ރާއްޖެ އަކީ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތްތަކުގައި ވަރުގަދަ ޓީމެކޭ ބުނާތީ އެއީ ވެސް ކުޅުންތެރިންނާއި ކޯޗަށް ވެސް އޮންނަ ޕްރެޝަރެއް ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯ ބުނެފި އެވެ.
ބެންގަލޫރުގައި މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ބޫޓާން އަތުން 2-0 އިން ރާއްޖެ ވަނީ މޮޅުވެފަ އެވެ. މި މެޗުގެ ފަސް ވަނަ މިނިޓްގައި ހަމްޒާ މުހައްމަދު (ހަމްޕު)ގެ ޕެނަލްޓީން ރާއްޖޭން ލީޑުނެގިއިރު، ރާއްޖޭން ދެ ވަނަ ގޯލު ޖެހީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނިޓަށް ވެފައި އޮއްވަ އެވެ. މި ލަނޑު ޖެހީ ބަދަލަަކަށް ކުޅެން އެރި، ނާއިޒު ހަސަން (ދާދު) އެވެ.
މި މެޗުގެ ބޮޑުބައި ރާއްޖޭން ކުޅުނީ ޕްރެޝަރުގަ އެވެ. ބޫޓާންގެ ކޯޗު ޕެމާ ޑޯޖީ ވެސް ވަނީ އެ ޓީމުން މެޗު ޑޮމިނޭޓްކުރި ކަމަށް ބުނެފަ އެވެ.
މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މިއީ ރާއްޖެ އަށް ނަސީބުން ލިބުނު މޮޅެއްތޯ އެހުމުން މޮރިއޭރޯ އެ އަށް ސީދާ ޖަވާބެއް ނުދެ އެވެ.
"އަހަރެމެން ރަސްމީ ވާދަވެރި މެޗެއް ނުކުޅެ މާ ގިނަ ދުވަސްވީ، ފުޓްބޯޅަ ނުކުޅެ ހޮލިޑޭގައި ވެސް ތިބެފި. ދެން މި މެޗުގައި އަހަރެމެން މޮޅުވެއްޖެ، އެ ކަމަށް އުފާވޭ، އެކަމަކު، މެޗުގައި ކުޅުމާ ދެން ހުރި ކަންތައްތައް ބަލާއިރު ހިތްހަމައެއްނުޖެހޭ. ދެން މިސް ޕާސްތައް ވެސް ގިނަ، ދެން އަހަންނަށް ހެދުނު މިސްޓޭކެއް އެއީ މެޗެއް ނުކުޅެ ޕާސްކޮށްގެން ކުޅެވޭނެ ކަމަށް ދެކުމަކީ. ދަނޑު ވެސް އޮތީ ރަނގަޅު ހާލަތުގައެއް ނޫން،" މޮރިއޭރޯ ބުންޏެވެ.
"ރާއްޖެ މޮޅޭ، މޮޅު ޓީމެކޭ ބުނާތީ އެއީ ވެސް ޕްރެޝަރެއް، ކޯޗަށް ވެސް ޕްރެޝަރެއް، ދެން ކުޅުންތެރިންނަށް ފުރަތަމަ މެޗު ވީމަ އެއީ ވެސް ޕްރެޝަރު އޮންނާނެ ކަމެއް. މިއީ ވެސް އޮތް ކަމެއް،"
މޮރިއޭރޯ ބުނީ ގްރޫޕް ބީގައި މިއަދު ހަވީރު ކުޅުނު މެޗުގައި ލެބަނަން އިން ފަހު ވަގުތު ދެ ގޯލު ޖަހައިގެން 2-0 އިން ބަންގްލަދޭޝް އަތުން މޮޅުވިއިރު، އެ މެޗު ބެލި ކަމަށާއި އޭގެއިން އެގޭ ކަމަކީ ރޭންކިިން އަށް ބަލައިގެން މި މުބާރާތުގެ ގޮތެއް ނުނިންމޭނެ ކަމަށެވެ.
"އަހަންނަކަށް ނުފެނޭ ސާފްގައި ވެސް މިހާރު ރޭންކިން އެއް، ވަކި ރޭންކިން އެއްގައި އޮވެގެން މީގެ މޮޅެއް ނުވޭ. ކޮންމެ ޓީމެއްގައި ވެސް ތަފާތު ހިތްވަރެއް އެބަހުރޭ، ބަންގްލަދޭޝް އިން މިއަދު ލެބަނަންއާ އެކު އެ ދެއްކީ މޮޅު ކުޅުމެއް، އެއީ ވެސް ހެއްކެއް، ބޫޓާނުން މި މެޗުގައި މޮޅަށް ކުޅުނު،" ބޫޓާނުން މިރޭގެ މެޗުގައި ރާއްޖެ އަށް ޕްރެޝަރު ކޮށް ދެއްކި ކުޅުމަށް އިޝާރާތްކޮށް މޮރިއޭރޯ ބުންޏެވެ.
އެފްއޭއެމް އިން މުބާރާތަށް ކަނޑައެޅި ޓާގެޓަކީ ތަށި ހޯދުމެވެ. އެކަމަކު، މޮރިއޭރޯ އަށް ޓާގެޓާ މެދު އޮތް ވިސްނުމަކީ ޒުވާން ކުޅުންތެރިން ގޮވައިގެން ޓީމެއް ތައްޔާރުކުރުން ކަމަށް މުބާރާތުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވެ އެވެ. މިރޭގެ މެޗަށް ފަހު ޓާގެޓާ ބެހޭގޮތުން މޮރިއޭރޯ ބުނީ "ވަރުގަދަ" ކޮށް ޓާގެޓް އެބައޮތް ކަމަށެވެ.
މޮރިއޭރޯ ބުނީ ރާއްޖެ އަށް ކުރިއަށް ހުރި މެޗުތަކުގައި ސަމާލުވާން ޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށާއި ޕްލޭނަކާ އެކު ރަނގަޅު ކުރަން ޖެހޭ ކަންތައްތަކަށް ފޯކަސް ކޮށްގެން ކުރިއަށްދާނެ ކަމަށެވެ.
މިރޭގެ މެޗުގެ ފަހު ވަގުތުގައި ރާއްޖޭގެ ހަސަން ރާއިފް އަހުމަދު (ހަންނަ) އަށް ދެ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކިއިރު ދެން އޮތް މެޗަށް އޭނާ ސަސްޕެންޑްވާނެ އެވެ.
މޮރިއޭރޯ ބުނީ ހަންނަ އަށް އެ ދެއްކި ރަތް ކާޑަކީ ތަޖުރިބާ މަދުވުމުން ލިބުނު ކާޑެއް ކަމަށެވެ. ކުރިއަށް އޮތް މެޗުގައި ހަންނަ އަށް ނުކުޅެވުނު ކަމުގައި ވިޔަސް އެ މަގާމަށް ކުޅެވޭނެ އެޓޭކިން ކުޅުންތެރިން އެބަތިބި ކަމަށް މޮރިއޭރޯ ވަނީ ބުނެފަ އެވެ.
ރާއްޖޭން ދެން އޮތް މެޗުގައި އަންނަ އާދިއްތަ ދުވަހު ނުކުންނާނީ ބަންގްލަދޭޝާ ދެކޮޅަށެވެ.
Comment