Advertisement

ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖު: ޖޫނިއާ ބައިގެ ޗެމްޕިއަންކަން ހޯދީ އާމިން

21 ޖޫން 2023 - 00:42 0

އިސްމާއީލް އަޒްމީން

އިސްމާއީލް އަޒްމީން

ބުރުނު ޝިކާރު ޗެލެންޖްގެ ޖޫނިއާ ޗެމްޕިއަންކަން ހޯދި އާމިން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖު: ޖޫނިއާ ބައިގެ ޗެމްޕިއަންކަން ހޯދީ އާމިން

21 ޖޫން 2023 - 00:42 0

ގައުމީ ބޮޑީބޯޑިން ލީގުގެ ފުރަތަމަ މުބާރާތްކަމަށްވާ ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖުގެ ޖޫނިއާ ބައިގެ ޗެމްޕިއަންކަން އާމިން އުމަރު މޫސާ ހޯދައިފި އެވެ.

މިދިޔަ އަހަރުގެ ގައުމީ ބޮޑީބޯޑިން ލީގުގެ ޖޫނިއާ ބައިގެ ޗެމްޕިއަންކަން ހޯދި އާމިން ބުރުނު ޝިކާރު ޗެލެންޖުގެ ޗެމްޕިއަންކަން ހޯދީ ފޯރިގަދަ އަދި ވާދަވެރި ފައިނަލްގައި އިޔާން އަހުމަދު، މުހައްމަދު ކައިފް އަދި މުހައްމަދު ޖަރީޝް ޖިހާދު ބަލިކޮށްގެންނެވެ.

ފައިނަލް ހީޓުގައި ވާދަކުރި ހަތަރު ބައިވެރިންނަކީވެސް ގައުމީ ޖޫނިއާ ޓީމްގެ އެތުލީޓުންނެވެ. މިއީ ގައުމީ ޖޫނިއާ ޓީމްގެ ހަތަރު އެތުލީޓުން މުބާރާތެއްގެ އެއް ހީޓެއްގައި ވާދަކުރި ފުރަތަމަ ފަހަރެވެ.

އާމިން ފައިނަލް ހީޓު ކާމިޔާބުކުރީ 10.40 ގެ ސްކޯއަކުންނެވެ. ދެވަނަ ހޯދީ އިޔާން އަށް ލިބުނީ 9.26ގެ ސްކޯއެކެވެ. 8.90 ގެ ސްކޯއަކާއިއެކު ކައިފް ތިންވަނަ އަށް ދިޔައިރު، 6.84ގެ ސްކޯއަކާއިއެކު ހަތަރުވަނަ އަށް ދިޔައީ ޖަރީޝް އެވެ.

ޖޫނިއާ ބައިގެ ފައިނަލް ހީޓު ފަށައިގެން ފުރަތަމަ ހީޓު ލީޑު ކުރީ ޖަރީޝްއެވެ. އޭގެ ފަހުން އާމިން ރަނގަޅު ރާޅެއް ދުއްވާލައި ކުރިއަށް ޖެހިލި އެވެ. ހީޓުގެ މެދުތެރެއިން ކައިފް ލީޑު ނަގައި އެއްވަނައިގައި ގިނަ ވަގުތު އޮތެވެ. މެޗުގެ ނަތީޖާ އެނބުރުނީ އެންމެ ފަހު ދެ މިނެޓުގަ އެވެ. ހީޓު ނިމެން ދެ މިނެޓު އިންދާ އާމިން ރަނގަޅު މެނޫވާއެއް ހަދައި މަތީ ސްކޯއެއް ހޯދި އެވެ. ހީޓު ފެށީއްސުރެ ފުލުގައި އޮތް އިޔާންވެސް ފަހު ދެ މިނެޓުގައި ގާތް ގާތުގައި ތިން ރާޅެއްގައި އަޅައި ސްކޯތަކެއް ހޯދި އެވެ.

ބުރުނު ޝީކާރު ބޮޑީބޯޑިން ޗެލެންޖުގެ ޖޫނިއާ ބައިގެ ޗެމްޕިއަންކަން ހޯދީ އާމިން ފައިނަލް ހީޓުގައި ވާދަކުރަނީ - ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ހީޓުގެ ފަހު ރާޅުތަކުގެ ސްކޯތައް އަޕްޑޭޓްވީ ވަގުތު ހަމަވިތާ މިނެޓެއްވަރު ފަހުންނެވެ. ސްކޯ އަޕްޑޭޓްވުމުގެ ކުރިން ކުރީގައި އޮތީ ކައިފް އެވެ. ނަމަވެސް ފަހު ދެ މިނެޓުގައި ސިޓުއޭޝަން ބަދަލުވެ އާމިން އެއްވަނަ އަށް ޖެހިލިއިރު ޒުވާން ބޮޑީބޯޑަރު އިިޔާން ދެވަނައަށް ޖެހިލި އެވެ.

ޖޫނިއާ ބައިގެ ސެމީ ފައިނަލުގައިވެސް ފެނުނީ ވާދަވެރި ހީޓުތަކެކެވެ. ސެމީ ހީޓުގެ ދެވަނަ ހޯދައި އިޔާން ފައިނަލުން ޖާގަ ހޯދީވެސް ފަހު ވަގުތު ދުއްވާލި ތިން ރާޅުގެ ތެރެއިން ދެ ރާޅުން ރަނގަޅު ސްކޯތަކެއް ހޯދައިގެންނެވެ. ކައިފް އާއި ޖަރީޝްވެސް ފައިނަލުން ޖާގަ ހޯދީ ދާދި އެއްކަހަލަ ގޮތަކަށް ފަހު މިނެޓުގައި ދުއްވާލި ރާޅުތަކުން ހޯދި ސްކޯތަކުންނެވެ.