Advertisement

"ޗެތުރީ ކޮންމެ މެޗެއް ވެސް ކުޅެން ބޭނުންވޭ"

25 ޖޫން 2023 - 11:39 0

ބެންގަލޫރު، އިންޑިއާ

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

ރޭގެ މެޗަށް ފަހު އިންޑިއާ ގައުމީ ޓީމުގެ ޗެތުރީ (މ) އެ ޓީމުގެ އެހެން ކުޅުންތެރިންނާ އެކު.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


"ޗެތުރީ ކޮންމެ މެޗެއް ވެސް ކުޅެން ބޭނުންވޭ"

25 ޖޫން 2023 - 11:39 0

ބެންގަލޫރު، އިންޑިއާ

ސާފް ބަންގުބަންދު ޗެމްޕިއަންޝިޕްގައި ރޭ އިންޑިއާ އިން ނޭޕާލާ ދެކޮޅަށް ކުޅުނު މެޗުގައި އަށް ބަދަލެއް ފުރަތަަމަ އެގާރަ އަށް ގެނައިއިރު، އެ ޓީމުގެ ކެޕްޓަން، 38 އަހަރުގެ ސުނިލް ޗެތުރީ ކުޅުވީ، އޭނާ އަކީ ފިޓްކޮށް ހުންނައިރު ކޮންމެ މެޗެއް ވެސް ކުޅެން ބޭނުންވާ ކުޅުންތެރިއަކަށްވާތީ ކަމަށް އިންޑިއާގެ އެސިސްޓަންޓް ކޯޗު މަހޭޝް ގޯލީ ބުނެފި އެވެ.

އިންޑިއާ އިން މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ކުޅުނު ފުރަތަމަ މެޗުގައި ޕާކިސްތާން އަތުން 4-0 އިން މޮޅުވި މެޗަށް ނެރުނު ފުރަތަމަ އެގާރަ އަށް ވަނީ ރޭ ނޭޕާލާ ކުޅުނުއިރު، އަށް ބަދަލެއް ގެނެސްފަ އެވެ.

ރޭ ނޭޕާލް އަތުން އިންޑިއާ 2-0 އިން މޮޅުވި މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ގޯލީ ބުނީ ފުރަތަމަ އެގާރަ އަށް 8 ބަދަލު ގެންނަން ޖެހުނީ 10 ދުވަސްތެރޭ ގިނަ އަދަދެއްގެ މެޗުތަކެއް އެއް ކުޅުންތެރިންތަކެއް ކުޅެފައިވާތީ އާ ކުޅުންތެރިން ބޭނުންކުރަން ކަމަށެވެ.

ގޯލީގެ އެ ވާހަކައާ އެކު، ނޫސްވެރިއަކު ސުވާލުކުރީ ޗެތުރީ ވެސް ހުރިހާ މެޗެއްގައި ކުޅެމުން އަންނައިރު، އޭނާ ބަދަލަކަށް ބޭނުންނުކުރީ ކީއްވެތޯ އެވެ.

"ސުނިލް (ޗެތުރީ) ބޭނުންވޭ ކޮންމެ މެޗެއް ވެސް ކުޅެން، އޭނަ އެ ހުރީ ވަރަށް ފިޓްކޮށް، އޭނަ ކުޅެން ބޭނުންވިއްޔާ އަހަރެމެން އަބަދުވެސް އެ ފުރުސަތު ދެން، އެ ލީޑަޝިޕް ޓީމަށް ވަރަށް މުހިންމު،" ގޯލީ ބުންޏެވެ.

އިންޑިއާގެ އެސިސްޓަންޓް ކޯޗު ގޯލީ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ޗެތުރީ އަކީ މި ފަހަރުގެ މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އެވެ. އެންމެ ފަހުން ސާފް ޗެމްޕިއަންޝިޕްގެ ވެސް އެންމެ ގިނަ ގޯލު ޖަހައިގެން ރަން ބޫޓު ހޯދި ޗެތުރީ މި ފަހަރުގެ މުބާރާތުގައި ވަނީ ހަތަރު ގޯލު ޖަހައިފަ އެވެ. ކުރިން ފަހަރު ޗެތުރީ ވަނީ ފަސް ގޯލު ޖަހައިފަ އެެވެ.

ޗެތުރީ ވަނީ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތްތަކުގައި ޖުމްލަ އެކު، 22 ގޯލު ހަމަކޮށްފަ އެވެ. ސާފް މުބާރާތްތަކުގައި އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑް އޮތީ ރާއްޖޭގެ ތަރި، އަލީ އަޝްފާގު (ދަގަނޑޭ) އަތުގަ އެވެ. ދަގަނޑޭ ވަނީ ސާފް މުބާރާތްތަކުގައި 23 ލަނޑު ޖަހައިފަ އެވެ.

އިންޑިއާ ގައުމީ ޓީމަށް ކުޅެދިން 131 މެޗުން ޗެތުރީ ވަނީ 91 ގޯލު ޖަހައިފަ އެވެ.

އިންޑިއާ ޓީމުގެ ފަރާތުން ގޯލީ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވަނީ ޕާކިސްތާން މެޗުގައި އިންޑިއާގެ ހެޑް ކޯޗު، އީގޯ ސްޓިމަކް އަށް ރަތް ކާޑު ދެއްކުމުން އެއް މެޗުގެ ސަސްޕެންޝަނެއްގައި ހުރުމުންނެވެ.

ނޭޕާލުން ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ވަރަށް މޮޅަށް ކުޅުނު ކަމަށް ގޯލީ ވެސް އެއްބަސްވި އެވެ. އިންޑިއާ އަށް ފުރަތަމަ ހާފުގައި ކުޅެލަން ނުލިބުނު ކަމުގައި ވިޔަސް ދެ ވަނަ ހާފުގައި މެޗު ޑޮމިނޭޓްކުރި ކަމަށް ގޯލީ ބުނެފައިވެ އެެވެ.

ރޭގެ މެޗު އިންޑިއާގެ ކޮންޓްރޯލުގެ ދަށަށް ގެނައީ ޗެތުރީ ޖެހި ގޯލުން ކަމަށާއި އެ ގޯލު ޖަހަން ފުރުސަތު ތަނަަވަސްކޮށްދިން މަހޭޝް ސިންގް އަކީ އިންޑިއާ ފުޓްބޯޅައިގެ މުސްތަގުބަލު އުޖާލާ ކުޅުންތެރިއެއް ކަމަށް ގޯލީ ވަނީ ފާހަގަކޮށްފަ އެވެ.

ގްރޫޕްގެ ފަހު މެޗުގައި އަންގާރަ ދުވަހު ކުވެއިތާ ދެކޮޅަށް ކުޅޭ މެޗަށް ޓީމަށް ބަދަލު ގެންނާނީ ކިހާވަރަކަށްތޯ އެހުމުން ގޯލީ ބުނީ އެ އަށް ވިސްނާނީ މިއަދު އޮންނަ ރިކަވަރީ ސެޝަނަށް ފަހު ކަމަށެވެ. ކުވެއިތާއި އިންޑިއާ ސެމީ ފައިނަލަށް ގޮސްފައިވާއިރު، އެ ދެ ޓީމު ބައްދަލުކުރާ މެޗު ދެން މުހިންމުވާނީ ގްރޫޕްގެ އެއް ވަނަ ކަނޑައެޅުމަށެވެ.