22 ޖޫން 2023 - 13:55 0
އަހުމަދު ސައީދު
މޯލްޑިވިއަންގެ ސީޕްލޭނެއް: އީދު ބަންދުގައި ފުޅަދޫ އަށް ހަތަރު ދަތުރު ކުރާނެ -- އަދަދު ފައިލް ފޮޓޯ
22 ޖޫން 2023 - 13:55 0
ބޮޑު އީދު ބަންދުގައި މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތަކެއް ބ. ފުޅަދޫ އަށް ބާއްވަން ހަމަޖައްސައި ޓިކެޓް ވިއްކަން ފަށައިފި އެވެ.
މޯލްޑިވިއަން އިން ބުނި ގޮތުގައި މާލެ އިން ފުޅަދޫ އަށް ކުރާ، މި ދަތުރުތައް އޮންނާނީ މި މަހުގެ 29،27،26 އަދި ޖުލައި އެއް ވަނަ ދުވަހު އެވެ. ގޮއިދޫ އާއި ފެހެންދޫ ކައިރީ ހިތްގައިމު ފަޅެއްގައި އޮންނަ ފުޅަދޫ އަށް، ސީޕްލޭނުގައި ދިއުމަށް މޯލްޑިވިއަން އިން ނަގަން ހަމަޖައްސާފައި ވަނީ އެއްކޮޅު ޓިކެޓަށް ބޮޑު މީހަކަށް 1،615ރ. އެވެ. އަދި ކުޑަ ކުއްޖަކަށް، 1،475ރ. އެވެ.
"ފުޅަދޫ އަށް ސީޕްލޭން ބާއްވަނީ އެއީ އެކަހެރިކޮށް އޮތް ރަށަކަށް ވެފައި، އީދު ބަންދުގައި މީހުން ރަށްރަށަށް ދަތުރު ކުރަން އިތުރު ފުރުސަތެއް ފަހިކޮށް ދިނުމަށް،" މޯލްޑިވިއަންގެ ހިދުމަތްދޭ އައިއޭއެސްގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތް ޖެނިފާ ވިދާޅުވި އެވެ.
މިއީ މޯލްޑިވިއަން އިން ވަކި ރަށަކަށް އީދު ބަންދުގައި ސީޕްލޭން ދަތުރުތައް ބާއްވާ ފުރަތަމަ ފަހަރެވެ. ޖެނިފާ ވިދާޅުވީ ކުރިއަށް އޮތް ތަކުގައި އިތުރު ރަށްރަށް ވެސް ސިޕްލޭންގެ ދަތުރުތައް ބޭއްވުމަށް ވިސްނަވާ ކަމަށެވެ.
ފުޅަދޫ އަކީ ގުދުރަތީ ގޮތުން ފުރިހަމަ ރީތި ސިފަތެކެއް ލިބިފައިވާ ހިތްގައިމު ހަމަހިމޭން ރަށެކެވެ. ފަސް ގެސްޓު ހައުސް ހުންނަ، ފުޅަދޫ ބީޗު ދުނިޔޭގެ އެންމެ މަގުބޫލު ބީޗު ތަކުގެ ލިސްޓުގައި ހިމެނެ އެވެ.
ފުޅަދޫ ކައުންސިލްގެ ރައީސް އަލީ އަޒްހަރު ވިދާޅުވި ގޮތުގައި އީދު ބަންދުގައި ހަމަހިމޭން މާހައުލަކަށް ދާން ބޭނުންވާނަމަ އެއްމެ ހިތްގައިމު ރަށަކަށް ވާނީ 400 ވަރަކަށް މީހުން ދިރިއުޅޭ ފުޅަދޫ އެވެ.
"އަތޮޅުގައި އެންމެ ވަރުގަދަ އަށް ބޮޑު އީދު ފާހަގަ ކުރާ އެއް ރަށަށް މިރަށް ވާނެ، ހަވާ ވެސް އަރުވާނެ، އާއިލާ އާއެކު ހަމަ ހިމޭނެ މާހައުލަކަށް އަންނަ ބޭނުން ނަމަ، ފުޅަދޫ އަށް އާދޭ، އަޑު މަޑުވާނެ، އެއް ވެސް ކަމަކަށް ދައްޗެއް ނުވާނެ،" އަޒްހަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި އެ ރަށުގެ މޫދަކީ ބަލައި ފޫރި ނުވާނެ ތަނެވެ. ދިރުންތަކުން މުއްސަނދި ވެފައިވާ ފަރެއް އެ ރަށަށް ލިބިފައިވެ އެވެ.
Comment