Advertisement

ނޭމާ އެއް މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފާނެ

23 ޖޫން 2023 - 08:32 0


ނޭމާ އެއް މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފާނެ

23 ޖޫން 2023 - 08:32 0

ރިއޯ ޑި ޖަނެއިރޯ، ބްރެޒިލް (ޖޫން 23) - ބްރެޒިލްގެ ރިއޯ ޑި ޖަނެއިރޯގައި ނޭމާ އަޅާ ގެޔެއްގެ މައްސަލައިގައި އޭނާ އަށް އެއް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް އައުމުގެ ފުރުސަތު ބޮޑުވެއްޖެ އެވެ.

ބްރެޒިލްގެ ތިމާވެށްޓާ ބެހޭ އިދާރާއިން ނޭމާއާ ދެކޮޅަށް ފިޔަވަޅު އަޅަން އެދިފައިވަނީ ރިއޯ ޑި ޖަނެއިރޯގައި ނޭމާ ގެޔެއް އަޅާއިރު، ރަސްމީ ގޮތުން ހޯދަން ޖެހޭ ހުއްދަތަށް ނުހޯދައި، ތިމާވެއްޓަށް ގެއްލުންވާ ގޮތަށް ގިނަ ކަންކަން ކުރަމުން އަންނާތީ އެވެ.

ބްރެޒިލްގެ ތިމާވެށީގެ ކަންކަން ބަލަހައްޓާ އިދާރާއިން ބުނެފައިވަނީ ނޭމާގެ ނަންމަތީގައި އޮތް 2.5 އޭކަރުގެ ބިމެއްގައި ގެޔެއް އަޅާއިރު، އެ ސަރަހައްދުގައި ސަރުކާރުން ގާއިމްކޮށްފައިވާ އެކިއެކި އިންފްރާސްޓްރަކްޗާ އަށް ގެއްލުން ދެމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެ ގޮތުން އެ ސަރަހައްދުގެ ނަރުދަމާ ނިޒާމާއި، ސާފު ބޯފެން ފޯރުކޮށްދޭން އަޅާފައިވާ ފެން ހޮޅިތަކަށް ގެއްލުންވާ ގޮތަށް ނޭމާގެ މި ގެ އިމާރާތް ކުރަން ހަވާލުވެފައިވާ ކުންފުނިން އަމަލުކުރާތަން ފެންނަ ވީޑިއޯތަކެއް އަންނަނީ ދައުރުވަމުންނެެވެ.

ލިބިފައިވާ ގެއްލުންތަކުގެ އިންސްޕެކްޝަން ކުރިއަށްގެންދަން މިހާރު ނޭމާގެ ގޭގެ މަސައްކަތް މަޑުޖައްސާލަން ރަސްމީ އިދާރާތަކުން އަންގާފައިވާއިރު، އެ މައްސަލައިގައި ނޭމާގެ މައްޗަށް އަންނަ ޖޫރިމަނާ އެއް މިލިއަން ޑޮލަރަށް އެރުމުގެ ފުރުސަތު އެބައޮތެވެ.

މިއީ، ނޭމާ 2016 ވަނަ އަހަރު ގަތް ބިމެކެވެ. މި ބިމުގައި "ގަނޑުވަރެއް"ގެ ގޮތުގައި ނޭމާ އަޅާ ގޭގައި ޒަމާނީ ގިނަ ކަންތައްތަކެއް ފުރިހަމަވާ ގޮތަށް ވަނީ ހިމަނައިފަ އެވެ. މިއީ ބްރެޒިލްގައި މިހާތަނަށް އެޅޭ އެންމެ އަގުބޮޑު ގެޔަށް ވުމުގެ ފުރުސަތު ބޮޑުކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.