Advertisement

ސްޕެޝަލް އޮލިމްޕިކްސް އިން ރާއްޖޭގެ ޒާނާ ބްރޯންޒް މެޑަލް ހޯދައިފި

21 ޖޫން 2023 - 13:54 0

ޖަރުމަންގެ ބާލިންގައި މިހާރު ކުރިއަށްދާ ސްޕެޝަލް އޮލިމްޕިކްސް ވޯލްޑް ގޭމްސް އިން ލޯ މެޑަލް ހޯދި ރާއްޖޭގެ ޒާނާ.-- ފޮޓޯ: ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްްސް


ސްޕެޝަލް އޮލިމްޕިކްސް އިން ރާއްޖޭގެ ޒާނާ ބްރޯންޒް މެޑަލް ހޯދައިފި

21 ޖޫން 2023 - 13:54 0

ޖަރުމަންގެ ބާލިންގައި މިހާރު ކުރިއަށްދާ ސްޕެޝަލް އޮލިމްޕިކްސް ވޯލްޑް ގޭމްސްގައި ރާއްޖޭގެ ޒާނާ އަލީ ޝަރީފް ބްރޯންޒް މެޑަލް ހޯދައިފި އެވެ.

މި މަހުގެ 17 އިން ފެށިގެން 25 ޖޫންގެ ނިޔަލަށް ކުރިއަށްދާ ސްޕެޝަލް އޮލިމްޕިކްސްގެ ވޯލްޑް ގޭމްސް އިން ޒާނާ ބްރޯންޒް މެޑަލް ހޯދީ ލެވެލް ސީ - ޑިވިޝަން އެފްއޯ3 ކެޓަގަރީގެ 200 މީޓަރު ދުވުމުންނެވެ.

ފައިނަލް ހީޓު ފެށިތަނުން ޒާނާ ވެއްޓުނު ނަމަވެސް އިތުރު ހިތްވަރެއްލާ އޭނާ ވަނީ ރޭސް ފުރިހަމަކޮށް މެޑަލް ހޯދާފަ އެވެ.

މި ފަހަރުގެ ގޭމްސްގައި ވާދަކުރާ ރާއްޖޭގެ އެތުލީޓުން އަންނަނީ ރަނގަޅު ނަތީޖާތަކެއް ހޯދަމުންނެވެ. މިގޮތުން ސްޓޭންޑިން ލޯންގްޖަމްޕުގެ ފައިނަލަށް ހަސަން ސުޖޫދު ނާޝިދު ދަތުރުކުރިއިރު، 100 މީޓަރު ދުވުމުގެ ފައިނަލުން ޒާނާ ޖާގަ ހޯދި އެވެ. އަދި 200 މީޓަރު ދުވުމުގެ ފައިނަލް ހީޓުގައި ވާދަކޮށް އައިޝަތު ލައިކާ ހަސަން ފަސް ވަނަ ހޯދި އެވެ.

މި ފަހަރުގެ މުބާރާތުގެ އެތުލެޓިކްސްގެ އިތުރުން ބެޑްމިންޓަންގައި ވެސް ރާއްޖެ އިން ވާދަކުރެ އެވެ. މި ގޮތުން ބެޑްމިންޓަންގައި ރާއްޖެ ތަމްސީލްކުރަނީ އައިޝަތު މާނިޔާ އާދަމް އެވެ. މާނިޔާ ވަނީ މުބާރާތުގައި އޭނާ ކުޅުނު މެޗުތަކުގެ ތެރެއިން ޖޯޑަންގެ އާއިޝަތު އަލް އަވާދު ބަލިކޮށްފަ އެވެ.

ރާއްޖެ އިން ވަނީ މީގެ ކުރިން 2019ގައި އޮތް ސްޕެޝަލް އޮލިމްޕިކްސް ވޯލްޑް ގޭމްސްގައިވެސް ވާދަކޮށްފަ އެވެ. އެ ފަހަރު ރާއްޖެއިން ވާދަކުރީ ދުވުމުގައި އެކަންޏެވެ.

2019ގެ މާޗު މަހު އަބޫދާބީގައި ކުރިއަށްދިޔަ ސްޕެޝަލް އޮލިމްޕިކްސްގައި ރާއްޖޭގެ ހަތަރު އެތުލީޓުން ވާދަކުރިއިރު ރާއްޖެއިން ދެ މެޑަލް ހޯދި އެވެ. އެ ފަހަރު ނިއުނޭޝަންގެ 100 މީޓަރ ކެޓަގަރީގެ އަންހެން ފައިނަލް ހީޓުގައި ވާދަކޮށް ރާއްޖޭގެ ސިފްނާ އިބްރާހިމް ރަން މެޑަލް ހޯދި އެވެ. އަދި ނިއުނޭޝަންގެ 200 މީޓަރ ކެޓަގަރީގެ ފިރިހެން ބައިގައި ވާދަކޮށް ރާއްޖޭގެ ވަސްމީ ވަޙީދު ރިހި މެޑަލް ހޯދި އެވެ.