Advertisement

ދާދުގެ ގައުމީ ޓީމު ކެރިއަރުގައި ސާފް ޗެމްޕިއަންޝިޕް ހާއްސަ

25 ޖޫން 2023 - 08:01 0

ބެންގަލޫރު، އިންޑިއާ

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

ގައުމީ ޓީމުގެ ފޯވާޑް ނާއިޒު ހަސަން (ދާދު): ސާފް ޗެމްޕިއަންޝިޕްތަކުގައި މޮޅު ކުޅުމެއް ދައްކާފައިވޭ.--


ދާދުގެ ގައުމީ ޓީމު ކެރިއަރުގައި ސާފް ޗެމްޕިއަންޝިޕް ހާއްސަ

25 ޖޫން 2023 - 08:01 0

ބެންގަލޫރު، އިންޑިއާ

މީގެ ހަތް ވަރަކަށް އަހަރު ކުރިން، އިންޑިއާގެ ޓްރިވެންޑްރަމްގައި 2015 ވަނަ އަހަރު ޑިސެމްބަރު މަހު، ބޭއްވި ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ދެ ވަނަ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދިޔައިރު، ބަންގްލަދޭޝާއި ރާއްޖެ އޮތީ 1-1 އިން އެއްވަރުވެފަ އެވެ. އެ ވަގުތު، އެ މެޗުގެ ނަތީޖާ ރާއްޖެ ކޮޅަށް އަނބުރާލުމުގެ ތަފާތަކަށްވީ ބަދަލަކަށް ކުޅެން އެރި ނާއިޒު ހަސަން (ދާދު) އެވެ. ދާދު ޖެހި ހިތްގައިމު ގޯލުން ރާއްޖެ ލީޑުނަގައި، ފަހުން އިތުރު ގޯލެއް ޖަހައި ބަންގްލަދޭޝް އަތުން 3-1 އިން މޮޅުވީ އެވެ.

އެއީ، ގައުމީ ފުޓްބޯޅަ ޓީމެއްގައި ދާދުގެ ފުރަތަމަ ފެނިލުމެވެ.

ދާދު، 27، އެ ފަހުން ވަނީ ދެ ސާފް ޗެމްޕިއަންޝިޕްގައި ކުޅެފަ އެވެ. އެއީ 2018 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި ސާފް ޗެމްޕިއަންޝިޕާއި 2021 ވަނަ އަހަރު މާލޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގަ އެވެ. އެ ގޮތުން، 2018 ވަނަ އަހަރު ރާއްޖޭން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު، ފައިނަލް މެޗުގައި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)ގެ ގޯލަށް ފުރުސަތު ތަނަވަސްކޮށްދިނީ ދާދު އެވެ. އަދި އެންމެ ފަހުން، 2021 ވަނަ އަހަރުގެ ސާފްގައި ބަންގްލަދޭޝް އަތުން ރާއްޖެ މޮޅުވި މެޗުގައި އަލީ އަޝްފާގު (ދަގަނޑޭ) ޖެހި ޕެނަލްޓީ ހޯދައިދިނީ ދާދު އެވެ.

2015 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ބަދަލަަކަށް ކުޅެން އަރައި، ދާދު ބަންގްލަދޭޝް ކޮޅަށް ގޯލު ޖަހަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ


"ސާފް ޗެމްޕިއަންޝިޕް މުބާރާތް އަބަދުވެސް ހާއްސަ. އެއީ، މި މުބާރާތް އަބަދުވެސް ވަރަށް ގިނަ ބަޔަކު ބަލާތީ، ގައުމީ ޓީމަށް ވެސް މުހިންމު މުބާރާތަކަށް ވެފައި އޮންނަނީ،" ސީނިއާ ގައުމީ ޓީމަށް 10 ގޯލު ޖަހައިދީފައިވާ ދާދު، "އަދަދު" އަށް ބުންޏެވެ.

އިންޑިއާގެ ބެންގަލޫރުގައި މިހާރު ކުރިއަށްދާ ސާފް ބަންގުބަންދު ޗެމްޕިއަންޝިޕްގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި ބޫޓާން އަތުން 2-0 އިން މޮޅުވިއިރު، ރާއްޖޭގެ ދެ ވަނަ ގޯލު ޖެހީ ބަދަލަކަށް ކުޅެން އަަރައި ދާދު އެވެ.

ބޫޓާން މެޗުގެ ފަހު ވިއްސަކަށް މިނިޓަށް ކުޅެން އެރި ދާދު މެދުވެރިވެގެން ރާއްޖޭން ގޯލު ޖެހުމުގެ އިތުރުން ވަނީ ނުރައްކާތެރި ތިން އެޓޭކެއް ކޮށްފަ އެވެ. އެއީ، ދާދު އޭރިއާތެރެއަށް ބޯޅަ ހިފައިގެން ވަދެ، ނެގި ދެ ހުރަހަކުން ތަނަވަސްކުރި ދެ ފުރުސަތުގެ އިތުރުން ދާދު ޖެހި ޝޮޓެއް ބޫޓާންގެ ކީޕަރު ޝެރިން ޑެންޑަޕް މަތަކުރީ އެވެ.

ދާދު ލަނޑު ޖެހީ އިބްރާހިމް އައިސަމް ދިން ހިތްގައިމު ޕާހަކަށް އަރައި، ކީޕަރު ޑެންޑަޕް ކައިރިން ނައްޓާފައި ގޮހެވެ.

ސާފް ޗެމްޕިއަންޝިޕްގައި މިއަދު މެންދުރު ފަހު ތިނެއް ޖަހާއިރު، ރާއްޖެ އާއި ބަންގްލަދޭޝް ބައްދަލުކުރާ މެޗަށް ނުކުންނައިރު، ބަންގްލަދޭޝްގެ ކޯޗު ހަވިއޭ ކަބްރޭރާ އެންމެ ބޮޑަށް ސަމާލުވާނެ ކުޅުންތެރިންގެ ނަންތައް ހާމަކުރިއިރު، އޭގެ ތެރޭގައި ދާދުގެ ނަން ހިމެނެ އެވެ.