Advertisement

ބިންވެރިޔާ ސްކީމުން ގޯތި ލިބޭ މީހުންގެ ލިސްޓް އާއްމުކޮށްފި

26 ޖޫން 2023 - 18:30 1

ނަޖާހު މަސްއޫދު

ނަޖާހު މަސްއޫދު

މާލޭ ސަރަހައްދުން ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓު އާންމު ކުރުމާ ބެހޭގޮތުން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަސްލަމް ވާހަކަ ދައްކަވަނީ -- ފޮޓޯ:ރައީސް އޮފީސް


ބިންވެރިޔާ ސްކީމުން ގޯތި ލިބޭ މީހުންގެ ލިސްޓް އާއްމުކޮށްފި

26 ޖޫން 2023 - 18:30 1

ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ދޫކުރާ 5000 ގޯތި ލިބޭ މީހުންގެ ލިސްޓު އާންމުކޮށްފި އެވެ.

ސަރުކާރުން ނިންމާފައި ވަނީ ހުޅުމާލޭން 1،000 ގޯތީގެ އިތުރުން، ގުޅީފަޅުން 2،000 ގޯއްޗާއި އަދި ގިރާވަރު ފަޅު ހިއްކާ އެ ބިމުން މަދުވެގެން 2,000 ގޯތި މާލޭ ރަށްވެހިންނަށް ދިނުމަށެވެ.

އެ 5000 ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓު ގެޒެޓުގައި ޝާއިއުކުރީ އެކަމާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ޕްލޭނިން މިނިސްޓްރީއިން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށްފަހު އެވެ. ލިސްޓު އާންމު ކުރުމާއެކު ގިނަ އަދަދެއްގެ ބަޔަކު އެއްފަހަރާ ގެޒެޓަށް ވަންނަން އުޅުމުން ވެބްސައިޓު ޑައުން ވެސް ވި އެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް އެދި 23،088 މީހުންގެ ފަރާތުން، 15،164 އެޕްލިކޭޝަން ހުށައަޅާފައިވެ އެވެ. ވަކިން ހުށަހެޅި މީހުންނާއި ޖޮއިންޓް ފޯމު ހުށަހެޅި މީހުންނާއެކު ލިސްޓްގައި ގޯތި ލިބޭ މީހުންގެ ތެރޭގައި 10،314 މީހުން ހިމެނެ އެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް ހުށައެޅި ފަރާތްތަކުގެ ތެރެއިން، 19،857 މީހުން ހުށައެޅި، 12،794 ފޯމު ވަނީ ޝަރުތުހަމަވެފަ އެވެ.

ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވި ގޮތުގައި، ސަރުކާރުން ނިންމާފައި ވަނީ ޝަރުތު ހަމަވި އެންމެންނަކީ ވެސް ގޯތި ލިބެން ޖެހޭ ބައެއްގެ ގޮތުގައި ބަލައިގެން ކުރިއަށްދާން ކަމަށެވެ. އަދި މުސްތަގުބަލުގައި އެ ލިސްޓަށް ބަލައިގެން ޝަރުތުހަމަވީ މީހުންނަށް ގޯތި ދިނުމުުގެ ވިސްނުން ގެންގުޅޭކަން ހާމަކުރެއްވި އެވެ.

ޝަރުތު ހަމަވާ މީހުންގެ ތެރެއިން ވަކިން ފޯމް ހުށަހެޅި މީހުންނަށް އާއިލާގެ އެހެން މީހުންނާ ގުޅިގެން ޖޮއިންޓްކޮށް ހުށަހެޅުމުގެ ފުރުސަތު ދިނުމަށް ވެސް ވަނީ ނިންމާފަ އެވެ.

އަސްލަމް ވިދާޅުވި ގޮތުގައި، މިފަހަރު ގޯތި ނުލިބޭ މީހުންނަށް އެ މީހުންނަށް ގޯތި ނުލިބޭ ސަބަބު ގެދޮރުވެރިޔާ ޕޯޓަލް މެދުވެރިކޮށް ބެލޭނެ ގޮތް ވަނީ ހަދައިފަ އެވެ.

ވަގުތީ ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު ޖުލައިމަހުގެ 15 ވަނަ ދުވަހާއި ހަމައަށް ވަނީ ހުޅުވާލާފައިފަ އެވެ. ދާއިމީ ލިސްޓު އިއުލާނު ކުރާނީ ޝަކުވާތައް ބެލުމަށްފަހު އެވެ.

ހުޅުމާލެއިން ދޭ ބިންތައް މިހާރު ސާފުކޮށްފައިވާއިރު، ގޯތި ދިނުމަށް ހަމަޖެހިފައިވާ ގުޅީފަޅު ހިއްކުމުގެ މަޝްރޫއު މިހާރު ދަނީ ކުރިއަށެވެ. އަދި, ގިރާވަރު ފަޅު ހިއްކުމަށް ވަނީ ޕްލޭންކުރެވިފަ އެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވައުދުގެ ދަށުން އަޅާ 4000 ފްލެޓު ލިބޭ މީހުންގެ ލިސްޓު ވެސް ވަރަށް އަވަހަށް އާންމު ކުރާނެ ކަމަށް މިއަދު އަސްލަމް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ފްލެޓުތައް ލިބޭ މީހުންގެ ވަގުތީ ލިސްޓު ވެސް އޮތީ އާންމު ކުރުމާ ހިސާބުގަ އެވެ. އަދި މި އަހަރުގެ ތެރޭގައި އޭގެ ތެރެއިން ގިނަ ފްލެޓުތަކަށް މީހުންނަށް ވަދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.