22 ޖޫން 2023 - 14:07 0
މުހައްމަދު ނަސީމް
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ކުރިން ބޭއްވި މީޑިއާބްރީފިންއެއްގައި ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު ވާހަކަ ދައްކަވަނީ. ފޮޓޯ:މުހައްމަދު ޝާބިން/އަދަދު
22 ޖޫން 2023 - 14:07 0
ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރު ނިމުނު އިރު، މުހިންމު ބައެއް ކަންތައްތައް ނުނިމި ހުރުމުން، ދައުރުން ބޭރު ޖަލްސާއެއް ބާއްވަން ހުށަހަޅަން މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީން ހުށަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު ވިދާޅުވީ މަޖިލީހުގެ 29 މެމްބަރަކު ސޮއިކުރައްވައި، ދައުރުން ބޭރު ޖަލްސާއެއް ބާއްވަން މިހާރު ހުށަހަޅާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ މަޖިލީހުގެ ދައުރު ނިމުނުކަން ރިޔާސަތުން މިއަދު އިއުލާނުކުރުމުން، މަޖިލިސް ކުރިއަށް ގެންދަން ދެން ކުރެވެން އޮތް ކަމަކީ ދައުރުން ބޭރު ޖަލްސާއަކަށް އެދުން ކަމަށެވެ.
"މިއަދު ޕީޖީ ގްރޫޕުން އެއްބަސްވެފައި ވަނީ މަޖިލީހުގެ ގަވައިދުގެ 45 ވަނަ މާއްދާގެ ރ. ގެ ދަށުން، ދައުރުން ބޭރު ޖަލްސާއެއް [ބާއްވަން އެދެން]. ޖަލްސާތަކެއް ބޭއްވޭނެ ގޮތަށް އެމާއްދާގައި މި ބުނަނީ މަޖިލީހުގެ ތިންބައިކުޅަ އެއްބައި އަގުލަބިއްޔަތުން ހުށަހަޅައިފިއްޔާ 14 ދުވަހުގެ ތެރޭގައި އެ ޖަލްސާ ބާއްވަން ޖެހޭނެ،" މުހައްމަދު ވިދާޅުވި އެވެ.
މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރު މިއަދު ނިމުނީ މިދައުރު ދަންމައިލަން އެދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން އިއްޔެ އެދުނެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓަވަން ނަޝީދު އުޒުރުވެރިވެވަޑައިގެންނެވި ޔަސް، މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދެވޭނެ ގޮތް، މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާގެ ހ. ގެ ދަށުން ހެއްދެވުމަކީ އެމަނިކުފާނުގެ ޒިންމާއެއް ކަމަށެވެ.
އެހެން ނަމަވެސް މަޖިލީހުގެ ޖަލްސާތައް ނުބާއްވަވައި ހުންނަވާފައި ޖޫން 22، 2023 ގައި (މިއަދު) ޖަލްސާއެއް ބާއްވަން ނިންމަވައި ހަަމަ އެކަނި މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ސިޔާސީ ޕާޓީތަކުގެ މެމްބަރުންނާއި ވަކި ޕާޓީއަކަށް ނިސްބަތްނުވާ މެމްބަރުން ހިމެނޭނެނެ ގޮތް ކަނޑައެޅުމުގެ މައްސަލަ އެޖެންޑާ ކުރުމަކީ އަސް ލަމް ވިދާޅުވި ގޮތުގައި މަޖިލީހުގެ ގަވައިދާ ހިލާފަށް ނަޝީދު ކުރެއްވި ކަމެކެވެ.
އެހެން ނަމަވެސް އެ ހުށަހެޅުމަށް ނަޝީދު އެއްވެސް އިޖާބައެއް ނުދެއްވަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment