މެޑްރިޑް، ސްޕެއިން (މާޗް 30) - ސްޕެނިޝް ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން ރޭ ކުޅުނު މެޗުން 3-2 އިން ލެގަނޭސް އަތުން އުނދަގޫ މޮޅެއް ހޯދައިފި އެވެ.
ރެއާލް ދަނޑުގައި ކުޅުނު، މި މެޗުގެ 32 ވަނަ މިނިޓްގައި ރެއާލުން ވަނީ ގޯލު ޖަހައި، ލީޑު ނަގައިފަ އެވެ. މިއީ ލިބުނު ޕެނަލްޓީ އެއްގެ ބޭނުން ހިފައި ރެއާލްގެ ތަރި ކީލިއަން އެމްބާޕޭ ޖެހި ގޯލެކެވެ. އެކަމަކު، އޭގެ މިނިޓެއް ފަހުން ލެގަނޭސްގެ ޑިއެގޯ ގާސިއާ ގޯލު ޖަހައި ނަތީޖާ ހަމަހަމަ ކުރި އެވެ.
އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ލެގަނޭސްގެ ޑެނިއަލް ރަބާ ވަނީ ގޯލު ޖަހައި އެ ޓީމަށް ލީޑު ނަގާދީފަ އެވެ.
އެކަމަކު، ދެ ވަނަ ހާފުގައި ރެއާލުން ވަނީ އެ ޓީމުގެ އެޓޭކުތައް ވަރުގަދަކޮށްފަ އެވެ. އެ ގޮތުން މެޗުގެ 47 ވަނަ މިނިޓްގައި ޖޫޑް ބެލިންހަމް ވަނީ ގޯލު ޖަހައި، ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. މިއީ، އޭރިއާ ތެރެއިން ރެއާލްގެ ބްރަހިމް ޑިއާޒް ފޮނުވާލި ހަމަލާ އެއް ލެގަނޭސްގެ ޑިފެންޑަރު ކްލިއާ ކުރިވަގުތު ދަނޑީގައި ޖެހިފައި ނުކުތް ވަގުތު ބެލިންހަމް އެއްފަހަރުން ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.
އަދި، މެޗުގެ 76 ވަނަ މިނިޓްގައި އެމްބާޕޭ ވަނީ އިތުރު ގޯލެއް ޖަހައި އެ ޓީމަށް އަލުން ލީޑު ނަގައިދީފަ އެވެ. މިއީ ހިލޭ ޖެހުމަކުން އެމްބާޕޭ ޖެހި ގޯލެކެވެ. އަނެއްކޮޅުން، މިއީ ޕްރޮފެޝަނަލް ކެރިއަރުގައި އެމްބާޕޭ ކާމިޔާބުކުރި ފުރަތަމަ ހިލޭ ޖެހުމެވެ.
މި ނަތީޖާއާ އެކު ރެއާލުން ސްޕެނިޝް ލީގުގެ ދެ ވަނައިގައި އޮތީ އެއް މެޗު އިތުރަށް ކުޅެ 63 ޕޮއިންޓް ހޯދައިގެންނެވެ. އެއް ވަނައިގައި އޮތް ބާސެލޯނާ އަށް އެއް މެޗު މަދުން ކުޅެ 63 ޕޮއިންޓް ލިބިފައިވެ އެވެ. ބާސެލޯނާ އަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment