަކު، ކުރިން ލައްގާފައި ހުރީ މުޅިން ވެސް މޫދުގައި އުޅެވޭ، ކިނބޫ އަދި ސީލް ފަދަ ޖަނަވާރުތަކެވެ. އެގޮތަށް ލައްގާ ޖަނަވާރުތައް ގެންދަނީ ސިފައިންގެ ބެލުމުގެ ދަށަށެވެ.