23 ޖޫން 2023 - 09:54 0
އަހުމަދު އާއިދު
ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ގުޅޭގޮތުން އީސީއިން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން: ލޯފަން މީހުންނަށް އަމިއްލައަށް ވޯޓުލެވޭ ގޮތް ހަދަން ގެނައި އިސްލާހަށް އަމަލުކުރުމަށް އީސީ އޮތީ ތައްޔާރަށް - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު
23 ޖޫން 2023 - 09:54 0
ފެނުމުން މަހުރޫމުވެފައިވާ މީހުންނަށް އަމިއްލައަށް ވޯޓު ކަރުދާހުގައި ފާހަގަޖެހޭ ގޮތް ހަދަން އާންމު އިންތިހާބުތަކާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކުރުމުން، ކުރަން ޖެހޭ މަސައްކަތްތަކަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އޮތީ ތައްޔާރަށް ކަމަށް އެ ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވެއްޖެ އެވެ.
މި އަހަރު ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ތަސްދީގުކުރެއްވުމާ ގުޅިގެން ހަބީބު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިސްލާހަކީ އިންތިހާބީ ނިޒާމަށް ލިބުނު ވަރަށްބޮޑު ކުރިއެރުމެއް ކަަމަށާއި މިކަމާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކަށް އީސީ ތައްޔާރުވެފައިވާ ކަމަށެވެ.
އެ އިސްލާހަށް ފުރަތަމަ އަމަލުކުރާނީ އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގަ އެވެ.
"ހާއްސަ ޓެމްޕްލޭޓެއް ބޭނުން ކޮށްގެން، ފެނުމުން މަހްރޫމްވެފައިވާ މީހުން އަމިއްލަ އަށް ވޯޓުލުމަށްޓަކައި، އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް މިއަދު ގެނެވުނު އިސްލާހަކީ، ހަމަހަމަ ކަމާއެކު ވޯޓުދިނުމުގެ ހައްގު އަދާކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ" ހަބީބު އިތުރަށް ލިޔުއްވާފައިވެ އެވެ.
އެ އިސްލާހާއެކު އެކަމަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ގުޅުންހުރި މުއައްސަސާތަކާ އެކު އެ ކޮމިޝަނުން މިހާރު މަޝްވަރާތައް ފަށާފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ގާނޫނަށް ޖޫން 19، ގައި ގެނައި އިސްލާހުގައި ބުނެފައި ވަނީ ލޯފަން މީހުން އެހެން މީހެއްގެ އެހީތެރިކަމާ ނުލައި ވޯޓު ކަރުދާހުގައި ފާހަގަޖަހަން ބޭނުންވާ ނަމަ އެކަމަށް ބޭނުންވާ ޓެމްޕްލޭޓެއް މެދުވެރިކޮށް އެ މަގު ފަހިކޮށްދޭންޖެހޭނެ ކަމަށެވެ.
އެއިރުން އެފަދަ މީހުންނަށް އިލެކްޝަންސް ކޮމިޝަނުން ދޭނީ ކަރުދާހުގެ މަތީގައި ބައިންދާ ނުވަަތަ ކަރުދާސް އެއަށް ލައްވާ، އެތެރެ ފެންނަ ވަސީލަތެކެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment